މިއަދަކީ މި އަހަރުގެ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް

އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާ

މިއަދަކީ ހިޖްރީގޮތުން 1447 ވަނަ އަހަރުގެ ހައްޖު ދުވަހެވެ. ނުވަތަ އަރަފާތު ދުވަހެވެ. ހިޖްރީ ކޮންމެ އަހަރެއްގެ ހައްޖު މަހުގެ ނުވަވަނަ ދުވަހަކީ ބަރަކާތްތެރި ހައްޖު ދުވަހެވެ. އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ.

މި މާތްދުވަހު ހައްޖުވެރިން ތިބޭނީ ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާތު ބިމުގައެވެ. ނުވަތަ އަރަފާގެ ބިމުގައެވެ. އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭނެ ރުކުނެކެވެ.

މި ރުކުން އަދާ ކުރުމަށް ޓަކައި ރޭ ފަތިހުން ފެށިގެން ހައްޖުވެރިން ވަނީ މިނާއިން އަރަފާތަށް ޖަމާވުމުގެ ދަތުރު ފަށައިފައެވެ. އަރަފާތު ބިމަށް ދިޔުމުގެ ދަތުރު ފެށުމުގެ ކުރިން ހައްޖުވެރިން ތިބޭނީ މިނާގައެވެ. އެއީ ތަރްވިޔާގެ ދުވަސް ފާހަގަކުރުމަށްޓަކައެވެ.

ތަރްވިޔާގެ ދުވަސް ފާހަގަކުރުމަށް ޙައްޖުވެރިން މިނާގެ މަޝްޢަރަށްގޮސް އެތަނުގައި ތިބެނީ ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ހައްޖަތުލްވަދާއުގައި އެގޮތަށް ޢަމަލުކުރައްވާފައިވާތީ އެކަލޭގެފާނަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މިއަދު މެންދުރުކުރިން ހައްޖުވެރިން މިނާއިން ޢަރަފާތަށްގޮސް ނިމޭނެ ކަމަށްވަނީ ބެލެވިފައެވެ. އަރަފާތު ދުވަހުގެ ދުއާއަކީ

" لأ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ " މި ދުއާއެވެ.

އަރަފާތު ފަރުބަދަ (ޖަބަލް އަރަފާތު)

އަރަފާތުގައި ހުންނަ އެންމެ ތާރީޚީ ތަނަކީ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާ އެވެ. އެއީ މީގެ ސާދަ ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ޚުތްބާ ދެއްވިތަނެވެ. ޚުތުބާ ދެއްވީ ޖަބަލު އަރަފާތު ނުވަތަ އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވައިގެންނެވެ. އިސްލާމް ދީނުގެ މާތް ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ބާއްވާލެއްވީ އެކަލޭގެފާނު މިފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ.

އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާ

މިއާޔަތަކީ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] އެވެ. މާނައަކީ: "މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން ރަސްކަނލާންގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަނލާންގެ ނިއުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަނލާންގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަނލާންގެ ރުހިވޮޑިގެންފީމެވެ."

މިއާޔަތް ބާއްވާލެއްވީ ހައްޖަތުލްވަދާއުގައި ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ އެތަނުގެ ކައިރީ ބިނާކޮށްފައިވާ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށްފަހުގަ އެވެ. ނަމިރާ މިސްކިތް އެންމެ ފުރަތަމަ ބިނާކުރީ އައްބާސީ ޚިލާފަތުގެ ދުވަސްވަރުގައެވެ. އެ މިސްކިތަށް އެންމެ ފުރަތަމަ ކީ ނަންތަކުގެ ތެރޭގައި މަސްޖިދު އިބްރާހީމުލްޚަލީލު މަސްޖިދް ޢަރަފާތު، މަސްޖިދު ޢުރަނާ ހިމެނެއެވެ. މިހާރު ކިޔަނީ މަސްޖިދުއްނަމިރާގެ ނަމުންނެވެ.

ނަމިރާ މިސްކިތް

ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ޚުތުބާ ދެނީވެސް ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ހައްޖަތުލްވަދާއު ގައި ދެއްވި ތާރީޚީ ޚުތުބާއަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ހައްޖުގެ އަޅުކަން ކުރަމުންގެންދަނީ ހައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ހައްޖުކުރެއްވި ގޮތަށް ކަމަށްވާތީއެވެ. އަރަފާތުގެ ބިމުގައި ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާވެސް އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

އަރަފާތު ބިމުގައި ޖިބްރީލްގެފާނު އިބްރާހީމްގެފާނަށް ތައާރަފްވެ ވަޑައިގަތުން

އިބްރާހީމްގެފާނު (އަލައިހިއްސަލާމް)، މައްކާގައި އުޅުއްވި ދުވަސްވަރު އެކަލޭގެފާނު ވަށައިގެން ސަލާމް ލެއްވި ޖިބްރީލުގެފާނު ތަވާފް ކުރައްވައި ޖިބްރީލްގެފާނަކީ ކޮންބޭފުޅެއްކަން އިބްރާހީމްގެފާނަށް ތައާރަފްވެ ވަޑައިގެންނެވި ކަމަށްވަނީ އަރަފާތުގެ ބިމުގައެވެ.

މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެ އެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ.

މުޒްދަލިފާގައި ހުންނަ މަޝްއަރުލްހަރާމް މިސްކިތް

މުޒްދަލިފާއަށްގޮސް ހައްޖުވެރިން މަޣްރިބް ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ.

މުޒްދަލިފާގައި ރޭކުރުން

މުޒްދަލިފާގައި ނިދާލުމަށްފަހު ފަތިސްވުމުން ފަތިސްނަމާދުކުރުމަށްފަހު އެތަނުން ހިލަ ހޮވައިގެން މިރޭފަތިހު ހައްޖުވެރިން ދާނީ އަނެއްކާވެސް މިނާއަށެވެ. މުޒްދަލިފާއާއި މިނާއަކީ ވަރަށް ކައިރީގައިވާ ދެތަނެވެ. ދުރުމިނަކީ ފަސް ކިލޯމީޓަރެވެ. އެހެންކަމުން މުޒްދަލިފާއިން މިނާއަށް ހައްޖުވެރިން އާންމު ގޮތެއްގައި ދާނީ ހިނގާފައެވެ. ނަމަވެސް އުޒުރުވެރިން ދާނީ ވެހިކަލްތަކުގައެވެ.

އަލުން އެނބުރި މިނާއަށް ގޮސް ޖަމްރާތަކަށް ހިލައުކުން

މިއަދުގެ އިރު އޮއްސޭއިރު ހައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް ނަފްރާ ކުރާނެއެވެ. ފަތިހާއި ހެނދުނުގެ ވަގުތުތަކުގައި ހައްޖުވެރިން މުޒްދަލިފާއިން މިނާއަށް ދާނީ އާންމު ގޮތެއްގައި ފައިމަގުގައެވެ. ނަމަވެސް އުޒުރުވެރިން ދާނީ ވެހިކަލްތަކުގައެވެ. މިނާއަށް ގޮސް އުޟްޙިޔާ ނުވަތަ ހަދްޔު ކަތިލާނެއެވެ. މިކަން ކުރިޔަށްގެންދާނީ ހައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ.

ޖަމްރާތައް ހުންނަ އިމާރާތް

އެއަށްފަހު ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. އަދި ބޯބާލާނެއެވެ. ނުވަތަ ބޯ ކުރުކޮށް ކޮށާނެއެވެ. އަވަހަށް ތަހައްލުލުވާން ބޭނުންވާ ޙައްޖުވެރިން މިނާގައި ތިބޭނީ އެއް ދުވަހު ނުވަތަ ދެ ދުވަހެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.

އާންމުގޮތެއްގައި 2.5 މިލިޔަނާއި 2.4 މިލިޔަނާ ދެމެދުގެ އަދަދެއްގެ މުސްލިމުން ހައްޖުގައި ބައިވެރިވެއެވެ. މިއަހަރުވެސް ގާތްގަނޑަށް 2.4 މިލިޔަނަށް ވުރެގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އީދު ދުވަސް

އީދު ދުވަހުގެ ހެނދުނު ހައްޖުވެރިން މުޒްދަލިފާއިން މިނާއަށް ދާންފަށާނެއެވެ. އީދު ދުވަހު ހައްޖުވެރިން އެކަކު އަނެކަކާ ސަލާމްކޮށް ތައާރަފްވެ އުފައު ފާޅުކުރުން އޮންނާނެއެވެ. މިނާއަކީ ދެފަރުބަދަ ދެމެދުގައި އޮންނަ ވާދީއެކެވެ. މިނާގެ ބޮޑުމިނަކީ ސޯޅަ ޕޮއިންޓް އަށެއް އަކަ ކިލޯމީޓަރެވެ. އެއީ މައްކާގެ ހަރަމްފުޅުގެ ތެރޭގައި ހިމެނޭ ބިމެކެވެ.

ހައްޖު މޫސުމުގައި މިނާގައި ހައްޖުވެރިން ތިބުމަށްޓަކައި ވަނީ ފޭލިގެތައް ޖަހާފައެވެ.

ހައްޖުގެ މަޝްޢަރުތައް

ހައްޖުގެ މަޝާއިރުތައް ކުރިޔަށްދަނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. ހައްޖުގެ މަޝްޢަރުތަކުގެ ތެރެއިން އަރަފާތުގެ ބިމަކީ މައްކާގެ ހަރަމްފުޅާ ވިހި ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. އެބިމުގެ ބޮޑުމިނަކީ ދިހައެއް ޕޮއިންޓް ހަތަރެއް އަކަ ކިލޯމީޓަރެވެ. އެބިން ވަކިވާގޮތަށް ވަނީ ފާހަގަތައް ޖަހާފައެވެ.

މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ ބާރަ ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ ބާރަ ވަރަކަށް އަކަ ކިލޯމީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގައެވެ. މިއީ މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވިއިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ. މިނާއަކީ މައްކާގެ ހަރަމްފުޅުގެ އިރުން ފަސްކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ޖަމްރާތައް ހުންނަނީ މިނާގައެވެ. މުޒްދަލިފާއާއި މިނާއަކީ ވަރަށް ކައިރީގައިވާ ދެތަނެވެ. ދުރުމިނަކީ ފަސް ކިލޯމީޓަރެވެ.

މިނާގައި ޖަމްރާތައް ހުންނަ ސަރަހައްދަކީ ކީރިތިރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރާއި ތޭރަވަނަ އަހަރު މަދީނާގެ އައުސް ވަންހައާއި ޚަޒްރަޖު ވަންހައިގެ މީހުންނާ އެކަލޭގެފާނު ބައްދަލުކުރައްވައި ބައިއަތު ހިއްޕެވި ސަރަހައްދެވެ.

އަގަބާގެ ފުރަތަމަ ބައިއަތު ހިއްޕެވީ ކީރިތި ރަސޫލާ މުހައްމަދު (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރު މަދީނާގެ ބާރަމީހުންނާ އެކުގައެވެ. ކީރިތި ރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ތޭރަވަނަ އަހަރު އަގަބާގެ ދެވަނަ ބައިއަތު ހިއްޕެވީ މަދީނާގެ ހަތްދިހަ ފަސް މީހުންނާއެކުގައެވެ. އެއީ ހަތްދިހަ ތިން ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭގޮތަށެވެ. ބައިއަތު ހިއްޕެވީ މަދީނާގައި އިސްލާމް ދީން ފެތުރުމަށާއި މަދީނާއަށް ހިޖްރަ ކުރެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ.

ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ މާތް الله މި ބިންމަތީގައި ލެއްވި އެންމެ މާތް ދުވަހެވެ. މި މަތިވެރި ދުވަހު ޙައްޖުވެރިން ތިބޭނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި ޢަރަފާތު ބިމުގައެވެ. ޢަރަފާތުގައި މަޑުކުރުމަކީ އެއާ ނުލައި ޙައްޖުގެ އަޅުކަން ފުރިހަމަނުވާނެ މައިގަނޑު ރުކުނެވެ. ތަރްވިޔާ ދުވަސް ފާހަގަކުރުމަށްފަހު، މިނާއިން ޢަރަފާތަށް ޙައްޖުވެރިން ޖަމާވަނީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޢަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާއަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ބިމެކެވެ. މިއީ މީގެ ސާދަ ގަރުނު ކުރިން ކީރިތި ރަސޫލާ ﷺ ޙައްޖަތުލްވަދާޢުގައި ޚުޠުބާ ދެއްވި އަދި އިސްލާމްދީން ފުރިހަމަކޮށްދެއްވި ކަމުގެ އާޔަތް ބާވައިލެއްވި މާތް ބިމެވެ. މިހާރު ޢަރަފާތު ދުވަހުގެ ޚުޠުބާ އިއްވަނީ މަސްޖިދުއްނަމިރާގައެވެ. ޢަރަފާތުގެ ބިމުގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމާކޮށް އަދި ޤަޞްރުކޮށް ކުރުމަށްފަހު، އިރުއޮއްސުމާއެކު ޙައްޖުވެރިންގެ މިސްރާބު ހުންނާނީ މުޒްދަލިފާއަށް ދިއުމަށެވެ. މުޒްދަލިފާގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމާކުރުމަށްފަހު އެ ރޭ އެތަނުގައި ހޭދަކުރާނެއެވެ.

  • ފަތިސްވުމުން މުޒްދަލިފާއިން ހިލަ ހޮވައިގެން ޙައްޖުވެރިން އަލުން އެނބުރި ދާނީ ޖަމްރާތަކަށް ހިލައުކުމަށްޓަކައި މިނާއަށެވެ.
  • ޢީދު ދުވަހު މިނާގައި އުޟްޙިޔާ ކަތިލުމާއި، ޖަމްރާތަކަށް ހިލައުކުމުގެ އިތުރުން ބޯބޭލުން ނުވަތަ ބޯކުރުކުރުން ކުރިއަށްދާނެއެވެ.
  • ޙައްޖުގެ މައިގަނޑު މަޝްޢަރުތައް ކުރިއަށްދަނީ މައްކާގެ ޙަރަމްފުޅާއި، މިނާ، ޢަރަފާތު އަދި މުޒްދަލިފާގެ މާތް ބިންތަކުގައެވެ.
  • މިއަހަރުވެސް ގާތްގަނޑަކަށް 2.4 މިލިއަނަށްވުރެ ގިނަ މުސްލިމުން މި މަތިވެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.
  • އަވަހަށް ތަޙައްލުލުވާން ބޭނުންވާ ޙައްޖުވެރިން ދެ ދުވަހު މިނާގައި މަޑުކުރުމަށްފަހު، މައްކާއަށް ގޮސް ޠަވާފުލް އިފާޟާކޮށް ސަޢުޔުކުރާނެއެވެ.
  • ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މައިގަނޑު އަދި އެއާނުލައި ޙައްޖު ޞައްޙަނުވާނެ ރުކުނެވެ.
  • ޙައްޖުގެ އަޅުކަންތައް ބިނާވެފައިވަނީ ކީރިތި ރަސޫލާ ﷺ ގެ ޙައްޖަތުލްވަދާޢުގެ މަތިވެރި ސުންނަތުގެ މައްޗަށެވެ.
  • މިނާ، ޢަރަފާތު އަދި މުޒްދަލިފާއަކީ އިސްލާމީ ތާރީޚާ ގުޅިފައިވާ، ޙައްޖުގެ މުހިންމު މަރުޙަލާތައް ފުރިހަމަކުރާ މުޤައްދަސް ބިންތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް