ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، ހޫދުގެ މައްޗަށް އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފި

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، ހޫދުގެ މައްޗަށް އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފި --

ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އައިއެސް ޖަމާއަތާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ހޫދު ހައްޔަރުކޮށްފައިވަނީ އެފްބީއައި އަދި ދިވެހި ފުލުހުން ގުޅިގެން 2022 ވަނަ އަހަރު ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވީނަމަވެސް، މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

  • ހޫދުގެ މައްޗަށް އިއްވާފައިވާ 23 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުން.
  • އޭނާ ހައްޔަރުކުރީ 2022 ވަނަ އަހަރު އެފްބީއައި އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ތާއީދުކުރުމުގެ ދައުވާ ވަނީ ސާބިތުވެފައި.
  • އިންޓަނެޓު މެދުވެރިކޮށް ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާތައް ސާބިތުނުވާކަމަށް ކޯޓުން ކަނޑައެޅުން.

ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ހޫދުގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ހޫދު ހައްޔަރުކުރީ، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި ދިވެހި ފުލުހުން ގުޅިގެން 2022ގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ހޫދުގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި, ފޮޓޯއާއި, ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގަފާނެކަމުގެ އިންޒާރުދިނުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ހޫދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތްނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

އެ މައްސަލައިގައި ހޫދުގެ މައްޗަށް ވަނީ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާ ސާބިތުވެ، 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. އޭގެ އިތުރަށް، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި ކުރެހުމާއި ފޮޓޯ ގެންގުޅުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

މި މައްސަލައިގައި ކުރިން އޭނާގެ މައްޗަށް ކުރި، އިންޓަނެޓު މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި، އިންޓަނެޓު މެދުވެރިކޮށް ޓެރަރިސްޓު ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހޫދަކީ 2010ވަނަ އަހަރުގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ވިލިމާލޭ އެންޓަނާ ސަރަހައްދަށް ގެންގޮސް، ރޭޕް ކުރިކަމުގެ ތުހުމަތުގައި ވެސް ދައުލަތުން ދައުވާކުރި މީހެކެވެ.

އޭނާއާއެކު ހަ މީހެއްގެ މައްޗަށް އެ ތުހުމަތުގައި ދައުލަތުން ކުރީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް, އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖޫން 23، 2013ގައި ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

comment ކޮމެންޓް