އިންޑިއާއިން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ދެ މީހެއްގެ ލަގެޖުން 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާގެ ދެ މީހެއްގެ ލަގެޖުން ހޯދި މަސްތުވާތަކެތީގެ ބަރުދަނުގައި 5.5 ކިލޯ ހުއްޓެވެ.
އެ މަސްތުވާތަކެތި ފެނުނީ، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ފާހަގަކުރިއެވެ.
އިންޑިއާއިން ރާއްޖެ އަންނަ މީހުންގެ އަތުން ޑުރަގު ފެނުމުގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ފެންމަތިވެފައިވެއެވެ.
އޭގެ ތެރޭގައި، އިންޑިއާއިން ރާއްޖެ އައި އުމުރުން 30 އަހަރުގެ މީހަކު އޭނާގެ ޓެނިސް ބޫޓުގެ ފުލުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ކަސްޓަމްސްއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަތަކުގެ އިތުރުން، މިދިޔަ މަހުގެ ނުވައެއްގައި ބެންގަލޫރުން ރާއްޖެ އައި ބައެއްގެ ލަގެޖްތަކުގައި އިތުރު ފޫތަކެއް އަޅައިގެން 8.3 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މި މައްސަލައިގައި ތިން ދިވެހިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުން އިތުރުވަމުން އަންނާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ޚާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ މިހާރު މަރުގެ އަދަބު ކަނޑައަޅާފައިވާ ބޮޑު ކުށެކެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިދިޔަ މާރިޗް މަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
މި އަދަބު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ މެދުގައި އިއްތިފާގުނުވާ ހާލަތުގައި އިއްވޭނީ އުމުރު ދުވަހުގެ ޖަލުހުކުމަކާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާއި ދެމެދުގެ ޖޫރިމަނާއެކެވެ.