ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި، އަނެއް ދުވަހު ދެނީ ލުއި: ނަޝީދު

26 ޖުލައި 2025: ރައީސް މުއިއްޒު، ކުރީގެ ރައީސް ނަޝީދާ ސަލާމްކުރައްވަނީ --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ހައްދެއް ނެތް މިންވަރަށް ވަންނަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މި ސަރުކާރުން ސިނގިރޭޓު ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އެ ޑިއުޓީ ކުޑަކުރުމަށް މަޝްވަރާކުރަމުންދާކަން ހާމަކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ފާހަގަކުރެވެނީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައެއް ނޫނެވެ.

އޭގެ ބަދަލުގައި، ސަރުކާރުގެ އަމަލުތައް ހުރީ ތަފާތު ކަންކަން މަނާކޮށް، "ހެޑްލައިން" ހެދުމަށް އިސްކަންދޭ އުސޫލަކުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުން ސިނގިރޭޓު ނުބޮވޭ ވަރަށް އަގު ބޮޑުކޮށް ވޭޕަކީ ކަޅު ބާޒާރުގައި އެކަނި ލިބޭ އެއްޗަކަށް ހަދައިފި ކަމަށެވެ. އަދި ޝީޝާ މަނާކުރަން މަޝްވަރާކުރާކަމަށް ވިދާޅުވެ، މިހާރު ސްމާޓް ފޯން ބޭނުންކުރުން މަދުކުރުމަށް ވަކާލާތު ކުރަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި މިއީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ހައްދެއް ނެތި ވަނުން ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ފުރަތަމަ މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށްފަހު، ފަހުން ލުއި ދޭކަމަށް ދެއްކުމަށް ޓަކައި ކުރިން މަނާކުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުން އަމަލުކުރަމުންދާ އުސޫލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން މަޝްވަރާކުރާ ކަމަށް ސަރުކާރުން ބުނާއިރު، އެ ކަން ކުރަން އުޅެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެ އިދާރާއިން އަދި އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ސަރުކާރަކީ ކުރިން ނިންމާ ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އަލުން ކުރިން އޮތް ގޮތަށް ބަދަލުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ސަރުކާރެކެވެ.

އޭގެ ތެރޭގައި އާސަންދަ އިސްލާހުކުރުމާއި ސަބްސިޑީ ރިފޯމް ކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކަޅުބާޒާރުގައި ކޮލިޓީ ދަށް ސިނގިރޭޓު ވިއްކުން އިތުރުވެ، މީހުން އެހެން ބާވަތްތަކަށް ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، މިކަންކަން ހުއްޓުވުމަށް ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ބަދަލުގައި، އަލުން އަގު ދަށްކުރަން އުޅޭތީ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް ހައްދެއްނެތި ނުފޫޒު ފޯރުވަމުންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މި ފާޑުކިޔުންތައް އަމާޒުކުރައްވާފައިވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަޝީދު ސިފަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމުގެ ބަދަލުގައި، އެކި ކަންކަން މަނާކޮށްގެން ސަމާލުކަން ހޯދުމެވެ. ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަޅުބާޒާރުގައި ވޭޕާއި ފެންވަރުދަށް ސިނގިރޭޓު ވިއްކުން ވަނީ އިތުރުވެފައެވެ. މިކަންކަން ހައްލުކުރުމަށް ތަންފީޒީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ބަދަލުގައި، ސިޔާސަތުތައް އަނބުރާ ގެންދިއުމަކީ އާންމުންގެ ނުރުހުން އަމާޒުވެފައިވާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިން ޑިއުޓީ ކުޑަކުރަން އުޅޭކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

  • ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ކަންކަން މަނާކުރުމުގެ މައްޗަށް ކަމަށް ތުހުމަތުކުރުން.
  • ޑިއުޓީ ބޮޑުކުރުމަށްފަހު އަނބުރާ ކުޑަކުރަން އުޅެނީ ކަމާބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ ލަފާގެ މަތިންކަމަށް ބުނިނަމަވެސް އެކަން ކަށަވަރުނުވުން.
  • އާސަންދަ އަދި ސަބްސިޑީ ފަދަ މުހިންމު ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ކަންކަން ބަދަލުކުރުން.
  • ކަޅުބާޒާރުގެ ވިޔަފާރި ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުން.
  • ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް މާބޮޑަށް ނުފޫޒުފޯރުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވޭ.
  • ފިޔަވަޅުތައް ތަންފީޒުކުރުމުގެ ބަދަލުގައި ސިޔާސަތުތައް އަވަސްއަވަހަށް ބަދަލުކުރުމަކީ ސަރުކާރުގެ ބަލިފަޔެއްކަން ފާހަގަކުރެވޭ.
  • ކަޅުބާޒާރު ކޮންޓްރޯލްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ވަނީ ބޮޑުވެފައި.
comment ކޮމެންޓް