ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފެށުމާއެކު، ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަންޖެހޭނެ ކަމަށް ބޮޑެތި ކުންފުނިތަކުގެ އިސްވެރިން (ސީއީއޯއިން) ލަފާކުރާކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މާސާސް ގްލޯބަލް ޓެލެންޓް ޓްރެންޑްސްގެ ރިޕޯޓުގައި ބުނެފައިވަނީ ސާވޭގައި ބައިވެރިވި 99 އިންސައްތަ ސީއީއޯއިން ތިބީ އޭއައިގެ ސަބަބުން ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި މުވައްޒަފުން މަދުކުރަން ޖެހިދާނެތީ އެކަމަށް ތައްޔާރުވެގެންނެވެ.
ގިނަ ވެރިން ގަބޫލުކުރާ ގޮތުގައި މަސައްކަތްތައް އޮޓޮމޭޓްކުރުމަކީ ކުންފުންޏަށް އެންމެ ބޮޑު މާލީ ފައިދާއެއް ލިބޭނެ ގޮތް ނަމަވެސް، އިންސާނުންނާއި މެޝިންތަކުގެ ގާބިލުކަން އެންމެ ދެނެގަނެވޭ ގޮތެއްގައި ގުޅުވައިގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރަނީ އެންމެ 32 އިންސައްތަ ވެރިންނެވެ.
މި ބަދަލުގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށެވެ. އެހެން ދިރާސާއަކުން ދައްކާގޮތުގައި ސީއީއޯއިން މަދުކުރަން ނިންމާފައިވާ މަގާމުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ކެރިއަރުގެ ކުރީކޮޅުގައި ތިބޭ މުވައްޒަފުންގެ މަގާމުތަކެވެ. މީގެ މައިގަނޑު ސަބަބަކީ އޮފީސްތަކުގައި އަލަށް ވަންނަ މުވައްޒަފުން ކުރާ އާދައިގެ އަދި ސާދާ މަސައްކަތްތައް އޭއައި ޗެޓްބޮޓްތަކުން މާ އަވަހަށް އަދި ސައުވީސް ގަޑިއިރު މެދުކެނޑުމެއްނެތި ކޮށްދޭތީއެވެ. މީގެ ސަބަބުން މުސްތަގުބަލަށް މުވައްޒަފުން ތަމްރީނުކުރުމުގެ ބަދަލުގައި ކުންފުނިތަކުން އިސްކަންދެނީ ޓެކްނޮލޮޖީއަށެވެ.
މިކަމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަޒީފާ ނުލިބުމުގެ ނުތަނަވަސްކަން އިތުރުވެ، އޭއައި ޓެކްނޮލޮޖީއާ މެދު އޮތް ޝައުގުވެރިކަން ވަނީ ކުޑަވާން ފަށާފައެވެ. އަދި އޭއައިގެ ސަބަބުން ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުން، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަންވެސް ފާހަގކުރެވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އޮފީސް މާހައުލުގައި ހިތްހަމަޖެހިގެން އުޅުނު މުވައްޒަފުންގެ ނިސްބަތް 66 އިންސައްތައިގައި ހުރިއިރު، 2026 ވަނަ އަހަރު އެ އަދަދު ވަނީ 44 އިންސައްތައަށް ދަށްވެފައެވެ. މިއީ ވަޒީފާ ބަދަލުވުމުގެ މާޔޫސްކަމާ ގުޅިފައިވާ ކަމެއް ކަމަށް ދިރާސާވެރިން ބުނެއެވެ.
ފަހުގެ ތާރީޚެއްގައި ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާގެ ބާޒާރަށް މިފަދަ ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޮޓޮމޭޝަންގެ ސަބަބުން ގިނައިން ބަދަލުވީ އަތުން ކުރާ ފިޒިކަލް މަސައްކަތްތައް ނަމަވެސް، މިފަހަރު އޭއައިގެ ނުފޫޒު އެންމެ ބޮޑަށް ފޯރަމުންދަނީ އޮފީސްތަކުގެ އިދާރީ އަދި ފަންނީ (ވައިޓް-ކޮލާ) ވަޒީފާތަކަށެވެ.
ގިނަ ކުންފުނިތަކަކުން މިހާރުވެސް ދަނީ ޚަރަދު ކުޑަކުރުމަށާއި ފައިދާ އިތުރުކުރުމަށްޓަކައި އޭއައި ޓޫލްތައް ބޭނުންކޮށް، އިންސާނުންގެ ބަދަލުގައި މެޝިންތަކަށް ބަރޯސާވާން ފަށަމުންނެވެ. މިއީ ދުނިޔޭގެ އިގްތިސާދަށާއި ވަޒީފާގެ އޮނިގަނޑަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ.