ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ހަދަނީ

މާލޭގެ ބަންދަރުގައި އޮތް ދޯންއަކަށް އެސްޓީއޯގެ މުދާ ބަރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓާވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން މޯސްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްމަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކުން އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމުގެ ގޮތުން އެ ވެރިފިކޭޝަން ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސް ސާވިސްއާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

އަދި މީގެ އިތުރުން ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ގުޅިގެން ކުރަމުންދާކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ވިޔަފާރިތަކުން މުދާ ގެނައުމަށް ބޭންކު މެދުވެރިކޮށް ހަދާ ޓީޓީތަކަކީ މުހިންމު މާލީ މުއާމަލާތެކެވެ.

މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވުމާ ގުޅިގެން، ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްއިން މިހާރު ވަނީ ރުފިޔާއިން ފައިދާ ހޯދުމަށް ފުރުސަތު ހުޅުވާލައި ލިބުނު ޑޮލަރުން، ޓީމޫ ފަދަ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައެވެ.

comment ކޮމެންޓް