ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އަންހެނުންގެ މެދުގައި ވަރަށް އާންމު 'ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް' (ޕީސީއޯއެސް)ގެ ނަން ބަދަލުކޮށްފައިވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހީ މާހިރުން އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި، މީގެ ކުރިން 'ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް' (ޕީސީއޯއެސް)ގެ ނަމުން މަޝްހޫރުވެފައިވާ ބަލީގެ ނަން މިހާރު ވަނީ 'ޕީއެމްއޯއެސް'އަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ ކުރީގެ ނަމުގެ ސަބަބުން، ކޮންމެ އަށް އަންހެނަކުން އެކަކަށް ޖެހޭ މި އުނދަގޫ ހޯމޯން ބަލި ދެނެގަތުމުގައި އޮޅުންތަކެއް އަރަމުންދާތީއެވެ.
އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ މަގުސަދަކީ، މި ބައްޔަކީ ހަމައެކަނި އޯވަރީގައި އުފެދޭ 'ސިސްޓް'ތަކަކާ ގުޅުންހުރި ކަމެއް ނޫންކަމާއި، މިއީ ހަށިގަނޑުގެ ގިނަ ނިޒާމުތަކަކަށް އަސަރުކުރާ ކަމެއްކަން ހާމަކުރުމެވެ.
މިހާރު މި ބައްޔަށް ކިޔާ ރަސްމީ ނަމަކީ 'ޕޮލިއެންޑޯކްރިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް' (ޕީއެމްއޯއެސް)އެވެ. މާހިރުން ވިދާޅުވާ ގޮތުގައި، މި އައު ނަމުގެ ސަބަބުން ފާއިތުވި 10 ވަރަކަށް އަހަރު މި ބައްޔާ މެދު އުފެދިފައިވާ ނުބައި ތަސައްވަރުތައް ރަނގަޅުވާނެއެވެ.

'ޕީސީއޯއެސް'ގެ ނަން ބަދަލު ކުރުމަކީ ޑޮކްޓަރުން އެ ބައްޔަށް އިތުރު އަހައްމިއްޔަތުކަމަކާއި ސަމާލުކަމެއްދީގެން ފަރުވާކުރާނެ ބައްޔަކަށްވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރައްވާ--ފޮޓޯ/އެންޑީޓީވީ
މި ނަން ބަދަލުކުރުމުގެ ނިންމުން 'ދަ ލާންސެޓް' މަޖައްލާގައި ޝާއިޢުކޮށްފައިވާއިރު، މިއީ 14 އަހަރު ދުވަހުގެ ދިރާސާތަކާއި، ބަލިމީހުންނާއި ޑޮކްޓަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެވެ.
އިންޑިއާގެ 'އެއިމްސް'ގެ ޑޮކްޓަރު ގަރީމާ ކަޗްވާ ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު އަންހެނުންނާއި ޑޮކްޓަރުން ހަމައެކަނި ދަރިމައިވުމުގެ މައްސަލަތަކަށް ބެލުމުގެ ބަދަލުގައި، ސިއްހީ އެހެން ނުރައްކާތަކަށް ސަމާލުވާ މިންވަރު އިތުރުވެ އެކަމަށްދޭ އަހައްމިއްޔަތުކަން އިތުރުވާނެ ކަމަށް ގަބޫލުކުރެވެއެވެ.
މާހިރުން ވިދާޅުވާ ގޮތުގައި މި ނަމުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯން ނިޒާމާއި، ހަކަތަ ބޭނުންކުރާ ނިޒާމު (މެޓަބޮލިކް ސިސްޓަމް) އަދި ދަރިމައިވުމުގެ ނިޒާމަށް މި ބަލިން ކުރާ އަސަރުތައް މާ ބޮޑަށް ސާފުވެގެންދެއެވެ.
މުޅި ދުނިޔޭގައި ގާތްގަނޑަކަށް 170 މިލިއަނަށް ވުރެ ގިނަ އަންހެނުންނަށް މި ބަލި ޖެހިފައިވާއިރު، މީގެ ސަބަބުން މައްސަރު ކަންތައް ގަވާއިދުން ނުވުން، ދަރިމައިވުމުގެ ދަތިކަން، މާބަނޑު ދުވަސްވަރު ދިމާވާ އުނދަގޫތައް، ހަށިގަނޑުގެ ބައެއް ތަންތަނުގައި މާބޮޑަށް އިސްތަށި ފެޅުން، ބޮޑަށް ބަރުދަން އިތުރުވުން، ހަކުރު ބަލި، ހިތުގެ ބަލިތައް އަދި ނަފުސާނީ ގޮތުން ދިމާވާ ކަންބޮޑުވުމާއި މާޔޫސްކަން ފަދަ ކަންކަން ކުރިމަތިވެއެވެ.

ޕީއެމްއޯއެސްގެ ސަބަބުން މައްސަރު ކަންތައް ގަވާއިދުން ނުވުން، ދަރިމައިވުމުގެ ދަތިކަން، މާބަނޑު ދުވަސްވަރު ދިމާވާ އުނދަގޫތައް، ހަށިގަނޑުގެ ބައެއް ތަންތަނުގައި މާބޮޑަށް އިސްތަށި ފެޅުން، ބޮޑަށް ބަރުދަން އިތުރުވުން، ހަކުރު ބަލި، ހިތުގެ ބަލިތައް--ފޮޓޯ/ހެލްތުލައިން
މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ހެލީނާ ޓީޑް ވިދާޅުވި ގޮތުގައި 'ސިސްޓް' މި ލަފުޒުގެ ސަބަބުން މި ބަލީގެ އަސްލު މައްސަލައަށް ވުރެ ބޮޑަށް ސަމާލުކަން ދެވިފައި އޮންނަނީ ހަމައެކަނި އޯވަރީއަށެވެ.
ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި މިއީ އާދައިގެ ސިސްޓުތަކެއް ނޫނެވެ. މިއީ ބިސް އުފެދުމުގެ މަރުހަލާގައި ފުރިހަމަނުވެ ހުއްޓިފައި ހުންނަ 'ފޮލިކަލް'ތަކެކެވެ. އަލްޓްރާސައުންޑް ހަދާއިރު މިއީ ސިސްޓުތަކެއްހެން ހީވި ނަމަވެސް، މިއީ ހަގީގަތުގައި ހޯމޯންގެ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.
މި ބަލީގެ އާ ނަން ކަނޑައެޅުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސަގާފީ ކަންކަމަށް ވެސް ސަމާލުކަން ދީފައިވެއެވެ. މިސާލަކަށް، 'ރިޕްރޮޑަކްޓިވް' (ދަރިމައިވުން) މި ލަފުޒު ނަމުގައި ނުހިމެނީ، ބައެއް މުޖުތަމައުތަކުގައި ދަރިން ނުލިބުމަކީ އަންހެނުންނަށް ވަރަށް ބޮޑު އިޖުތިމާއީ ހުރަހަކަށް ނުވަތަ ލަދުވެތި ކަމަކަށް ވާތީއެވެ. މި ބަދަލުގެ ސަބަބުން، މި ބައްޔަކީ ހަމައެކަނި ދަރިން ނުލިބުމާ ގުޅުންހުރި ބައްޔެއް ނޫންކަން މުޖުތަމައަށް ސާފުވާނެއެވެ.
'ޕޮލިއެންޑޯކްރިން' މި ލަފުޒުން ދޭހަކޮށްދެނީ މިއީ ހަމައެކަނި އޯވަރީއަށް ކުރާ އަސަރެއް ނޫން ކަމާއި މިއީ ހަށިގަނޑުގެ ހޯރމޯން އުފައްދާ ގިނަ ގުނަވަންތަކަކަށް (މިސާލަކަށް: ޕެންކްރިއަސް، އެޑްރީނަލް ގްލޭންޑްސް) އަސަރުކުރާ ކަމެއް ކަމެވެ. އަދި 'މެޓަބޮލިކް' މި ލަފުޒުން، ހަށިގަނޑުގެ އިންސިއުލިން ރެސިސްޓެންސް ނުވަތަ ހަކަތަ ބޭނުންކުރުމުގައި ހުންނަ މައްސަލަތައް ހާމަކޮށްދެއެވެ.
މި ބަދަލުގެ ސަބަބުން ބަލި ދެނެގަތުމަށާއި، ބައްޔަށް ފަރުވާ ކުރުމުގައި ޑޮކްޓަރުންނަށް އިތުރު ފަސޭހަތަކެއް ލިބި، ބަލިމީހުންނަށް ދެވޭ އިރުޝާދުތައް މާ ބޮޑަށް ސާފުވެގެންދާނެ ކަމަށް މާހިރުން އުންމީދު ކުރައްވައެވެ.