ލ. ގަމުގައި އީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ހިނގާ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވި ގޮތުގައި، ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދިޔަ އެ ކުއްޖާ ވެންޓިލޭޓަރުން ނަގާފައިވަނީ މިއަދު މެންދުރު 12:00 ހާއިރުއެވެ. ނަމަވެސް، އެ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގަމުގައި އީދު ފާހަގަކުރުމަށް މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވީ ނަމަވެސް، ލިބުނު އަނިޔާތަކުގެ ސީދާ ތަފްސީލެއް ހޮސްޕިޓަލުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް އެންމެ ފުރަތަމަ ކުއްލި ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް، ހާލު ސީރިއަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އައިޖީއެމްއެޗަށް ގެނައި ފަހުން އެ ކުއްޖާއަށް ފަރުވާ ދެމުންދިޔައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. މިއަދު ވެންޓިލޭޓަރުން ނެގި ނަމަވެސް، ކުއްޖާގެ ހާލަތު އަދިވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.