ސްވިޑަންގެ އާބާދީގައި ސިނގިރޭޓު ބޯ މީހުންގެ ނިސްބަތް ފަސް އިންސައްތައަށް ވުރެ ދަށްވެ، އެ ގައުމަކީ "ދުންފަތުގެ އިސްތިއުމާލު ނުކުރާ" ނުވަތަ ސްމޯކް-ފްރީ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ސްވިޑަންގެ ކައުންސިލް ފޯ އިންފޮމޭޝަން އޮން އެލްކޮހޯލް އެންޑް އަދާ ޑްރަގްސް (ކޭން) އިން އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައި ވަނީ މި ތާރީޚީ ކާމިޔާބީ ކަށަވަރުކޮށްދީފައެވެ. އެ ކައުންސިލުން ބުނި ގޮތުގައި، މިއާއެކު މިދިޔަ އަހަރަށް ކަނޑައަޅާފައިވާ އާންމު ސިއްހަތުގެ ދިގުމުއްދަތުގެ އަމާޒު މިހާރު ވަނީ ހާސިލުވެފައެވެ.
ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ސްވިޑަންގައި ކޮންމެ ދުވަހަކު ސިނގިރޭޓު ބޯ މީހުންގެ ނިސްބަތް އުޅެނީ 3.7 އިންސައްތަ އާއި 4.8 އިންސައްތައާ ދެމެދުގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، ގައުމެއްގެ އާބާދީގައި ގަވާއިދުން ސިނގިރޭޓު ބޯ މީހުންގެ ނިސްބަތް ފަސް އިންސައްތައަށް ވުރެ ދަށްވުމުން އެއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމެއް ކަމަށް ބެލެވެއެވެ. ސްވިޑަންއިން މި ލަނޑުދަނޑި ހާސިލުކޮށްފައިވާއިރު، މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ގައުމެވެ.

ސްވިޑަން--
ތާރީޚަށް ބަލާއިރު، 1980 ގެ އަހަރުތަކުގެ ކުރީކޮޅު ސްވިޑަންގެ އާބާދީގެ 30 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ސިނގިރޭޓު ބޯ މީހުންނެވެ. ނަމަވެސް ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ކޭންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލު އައިސްފައިވަނީ ސަރުކާރުން ތަންފީޒުކުރި އާންމު ސިއްހަތުގެ ހަރުދަނާ ސިޔާސަތުތަކާއި، މުޖުތަމައުގެ އާދަކާދަތަކަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި އާންމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާކުރުމާއި، ޓެކްސް ބޮޑުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ޚާއްސަކޮށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ސްވިޑަން ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޓެކްސް 10 އިންސައްތަ ބޮޑުކޮށް، އޭގެ ބަދަލުގައި ބޭނުންކުރާ ސްނުސް ފަދަ އުފެއްދުންތަކުން ނަގާ ޓެކްސް 20 އިންސައްތަ ކުޑަކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ގިނަ ބަޔަކު ސިނގިރޭޓާ ދުރަށް ދިއުމަށް ބާރުއެޅިގެން ދިޔަ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
މި ރިޕޯޓުގައި އާބާދީގެ އެކި އުމުރުފުރާތަކުގެ މެދުގައި ހުރި ތަފާތުތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ކޮންމެ ދުވަހަކު ސިނގިރޭޓު ބޯ މީހުންގެ ތެރެއިން މިހާރު އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ އުމުރުން 50 އަހަރާއި 84 އަހަރާ ދެމެދުގެ އަންހެނުންނެވެ. މި އުމުރުފުރާގެ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް ހަ އިންސައްތަ މީހުން އަދިވެސް ކޮންމެ ދުވަހަކު ސިނގިރޭޓު ބޯ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ ކުރިން ސްވިޑަންއަކީ ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ސިނގިރޭޓު ބޯ ގައުމެއް ނަމަވެސް، މިހާރު މި ނިސްބަތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަނެއްކޮޅުން، އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރޭގައި ކޮންމެ ދުވަހަކު ސިނގިރޭޓު ބޯ މީހުންގެ ނިސްބަތް އުޅެނީ އެންމެ 2.9 އިންސައްތައިގައެވެ. މިއީ މުޅި ވިލާތުގައި ވެސް ޒުވާނުންގެ މެދުގައި ސިނގިރޭޓު ބޯ ނިސްބަތް އެންމެ ދަށް އެއް ގައުމެވެ.
ސިނގިރޭޓު ބޯ މީހުންގެ ނިސްބަތް ދަށްވި ނަމަވެސް، ނިކޮޓިން އެކުލެވޭ އެހެނިހެން އާ އުފެއްދުންތައް ބޭނުންކުރާ މިންވަރު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޚާއްސަކޮށް 2021 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު، ދުންފަތް ނުހިމެނޭ 'ވައިޓް ސްނުސް' (އަނގަޔަށް ލާ ނިކޮޓިން ޕައުޗް) ވިކިފައިވާ މިންވަރު ވަނީ 180 އިންސައްތަ އިތުރުވެފައެވެ. ހަމަ މި މުއްދަތުގެ ތެރޭގައި ވޭޕް ކުރަން ބޭނުންކުރާ ދިޔަ ނުވަތަ ވޭޕް ލިކުއިޑް ވިކިފައިވާ މިންވަރު ވަނީ 640 އިންސައްތަ އިތުރުވެފައެވެ. މިއީ ޒުވާނުންގެ މެދުގައި، ޚާއްސަކޮށް ޒުވާން އަންހެނުންގެ މެދުގައި މިފަދަ އުފެއްދުންތައް މަގުބޫލުވަމުންދާކަން އަންގައިދޭ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: --- ފޮޓޯ/ގެޓީ އިމޭޖަސް
މީގެ ކުރިން ސްނުސް ބޭނުންކުރަނީ ގިނައިން ފިރިހެނުން ކަމަށް ވިޔަސް، ވައިޓް ސްނުސް ތައާރަފުވުމާއެކު އަންހެނުންގެ މެދުގައި މި ބާވަތް ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. އެގޮތުން 2007 ވަނަ އަހަރު ސްނުސް ބޭނުންކުރާ އަންހެނުންގެ ނިސްބަތް ހަތަރު އިންސައްތައިގައި އޮތް ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް އައިއިރު މި ނިސްބަތް ވަނީ 14 އިންސައްތައަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 29 އިންސައްތަ މީހުންނަކީ ކޮންމެވެސް ސިފައެއްގައި ސްނުސް ބޭނުންކުރާ މީހުންނެވެ. ވިލާތުގެ އިއްތިހާދުގައި 1992 ވަނަ އަހަރުން ފެށިގެން ސްނުސް މަނާކޮށްފައި އޮތް ނަމަވެސް، 1995 ވަނަ އަހަރު ސްވިޑަން އެ އިއްތިހާދާ ގުޅުނުއިރު ވަނީ މި އުފެއްދުން ވިއްކުމުގެ ޚާއްސަ ހުއްދައެއް ހޯދާފައެވެ.
ސްވިޑަންގައި ސިނގިރޭޓު ބޯ މިންވަރު ދަށްވުމުގެ ސަބަބުން އާންމު ސިއްހަތަށް ވަނީ ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިލާތުގެ އިއްތިހާދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސްވިޑަންގައި ކެންސަރު ބަލި ޖެހޭ ނިސްބަތް 41 އިންސައްތަ ދަށެވެ. އަދި ދުންފަތުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ވެސް 44 އިންސައްތަ ދަށް ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އާދައިގެ ސިނގިރޭޓު ބުއިމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ރަނގަޅަށް ހޯދިފައިވީ ނަމަވެސް، ނިކޮޓިން އެކުލެވޭ އާ އުފެއްދުންތަކުން ކުރާ އަސަރުތަކާ މެދު އަދި އެނގެނީ ވަރަށް މަދު މިންވަރެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕް ކުރުމަކީ ފުއްޕާމޭގެ ބައެއް ބަލިތަކަށް މަގުފަހިކުރުވާ ކަމަކަށް ވުން އެކަށީގެންވެއެވެ.
ސްވިޑަންގެ މި ކާމިޔާބީގެ ސިއްރަކީ ހަމައެކަނި މަނާކުރުމުގެ ބަދަލުގައި، ގެއްލުން ކުޑަ ގޮތްތައް ޚިޔާރުކުރުމަށް ފުރުސަތު ދިނުން ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް، ސްނުސް ފަދަ އުފެއްދުންތަކުން ނަގާ ޓެކްސް ކުޑަކުރުމުން، ގިނަ ބަޔަކު ވަނީ ސިނގިރޭޓާ ދުރަށް ގޮސްފައެވެ. އެހެންނަމަވެސް، މި އާ އުފެއްދުންތަކުގެ ސަބަބުން ދިގު މުއްދަތުގައި އާންމު ސިއްހަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އިތުރު ދިރާސާތައް ކުރުމަށް ސިއްހީ މާހިރުން ދަނީ ގޮވާލަމުންނެވެ. ސިނގިރޭޓު ބުއިން ހުއްޓުވުމުގައި ސްވިޑަންއިން ކާމިޔާބީ ހޯދާފައިވީ ނަމަވެސް، އާ ބާވަތްތަކުގެ ނިކޮޓިން އުފެއްދުންތައް ކޮންޓްރޯލް ކުރުމަކީ ކުރިއަށް އޮތް ތަނުގައި ސިއްހީ އިދާރާތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެއެވެ.