އާންމު ސިއްހަތާއި ރައްކާތެރިކަމުގެ ޚިދުމަތްތައްދޭ ދަމަނަވެށި މަރާމާތައް ބަންދުކޮށް އެތަނުންދޭ ޚިދުމަތްތައް ވަގުތީ ގޮތުން މާފަންނުގައި ހުންނަ އާބަން ޕްރައިމެރީ ހެލްތް ކެއާ ސެންޓަރަށް ބަދަލުކޮށްފިއެވެ.
ދަމަނަވެއްޓަކީ ކުދިންގެ ބަރުދަން ބެލުމާއި ވެކްސިން ޖެހުން ފަދަ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ.
ހެލްތު މިނިސްޓްރީއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ވަނީ ދަމަނަވެށި ބަންދުކުރަނީ ކުރީގެ ތެލެސީމިއާ ސެންޓަރާއި ދަމަނަވެށި ހިންގާ އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައި ވާތީ ކަމަށެވެ. އަދި ދަމަނަވެށިން ދޭ ޚިދުމަތްތައް ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭރު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީއިން އޭރު ބުނީ އެ ޚިދުމަތްތައް ބަދަލުކުރާނީ މާފަންނުގައި ގާއިމުކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރާއި ހުޅުމާލެ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކުލިނިކަށް ކަމަށެވެ.
އައިޖީއެމްއެޗްއިން މިއަދު ނެރުނު އިއުލާނުގައި ވަނީ ދަމަނަވެށީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ދާތީ އެ މަރުކަޒުން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް މިއަދުން ފެށިގެން މާފަންނުގައި ހުންނަ އާބަން ޕްރައިމެރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އާބަން ޕްރައިމެރީ ހެލްތް ކެއާ ސެންޓަރު ޔޫޕީއެޗްސީ އަކީ ޖެނެރަލް ޕްރެކްޓިސް ކްލިނިކްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޗައިލްޑް ހެލްތު ކްލިނިކްގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ކުދިން ހެދި ބޮޑުވަމުން އަންނަ ގޮތް ފަސޭހައިން މޮނިޓާކުރެވޭނެ ގޮތް ހަމަޖެހި ބެލެނިވެރިންނަށް ކައުންސިލިން ގެ ޚިދުމަތް ވެސް ފޯރުކޮށްދޭ ތަނެކެވެ.
އެ ސެންޓަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް، ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އެ ތަނުގައި ހުޅުވި ސެންޓަރެކެވެ.