އަގު އެ ދެއްކީ ފުރާނައިން، ވަސީލަތްތަކާއި ޚާއްސަ ތަމްރީނުތައް ހޯދައިދޭން ދިން އިންޒާރެއް!

ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަނެއްގެ ތެރޭގައި އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓު ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، ކަނޑުމަތީގެ ނުރައްކާތެރި އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ވަސީލަތްތަކުގެ މުހިންމުކަން ވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ނަމަވެސް، ސިފައިންގެ ޑައިވަރުން މިހާތަނަށް ތަމްރީނުވެފައިވަނީ ގާތްގަނޑަކަށް 50 މީޓަރަށް ފީނުމަށެވެ. މަނަވަރާއި ޑްރޯން ފަދަ އުޅަނދުތައް ހޯދައިގެން ސަވައިލެންސް ހަރުދަނާކުރެވިފައިވީ ނަމަވެސް، ކަނޑު އަޑީގެ ފުން އޮޕަރޭޝަންތަކަށް ބޭނުންވާ ޚާއްސަ ގާބިލުކަން އަދިވެސް ނެތްކަން މި ހާދިސާއިން ސާބިތުވެއެވެ. މިކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ސިފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ. ފުރާނައަށް ނުރައްކާވާ ފަދަ އޮޕަރޭޝަންތަކުގައި ހަމައެކަނި ސިފައިންގެ ކެރުމާއި ހިތްވަރަށް ބަރޯސާވުމުގެ ބަދަލުގައި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެކަށީގެންވާ ތަމްރީނު ފޯރުކޮށްދިނުމަކީ އިސްކަންދޭންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ.

  • އެމްއެންޑީއެފްގެ ޑައިވަރުން ކޮލިފައިވެފައިވަނީ 50 މީޓަރަށް ފީނުމަށް ކަމަށްވާއިރު، ފުން ކަނޑުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ގާބިލުކަން ކުޑައެވެ.
  • ޑްރޯންއާއި މަނަވަރު ފަދަ ވަސީލަތްތައް ހޯދާފައިވީ ނަމަވެސް، ކަނޑު އަޑީގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތައް މަދުކަން ފާހަގަކުރެވެއެވެ.
  • ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި 100 މީޓަރަށް ޑައިވްކުރެވޭނެ ތަމްރީނު ޕްރޮގްރާމެއްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
  • އޮޕަރޭޝަންތަކުގެ ކާމިޔާބީ ކަށަވަރުކުރުމަށްޓަކައި، ހިތްވަރުގެ އިތުރުން ފަންނީ ވަސީލަތްތަކާއި ތަމްރީނު ގާއިމުކުރުން ކޮންމެހެން މުހިންމެވެ.
  • ކޯސްޓުގާޑުގެ ޑައިވަރުންނަށް ޚާއްސަ ފަންނީ ތަމްރީނުތައް ވަގުތުން ފޯރުކޮށްދިނުން.
  • ފުން ކަނޑުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި މުއައްސަސާ އަޕްގްރޭޑްކުރުން.
  • ސިފައިންގެ ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރިސްކު މެނޭޖްކުރުމުގެ އުސޫލުތައް ހަރުދަނާކުރުން.

އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އެއީ، ވަސީލަތެއް ނެތި، އަދި އެ ފަދަ ތަމްރީނެއް ވެސް ނެތި އެ ނުރައްކާތެރި ޑައިވް ކުރަން އެންގީ، ނުވަތަ ކުރަން އުޅުމުން ނުހުއްޓުވީ ކީއްވެގެންތޯއެވެ.

މި ސުވާލު މިއަދު ދިވެހީން މި ކުރަނީ ހަމަ ހުރެފައެއް ނޫނެވެ. އެއީ އެ ފަދަ ކަމަކަށް ތަމްރީނެއް ވެސް އަދި ވަސީލަތެއް ވެސް ، ނެތްކަމަށް އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ދައުލަތުގެ މީޑިއާގައި ވިދާޅުވި ފަހުން، އެ ރިސްކު ނަގައި ކުރި ޑައިވުގައި، ދިވެހި ސިފައިންގެ މީހެއްގެ ފުރާނަ ގެއްލުމުންނެވެ.

ކުރިއަށް ހިނގަން އޮތް ބޮޑު ގޯހުގެ ހިލަމެއްގެ އިހުސާސް ވެސް ވެވަޑައިނުގެން، މިދިޔަ ހުކުރު ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއަށް ސަލީމް
ދެއްވި އިންޓަވިއުގައި އިއްތިފާގުން އެއްބަސްވެވަޑައިގެންނެވުނު ކަމަކީ،
ދިވެހި ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރާ ހަމައަށް ކަމަށެވެ. އަދި ކަނޑުމަތީގައި ހިނގާ އެކި ކަހަލަ ޙާދިސާތަކާ ގުޅިގެން މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައި ބައެއް ފަހަރު ޑައިވަރުން ވެސް ވަރަށް ބޮޑު ރިސްކަކަށް ހުށަހެޅޭކަމަށެވެ.

https://sun.mv/222109

މި ވާހަކަތަކަށް 24 ގަޑިއިރު ނުވެ، ޖެހިގެން އައި ހޮނިހިރު ދުވަހުގެ މެންދުރުފަހު މުޅި ގައުމަށް ކުއްލި ސިހުމެއް ލިބުނީ، ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިންއަށް ދިޔަ އިޓަލީ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަނަށް، ޑައިވިންއަށް ދިޔަ ތަޖުރިބާކާރު ޑައިވަރު ސާޖަންޓު ފަސްޓު ކްލާސް މުޙައްމަދު މަހުދީ، މަރުވުމުންނެވެ.

މިއީ ހަމައެކަނި ދިވެހީންނަށް ލިބުނު ދެރައެއް ނޫނެވެ. ބައިނަލްއަގްވާމީ ދުނިޔެއަށް ވެސް މިއީ ލިބުނު ޝޮކެކެވެ. އެއީ ޑައިވިންއަށް ދިޔަ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން ނުފެނި މަރުވެފައިވާކަމަށް ބެލެވޭ ހަތަރު މީހުން ހޯދަން ދިޔަ މީހުންގެ ތެރެއިން ވެސް މީހަކު މަރުވުމުންނެވެ.

https://sun.mv/222070

މި ސުވާލު މިއަދު އެ ކުރާ އެއް ސަބަބަކީ މިއީއެވެ. އެކަމަކު، މި ހުރިހާ ހާދިސާތަކަކާއި، ވެރީންގެ ވާހަކަފުޅުތަކުން ވެސް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ރާއްޖޭގެ ސަރަހައްދުގެ 99 އިންސައްތަ އަކީ ކަނޑަށްވީ ނަމަވެސް މި ކަނޑުމަތި ބެލެހެއްޓޭނެ އެންމެ ފުރިހަމަ ގާބިލުކަމެއް ވެސް އަދި މި ކަނޑުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި އެންމެ އަޑިއަށް ފީނާނެ ބަޔަކު ވެސް ތަމްރީނު ވެފައި ނެތްކަމެވެ. އެ ފަދަ ކަމަކަށް ޚާއްސަ ވަސީލަތްތަކެއް ވެސް ނެތްކަމެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޝަހީދުވި ސިފައިންގެ ހަނދާން އާ ކުރަނީ -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މި އެނގުނީ ހަމައެކަނި މަނަވަރުތަކަކާއި ޑްރޯންއިން ނުފުދޭކަން

ގަބޫލުކުރަންޖެހޭ އެއް ކަމެއް އެބައޮތެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ ތެރޭ އެ މަނިކުފާނަށް މިހާތަނަށް ހޯއްދެވުނު އެންމެ ބޮޑު އެއް ކާމިޔާބަކީ ތުރުކީވިލާތުން ދިވެހި ސިފައިންނަށް އަންއާމްށް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ހޯއްދަވައިދެއްވައި މުޅިން އަލަށް އެއާވިންގެއް އުފެއްދެވުމެވެ. މީގެ ސަބަބުން ވައިގެ މަގުން ސަވައިލެންސްކުރުމަށާއި، ސާޗް އޮޕަރޭޝަންތައް ހިންގުން ކުރިއެރިކަން އެބަ ފެނެއެވެ.

ޑްރޯންތަކުގެ އިތުރަށް ތުރުކީން މަނަވަރެއް ވެސް ހަދިޔާކުރިއިރު، ވަރަށްފަހުން ސިފައިންނަށް ވަނީ އޮސްޓްރޭލިއާއިން ވެސް މުޅިން އާ ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފައެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ އަދި އިގްތިޞާދީ އަޑިގުޑަންތަކަށް ވެއްޓުމުގެ ނާޒުކުކަން ބޮޑު ގައުމަކަށް އަސްކަރީ ދާއިރާއަށް ބޮޑު ބަޖެޓެއް ޚާއްސަކޮށްގެން އެކަމަށް އެކަނި ހޭދަކުރުމަކީ ވާނެ ކަމަކަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ބޭރުގެ އެހީގެ ތެރެއިން ލިބޭ މިފަދަ އަގުހުރި ތަކެއްޗަކީ މިއީ ސިފައިންނަށް، އަދި ވަކިން ޚާއްސަކޮށް ކޯސްޓުގާޑުގެ ސިފައިންނަށް ލިބޭ ކުރިއެރުމެކެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުމުގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް

ރާއްޖެއަކީ ކުޑަ ގައުމެއް ނޫނެވެ. ބިމުގެ ގޮތުން ބަލަންޏާ މި ވާހަކައާ ދެބަސްވިއަސް މައްސަލައެއް ނެތެވެ. އެކަމަކު ދިވެހިރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ކަނޑުގެ ސަރަހައްދަށް ބަލާނަމަ ޔަގީނުން ވެސް މި ކަމަކަށް އެއްބަސްވާނެއެވެ.

"މި ޤައުމަކީ ވަރަށްކުޑަ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އަމިއްލައަށް ގަބޫލުކުރަމުން އައި އައުމަކީ، ރަނގަޅު ގޮތެއް ނޫންކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. މިއީ ވަރަށްބޮޑު ޤައުމެއް. ނުވަލައްކަ އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ކަނޑުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް ހިމެނޭ ބޮޑު ޤައުމެއް،" ޑްރޯންތައް އިފްތިތާހުކުރުމަށް 2024ވަނަ އަހަރުގެ މާޗު 15 ގައި އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭގެ ފަހުން ދެ އަހަރު މި ފާއިތުވީއެވެ. މިއޮއް ބޮޑު ކަނޑު ރާއްޖެއަށް ލިބިފައި އޮތް ހަގީގަތުގެ މައްޗަށް، ހަގީގީ ސިފައެއްގައި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ކަންތައްތަކެއް ކުރެވިފައިވާކަމަށް މިއަދު އެބަ ގަބޫލުކުރެވޭ ހެއްޔެވެ؟ ކަނޑުގެ ސަރަހައްދު މިހާ ބޮޑުއިރު އެންމެ އިސްކަން ދޭންޖެހޭނީ އެންމެ ފުރަތަމަ ކަމަކަށް މި ކަނޑުގެ ސަރަހައްދަށް ހޭނި، އަހުލުވެރިވެ ހިނގައިފާނެ ކޮންމެ ފަދަ ކަމަކަށް ވެސް ތައްޔާރުކުރުމަށް ނޫން ހެއްޔެވެ. ބޮޑު ކަނޑުގެ ސަރަހައްދަކާއި، މި ކަނޑުގެ އަޑީގެ އެތައް ސަތޭކަ މީޓަރެއްގެ މިލްކުވެރިކަން ދިވެހީންނަށް ލިބިފައި އޮތްކަން އެނގުނީ ޔަގީނުން ވެސް އިއްޔެއަކު މިއަދަކު ނޫނެވެ.

ނަމަވެސް މިއަދު ޔަގީންވާ ހަގީގަތަކީ، ކަނޑުގެ ސަރަހައްދު މިހާ ބޮޑު ގައުމެއްގައި، އަދިވެސް އެންމެ މަތީ ފެންވަަރަށް ކޯސްޓުގާޑުގެ ވަސީލަތްތައް ތަރައްގީވެފައި ނެތްކަމެވެ. ފަންނީ ވަސީލަތްތައް ވެސް ނެތް ކަމެވެ. ކަނޑުގެ އެތައް މީޓަރެއް ފުނަށް ޑައިވްކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް 50 މީޓަރަށް ވުރެ ފުނަށް ޑައިވް ކުރުމުގެ ގާބިލްކަން ނެތް ކަމެވެ.

މި ކަންކަން މިއަދު މި އިހުސާސްވީ ހިތްވަރުގަދަ ސިފައިންގެ މީހަކު، އޭނާގެ ފުރާނައިން އަގު ދެއްކުމުންނެވެ.

އެހެންކަމުން ހަމައެކަނި މަނަވަރުތަކަކުން ވެސް ނުފުދެއެވެ. ފަންނީ އެކިއެކި ކަންކަމަށް ކޯސްޓުގާޑުގެ ތެރޭ ސިފައިން ތަމްރީނުކުރަން ޚާއްސަ އިސްކަމެއް ދޭން އެބަޖެހެއެވެ. އެ މީހުންނަށް އެންމެ ފުރިހަމަ ވަސީލަތްތައް ގާއިމްކޮށްދޭންޖެހެއެވެ.

"ސަރުކާރުގެ އިސްނެގުމާއެކު މިއަހަރުތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައިވަނީ. މިމަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ." މިދިޔަ ހުކުރު ދުވަހުގެ ރޭ ދައުލަތުގެ މީޑިއަށް ދެއްވި އިންޓަވިއުގައި ސަލީމް ވިދާޅުވިއެވެ.

މީގެކުރިން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިއީ ސިފައިންގެ ކެރުމާއި ހިތްވަރު، އެކަމު ވަސީލަތް މުހިންމު

ޚާރިޖީ ސިޔާސަތުތައް ބަލަހައްޓާ ފަރާތްތަކަށްފަހު، ދެން އެ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައި އޮންނަނީ ސިފައިންގެ ކޮނޑުގައެވެ. އާންމު ރައްޔިތުން ސިފައިންނަށް އިތުބާރުކޮށް، ބޮޑެތި އިނާޔަތްތަކާއި، ހަތިޔާރު، އެ މީހުންގެ ޓެކްސް ފައިސާއިން ހޯދައިދެނީ އެ މީހުންގެ ސަލާމަތަށް ޓަކައި ސިފައިން މަސައްކަތްކުރުމަށް ޒިންމާ ހަވާލުކޮށެވެ.

ސިފައިން ތަމްރީނުކުރަނީ ދިމާވާ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް، އަމިއްލަ ނަފްސުން ގުރުބާންވެގެން ނަމަވެސް ފަހު ނޭވާއާ ޖެހެންދެން ގައުމާއި، ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރުމަށެވެ. މިއަދާ ހަމައަށް ވެސް ދިވެހި ސިފައިން، އެ މީހުންގެ އެ އަޒުމާއި ކެރުންތެރިކަން އެބަ ސާބިތުކޮށްދެއެވެ. ހަނގުރާމައެއް ނުކޮށްފާނެއެވެ. އެކަމަކު އަލިފާނުގެ ހާދިސާއެއްގައި އަލިފާންގަނޑު ތެރެއަށް ވަންނަން ޖެހުނު ނަމަވެސް، ކަނޑު އަޑިއަށް ފީނައި، މީހެއްގެ ފުރާނަ ސަލާމަތްވޭތޯ މަސައްކަތް ކުރަން ޖެހުނަސް ވެސް ސިފައިން އެ ކަމަކަށް އިޖާބަދެއެވެ.

ސިފައިންގެ މީހަކު ސިފައިންގެ އަޒުމް ކިޔުމަށް މޭ މަތީ އަތް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަކު ވެރީން ވިސްނަންވީ އެއް ކަމަކީ، ކެރުމާއި ހިތްވަރާއި އިސްނެގުމާ އެކު ޚާއްސަ ތަމްރީނާއި، ވަސީލަތް ފޯރުކޮށް ނުދޭނަމަ ނާކާމިޔާބާ ކުރިމަތިލާން ޖެހޭނެ ކަމެވެ. މިއަދު އެ ކަން ވަރަށް ރަނގަޅަށް އެބަ އެނގެއެވެ. އެހެންކަމުން ރާއްޖޭގެ މާހައުލަށް ބަލައި ސިފައިން ތަމްރީނުކުރުމާއި، ވަސީލަތް ހޯދައިދިނުމުގައި އެންމެ މުހިންމު ދާއިރާ ދެނެގަނެ މި ކަންކަން ކޮށްދިނުން ކޮންމެހެން ވެސް މުހިންމެވެ.

އިންސާނެއްގެ ފުރާނައެއް އަގު ނުކުރެވޭނެއެވެ. މިހާރުގެ ހާލަތާމެދު ފުންކޮށް ވިސްނުން މުހިންމެވެ. މިހާރުގެ ހާލަތުން ދެނީ ކޯސްޓުގާޑުގެ ސިފައިންނަށް އިސްކަންދީ، ކޯސްޓުގާޑުގެ ވަސީލަތްތައް އިތުރުކޮށް، އަޕްގްރޭޑްކުރުމަށާއި، ޚާއްސަ ފަންނީ ތަމްރީނުތައް ސިފައިންނަށް ފޯރުކޮށްދޭން އަވަސް އިންޒާރެކެވެ

comment ކޮމެންޓް