ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭ ފުލް ކޮންޓެއިނަރު ސްކޭނަރެއް މައި ވިޔަފާރި ބަނދަރުގައި ހަރުކުރާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅު ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ، އެތެރެކުރާ އެއްޗެހި ގަވައިދުން ރާއްޖޭގެ ބޯޑަރު ސެކިއުރިޓީން ބަލަމުން އަންނަ ކަމަށެވެ.
އިޙްސާން ވިދާޅުވީ، ރާއްޖެއަށް ގަވައިދާ ޚިލާފަށް އެތެރެކުރާ ތަކެތި އަތުލައިގަތުން އިތުރުކުރުމަކީ ގާނޫނާއި ގަވައިދުތައް ތަންފީޒުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އެގޮތުން ކަސްޓަމްސް ފަދަ ތަންތަނުގައި ފުރިހަމައަށް ސްކްރީން ކުރަން ފެށުމުން ގަވައިދާ ޚިލާފަށް އެތެރެކުރާ ތަކެތި އަތުލައިގަތުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ގާއިމްކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް، އިޙްސާން ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
"އެމްޕީއެލާއި ކަސްޓަމްސްއާ ގުޅިގެން އަޅުގަނޑުމެން އެބަ ގެންދަން، ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނާއެއް އިންސްޓޯލްކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ ހަތަރު ވަރަކަށް މަސް ތެރޭގައި އަޅުގަނޑަށް ބެލެވެނީ އެކަންވެސް ނިމިގެން ދާނެ ކަމަށް،" އިޙްސާން ވިދާޅުވިއެވެ.
އިޙްސާން މިހެން ވިދާޅުވިއިރު ކަސްޓަމްސްއިން ވަނީ ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މި މެއި މަހުގެ 14ވަނަ ދުވަހު އަތުލައިގެންފައެވެ. އެ ތަކެތި އަތުލައިގަތީ މައި ވިޔަފާރި ބަނދަރުގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަނުގައި ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވެއެވެ.
މީގެ އިތުރުން، އޭޕްރިލް 26، 2024ގައި ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ކަސްޓަމުން ހިފަހައްޓައިފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، ދައުވާ އުފުލައިފައިވެއެވެ.
މިފަދަ މައްސަލަތައް ގިނަވެފައިވާއިރު ފުލް ކޮންޓެއިނަރު ސްކޭނަރު ގާއިމްކޮށް ނިމުމުން، ގަވައިދާ ޚިލާފަށް މުދާ އެތެރެކުރުން މަދުވެގެން ދާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.