އައިޖީއެމްއެޗުގައި ދިވެހި ޓީމަކުން ފުރަތަމަ ފަހަރަށް އީއާރުސީޕީ ފަރުވާ ދީފި

އައިޖީއެމްއެޗުގައި ދިވެހި ޓީމަކުން ފުރަތަމަ ފަހަރަށް އީއާރުސީޕީ ފަރުވާ ދެނީ-- ފޮޓޯ: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ދިވެހި ސިއްހީ ހިދުމަތްތެރިންގެ ޓީމަކުން ފުރަތަމަ ފަހަރަށް، ކުއްލި ހާލަތުގައި ދޭންޖެހުނު އެންޑޮސްކޯޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯޕެންކްރިއަޓޯގްރަފީ (އީއާރުސީޕީ) ފަރުވާއެއް ކާމިޔާބުކަމާއެކު ދީފިއެވެ.

އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މިއީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ދިވެހި ޓީމަކުން މި ފަރުވާ ދިން ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، މި ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުގެ މެޑިކަލް ގޭސްޓްރޯއެންޓަރޮލޮޖީ އެންޑް އެންޑޮސްކޯޕީ ޔުނިޓުގެ ޓީމުތަކުން، ސާޖަރީ އަދި އެނެސްތީސިއާ ޓީމުތަކާ ގުޅިގެންނެވެ. މި ކުއްލި ފަރުވާ ދީފައިވަނީ ފިތު ހޮޅި ނުވަތަ ބައިލް ޑަކްޓުގައި ހިލަ އުފެދުމުގެ ސަބަބުން (ކޮލެޑޮކޯލިތިއާސިސް)، އެ ހޮޅީގައި އިންފެކްޝަން ހެދި ދުޅަވެފައިވާ (ކޮލަންޖައިޓިސް) ބަލި މީހަކަށެވެ.

އައިޖީއެމްއެޗުގައި ދިވެހި ޓީމަކުން ފުރަތަމަ ފަހަރަށް އީއާރުސީޕީ ފަރުވާ ދެނީ-- ފޮޓޯ: އައިޖީއެމްއެޗް

މި ފަރުވާގެ ތެރެއިން ބަލިމީހާއަށް އެންޑޮސްކޯޕިކް ސްފިންކްޓަރޮޓޮމީ ހެދުމުގެ އިތުރުން، ބިލިއަރީ ސްޓެންޓިން ނުވަތަ ފިތު ހޮޅިއަށް ސްޓެންޓެއް ލައްވާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އެންޑޮސްކޯޕީގެ އެހީގައި ދޭ މި ފަރުވާއަކީ ބައިލް ޑަކްޓު ބެދި، އިންފެކްޝަން އުފެދޭ ހާލަތްތަކުގައި އެ ހޮޅި ސާފުކޮށް، ދައުރުވާނެ މަގު ހަދައިދިނުމަށް ދޭ ހާއްސަ ފަރުވާއެކެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އައިޖީއެމްއެޗުން ފާހަގަކުރި ގޮތުގައި، މިއީ ތާރީހީ ކުރިއެރުމެކެވެ. އަދި މިކަމުން ދައްކައިދެނީ ދިވެހި ހާއްސަ ޑޮކްޓަރުންގެ ހުނަރާއި ގާބިލުކަން އިތުރުވަމުންދާ މިންވަރާއި، އެކި ދާއިރާތަކުގެ ސިއްހީ ޓީމުތައް ގުޅިގެން ކުރާ މަސައްކަތުގެ ހަރުދަނާކަމާއި، ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރިއެރުވުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، މިފަދަ ހާއްސަ ފަރުވާތައް ދިވެހި ޑޮކްޓަރުންގެ އެހީގައި ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މަގުސަދަކީ، ހާއްސަ ފަރުވާތައް ހޯދުމަށް ދިވެހި ބަލިމީހުން ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

comment ކޮމެންޓް