އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ނަރުހުންނާއި ޓީޗަރުން، އެންމެ ބޮޑު މުސާރަ ލިބެން ޖެހޭނީ އެމީހުންނަށް: ރާޝިދާ

ކުރީގެ މިނިސްޓަރު ރާޝިދާ: ވިދާޅުވީ، އެންމެ ބޮޑު މުސާރަ ލިބެން ޖެހޭނީ ނަރުހުންނާއި ޓީޗަރުންނަށް ކަމަށް--- ފޮޓޯ/ ރައީސް އޮފީސް

މި ގައުމުގައި އެންމެ ބުރަކޮށް ގިނަ ވަގުތު މަސައްކަތް ކުރަނީ، ނަރުހުންނާއި ޓީޗަރުން ކަމަށާއި އެންމެ ބޮޑު މުސާރަ ލިބެން ޖެހޭނީ އެ މީހުންނަށް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރަ ދެ ގުނައަށް ބޮޑުކުރަން ނިންމިއެވެ.

އެ ދުވަހު ނިންމީ، ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41،000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި، ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް 21،000 ރުފިޔާ ދޭން ނިންމިއެވެ. އެ ނިންމުމާއެކު، ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ބޮޑު އުޖޫރައެއް ކަނޑައެޅުމުން އާންމުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

https://sun.mv/222362

މި ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް މިހާރު ވަނީ ސިޓީތަކާއި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރަ ކުޑަކޮށްފައެވެ.

އެ ނިންމުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ރާޝިދާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ގައުމުގައި އެންމެ ގިނަ ވަގުތު ހޭދަކޮށް، ޒިންމާދާރުކަން ބޮޑުކޮށް ވަޒީފާ އަދާކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.

އެއީ، މީހުންގެ ފުރާނައާ ގުޅިފައިވާ ދާއިރާތަކެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، އެ މީހުންނަށް ޝުކުރުގެ ބަހެއް ލިބެނީ މަދު ފަހަރަކު ކަމަށް ވިދާޅުވެފައެވެ.

އޭގެތެރެއިން ވެސް، ޓީޗަރުންނަކީ ތަފާތު މަސްއޫލިއްޔަތެއް 'ބޮލުގައި' އަޅަން ޖެހިފައިވާ ބައެއް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ވިދާޅުވިއެވެ. އަދި، ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި އެންމެ ބޮޑު މުސާރައެއް ލިބެން ޖެހޭނީ، ޓީޗަރުންނާއި ނަރުހުންނަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ނުސީދާ ގޮތެއްގައި ޑަބްލިއުޑީސީ ރައީސާއިންގެ މުސާރަ ބޮޑުކުރި ވާހަކައަށް ވެސް އޭނާ ވަނީ ރައްދެއް ދެއްވާފައެވެ. މިގޮތުން، ފެންނަމުން ދަނީ، ވަރަށް ވެސް ބޭއިންސާފު ފިޔަވަޅުތަކެއް އަޅާ މަންޒަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާޝީދާ އެ ފަދައިން ވިދާޅުވިއިރު، މީގެ ކުރިން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އަދި، ސިޓީތަކުގެ ޑަބްލިއުޑީސީ ރާއިސާއިން ލިބެނީ، 7،000 ރުފިޔާއެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅެކެވެ. އެގޮތުން، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެންފިނަމަ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްގައި، ނެޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރަ ދެގުނައަށް ބޮޑުކުރުމަށް ނިންމި ނިންމުމަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތަކާ ގުޅިގެން އެ މުސާރަތައް މިހާރު ކުޑަކޮށްފައިވާއިރު، ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވަނީ މިއީ ބޭއިންސާފު ފިޔަވަޅުތަކެއްކަމަށް ސިފަކުރައްވާފައެވެ. ރާޝިދާ ފާހަގަކުރެއްވި ގޮތުގައި، ގައުމުގައި އެންމެ ބުރަކޮށް އަދި އެންމެ ޒިންމާދާރުކަމާއެކު މަސައްކަތްކުރަނީ ޓީޗަރުންނާއި ނަރުހުންނެވެ. އެހެންކަމުން، ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި އެންމެ ބޮޑު މުސާރައެއް ލިބެންޖެހޭނީ ރައްޔިތުންގެ ފުރާނައާއި މުސްތަގުބަލާ ގުޅިފައިވާ މި ދެ ދާއިރާގެ މުވައްޒަފުންނަށް ކަމަށް އެކަމަނާ ވަނީ ގަބޫލުކުރައްވާފައެވެ.

  • ސިޓީތަކުގެ ރައީސުންނަށް 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 21،000 ރުފިޔާ ދޭން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެ، އެ މުސާރަ ވަނީ ކުޑަކޮށްފައެވެ.
  • މީގެ ކުރިން ރަށްރަށުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އަދި ސިޓީތަކުގައި 7،000 ރުފިޔާއެވެ.
  • އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ ނަރުހުންނާއި ޓީޗަރުންނަށް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ވިދާޅުވިއެވެ.
  • ކޮމިޓީތައް ބާރުވެރިކޮށް ބަޖެޓު ދެގުނަ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
  • ޚަރަދު ކުޑަކުރާ ދަނޑިވަޅެއްގައި މުސާރަ ބޮޑުކުރުމުން އާންމުންގެ ނުރުހުން ވަނީ ފާޅުކޮށްފައެވެ.
  • ނަރުހުންނާއި ޓީޗަރުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެންމެ މަތީ އުޖޫރަ ދިނުމަށް ރާޝިދާ ވަނީ ގޮވާލައްވާފައެވެ.
  • ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި އިންސާފުވެރިކަން ގާއިމުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
comment ކޮމެންޓް