ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އޭޝިއާ ސަރަހައްދުގެ ބައެއް ގައުމުތަކުގައި ހިމަބިހި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މި މަހުގެ ތެރޭގައި ރާއްޖޭން އެ ބަލީގެ ހަތަރު ކޭސްއެއް ވަނީ ފެނިފައެވެ. އެޗްޕީއޭއިން ވަނީ، ރާއްޖޭން ފެނުނު ހިމަބިހީގެ ކޭސްގެ އަދަދު ޖުމްލަ ހަތަކަށް އަރައިފައިވާ ކަމަށާއި އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.
އެ ބައްޔާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ހުން އައިސް، ބިހި ނެގުން ފަދަ އަަލާމާތްތައް ފެންނަ މީހުން މިހާރު ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ހިމަބިހިން ރައްކާތެރިވެވެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށެވެ.
"ރާއްޖޭގެ ވެކްސިން ކަވަރޭޖް ވަރަށް މަތީ ކަވަރޭޖެއްގައި، އެތައް ޒަމާނަކަށް ހިފެހެއްޓިފައި ހުންނަނީ، އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ އެކި ސަބަބުތަކާ ހެދި ވެކްސިން ނުޖެހޭ ފަރާތްތައް. އެހެންވީމަ ރިސްކު އެބައިން އަޅުގަނޑުމެންގެ ތެރޭގައި ވެސް،" ނާޝިޔާ ވިދާޅުވިއެވެ.

ހިމަބިހި ޖެހުމުން ފެންނަ ބިހިތައް: އެ ބަލިން ރައްކާތެރިވެވެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން --- ފޮޓޯ/ ގެޓީ
އޭނާ ވަނީ، ވެކްސިންގެ ދެ ޑޯޒް ޖެހިކަމުގެ ލިޔުން ނެތް ނަމަ ނުވަތަ ދެ ޑޯޒް ފުރިހަމަވިކަން ޔަގީން ނުވާ ނަމަ ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފައެވެ.
ނާޝިޔާ ވިދާޅުވީ މިހާރު ކުރަމުން ދަނީ، ސިއްހީ ދާއިރާގެ މީހުންނާއި ހިމަބިހި ޖެހުނު މީހުންގެ ކޮންޓެކްޓުންނަށް ވެކްސިން ޑޯޒް ހަމަކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ އާންމުންނަށް ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް މިހާތަނަށް ފަށައިފައި ނުވި ނަމަވެސް، އެކަން ކުރުމަށް ޓަކައި ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކުރިއަށް އޮތް ދުވަސްކޮޅުގައި ވެކްސިން ދެ ޑޯޒް ފުރިހަމަ ނުވެ ތިބި އާންމު ރައްޔިތުންނަށް ވެސް ވެކްސިން ފޯރުކޮށްދެވޭތޯ. އެހެންވީމަ ބޭރުން ވެކްސިން ގެނައުމަށް ޓަކައި ޕްރޮސެސްތަކެއް އެބަހިނގާ،" ނާޝިޔާ ވިދާޅުވިއެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.
ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.
ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:
- ގަދަޔަށް ހުން އައުން
- ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
- ކިނބިހިއެޅުން
- ކަރުތެރެ ހަލާކުވެ ފާރުވުން
- ކެއްސުން
- ވަރުބަލިވުން
- ނުތަނަވަސްވުން
- ގައިގައި ނުވަތަ މަސްތަކުގައި ރިހުން
- ކާހިތްނުވުން
ޑރ. ޢަބްދުލް ޢަޒީޒުގެ ބްލޮގްގައިވާ ގޮތުން، ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ.
ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ. އެ ބަލީގެ އަލާމާތްތައް ހުންނަ މީހުން ވީހާވެސް އަވަހަށް ދެނެގަންނަން، އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް' އެއް ވެސް ވަނީ ގާއިމުކޮށްފައެވެ.