އިސްރާއީލުން ޣައްޒާ ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަަކަށް ގެނެސް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ޣައްޒާއަށް ދަތުރުކުރި އެކްޓވިސްޓުންނަށް އިސްރާއީލު ސިފައިން ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތު ކޮށްފިއެވެ.
ނަމަވެސް, އިސްރާއީލުގެ ޖަލުތަކާބެހޭ އިދާރާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި ކަމަށް ރޮއިޓާސްއިން ބުނެއެވެ.
"އުފުލާފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް. އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް," ޖަލުތަކަބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޣައްޒާއަށް އެހީގެ ސާމާނު ގެނައުމަށް މަސައްކަތްކުރި ވޮލަންޓިއަރުންގެ ފްލޮޓިލާއެއް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން 50 ބޯޓުގައި ތިބި 430 މީހުން އިސްރާއީލު ސިފައިން ވަނީ އަންގާރަ ދުވަހު ހައްޔަރުކޮށްފައެވެ. އެ މީހުން ފަހުން ވަނީ މިނިވަންކޮށްފައެވެ.
މިނިވަންކުރި ފަހުން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުން މަދުވެގެން 15 މީހުންނަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގިފައިވާ ކަމަށާއި އޭގެ ތެރޭގައި ރޭޕްކޮށްފައިވާ މީހުން ވެސް ހިމެނޭ ކަމަށް ފްލޮޓިލާގެ އިންތިޒާމުކުރާ ފަރާތްތަކުން ޓެލެގްރާމް ސޯޝަލް މީޑިއާ އެޕްގައި ޕޯސްޓުކޮށްފައިވެއެވެ.
ފްލޮޓިލާގައި ބަންދުކުރި މީހުންގެ ތެރެއިން އިޓަލީގެ އިގުތިސާދީ މާހިރެއް ކަމަށްވާ ލޫކާ ޕޮގީ ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި ހައްޔަރުކުރުމަށް ފަހު، އިސްރާއީލު ސިފައިން ވަނީ އެ މީހުންގެ އަންނައުނު ބާލުވައި، ބިންމައްޗަށް ވައްޓާލައި، އަނިޔާކޮށްފައެވެ. އަދި، އޭގެެ ތެރެއިން ބައެއް މީހުންނަށް ޖިންސީ ގޯނާކުރިއިރު، ބައެއް މީހުންނަށް ވަކީލަކު ގެނައުމުގެ ހުއްދަ ނުދިނެވެ.

ފްލޮޓިލާގައި ބައިވެރިވި ބައެއް އެކްޓިވިސްޓުން. ފޮޓޯ/އޭޕީ
އިޓަލީގެ އެކްޓިވިސްޓެއް ކަމަށްވާ އިލާރިއާ މަންކޯސޫ ބުނީ، ފްލޮޓިލާގެ މެންބަރުން ބޯޓުތަކުން ބާލައިގެން ގެންދިޔައީ ޖަލު ކަމަށް ބުނާ ދެ ބޯޓަކަށް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ކޮންޓެއިނަރުތަކަށްލައި ބަންދުކުރުމަށް ފަހު، އަނެއް ބައި މީހުންގެ ގައިގައި ތަޅާ އަނިޔާކޮށްފައިވާ ކަމަށް މަންކޯސޫ ބުނެފައިވެއެވެ.
މަންކޯސޫ ބުނީ، އެ މީހުން ޖަލުގެ ބޯޓުތަކުގައި ދެ ދުވަސް ހޭދަކުރީ ފެން ވެސް ނުލިބި ކަމަށާއި ރޭގަނޑުގެ ފިނިން ސަލާމަތްވުމަށް ކާޑުބޯޑާއި ޕްލާސްޓިކް ބޭނުން ކުރަން ޖެހުނު ކަމަށެވެ. އެތައް ގަޑިއިރެއް ވަންދެން ކަކޫ މައްޗަށް ތިރިކޮށް، އެއްވެސް ހަރަކާތެއް ކޮށްފިނަމަ، ފައިން ކޮއްޕާ ހަދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފްލޮޓިލާއިން ފްރާންސްގެ 37 ރައްޔިތުން އެނބުރި ގެނައުމުގެ އިންތިޒާމުކުރުމުގައި އެހީތެރިވި ސަބްރީނާ ޗާރިކްއާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި ފްރާންސްގެ ފަސް ބައިވެރިއަކު ޓޫރްކިޔޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ބައެއް މީހުންގެ ކަށިތަކަށް އަނިޔާވެފައިވާއިރު، ބައެއް މީހުންނަށް ވަނީ ޖިންސީ އަނިޔާ ލިބިފައެވެ.
ބައެއް މީހުންނަށް އަނިޔާ ދީފައިވަނީ ބޯޓުތައް ހުއްޓުވުމަށް ފަހު ކަނޑުމަތީގައި ކަމަށް އެކްޓިވިސްޓުން ބުނެއެވެ.
އިސްރާއީލު ސިފައިންގެ މައްޗަށް އެ ތުހުމަތު ކޮށްފައިވާއިރު، އިސްރާއީލު ޖަލެއްގައި ތިބި ބަޔަކަށް އިސްރާއީލުގެ ކެބިނެޓް މިނިސްޓަރު އިޓަމާ ބެން ގްވިރް މަލާމާތްކުރާ ވީޑިއޯއެއް ވެސް ވަނީ ދައުރުވާން ފަށާފައެވެ. އެ ކަމާ ގުޅިގެން ގްވިރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭނާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އީޔޫގެ މެންބަރުން މަޝްވަރާ ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ކާބޯތަކެއްޗާއި، ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ސާމާނު ލިބުން ވެސް އިސްރާއީލުން އޮތީ ދަތިކޮށްފައެވެ.