އިތުބާރުކުރެވޭފަދަ މަގާމެއްގައި ހުރެ 16 އަހަރުގެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، "ބްރައިޓް މައިންޑްސް" ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ އަންގާރަ ދުވަހު އަފްލަހުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އަފްލަހުގެ މައްޗަށް ހަ ދައުވާއެއްކޮށް، މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އަލީ އަފްލަހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި:
- މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށް ޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
- އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.
މި ދައުވާތައް އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަފްލަހު ވަނީ އެ އަންހެން ކުއްޖާއަށް އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު އަފްލަހު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި ރާއްޖެ އެނބުރި އައި ވަގުތު އެއާޕޯޓުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި އަފްލަހު މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.