ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވައްދަށް، ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮއި ހަމަކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތަކަސް، މާލޭ ރައްޔިތަކަސް އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް މިއަދު ސޯބެ އެ މަގާމަށް ހޮވަން އުޅޭ ސަބަބެއް ނޯޅޭނެ ކަމަށެވެ. އެއީ "މި ވެރިކަން ބަދަލުކުރަން" ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރާން ވެއްޖޭ! ހާސްވެ ނުލައްވާ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، ތަނަވަސް އަޣުލަބިއްޔަތު، އިތުބާރު ނެތް ކަމަށް ނެގޭ ވަރަށް ތިންބައިކުޅަ ދެބައި، އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ. [ކުރީގެ] ރައީސް ޔާމީން ވެސް އެ ހުންނެވީ މިކަން ކުރަން ވަރަށް ބޮޑަށް ތައްޔާރަށް! ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެފަދައިން ވިދާޅުވެ ނަޝީދު ވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ރެފަރެންޑަމްގެ ނަތީޖާއިން ރައީސް މުއިއްޒުގެ ސަރުކާރު މިހާރު ވެސް ފެއިލްވެފައިވާކަން ހާމަވާ ކަމަށެވެ. އޭގެ މާނައަކީ އެމަނިކުފާނުގެ އިތުބާރު ރައްޔިތުންގެ ކައިރީގައި މިހާރު ގެއްލިފައިވާކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮއި ހަމަކުރައްވާނެ ކަމަށެވެ. އަދި ސޯބެ ހޮވަން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑަށް ވަރަށް ޔަގީން ޕީއެންސީގެ މެންބަރުން [މަޖިލީހުގެ ފްލޯ] ހުރަސްކުރައްވާނެ! ޕަޓީ ބަދަލުކުރައްވާނެ! މި ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް އެބޭފުޅުން ސޮއިކުރައްވާނެ! ކުރީގެ ރައީސް މުހައްމަދު ނަޝީދު
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާއިރު، ދާއިރާއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ، ސޯބެއާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އެވެ.