އެހެން މީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތުމަކީ ރިވެތި އިންސާނީ ސިފައަކަށް ވީ ނަމަވެސް، އެ ސިފަ އަމިއްލަ ނަފްސުގެ ހަމަޖެހުމާއި އަރާމު ނަގާލުމުގެ ސަބަބަކަށް ހަދައިގެން ނުވާނެ ކަމަށް ނަފްސާނީ ދާއިރާގެ މާހިރުން ބުނެފިއެވެ.
އެހެން މީހުންގެ ރުހުމާއި ލޯބި ހޯދުމުގެ ނަމުގައި ކޮންމެ ކަމަކަށް އެއްބަސްވުމަކީ އިންސާނާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިކޮށްލާ ނުރައްކާތެރި އާދައެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
އިންޑިއާގެ މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ނަފްސާނީ މާހިރު އާޝްކާ މިސްޓްރީ ވިދާޅުވި ގޮތުގައި، ހެޔޮފޯރުވުމާއި މީހުން ރުއްސަން ދުވުމާ ދެމެދު އޮންނަ އިމަކީ ކޮންމެ މީހަކު ވެސް ދަންނަންޖެހޭ މުހިންމު ފަރަޤެކެވެ.
އޯގާތެރިކަމަކީ އިންސާނީ މާތް ސިފައެއް ނަމަވެސް، އެންމެންގެ ހިތްހަމަޖައްސައިދިނުމަކީ އަމިއްލަ ވާޖިބެއް ކަމަށް ދެކެން ފަށައިފިނަމަ، އެންމެ ފަހުން މާޔޫސްވެ ބާކީވާނީ ތިމާގެ އަމިއްލަ ނަފްސު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިއީ ކުއްލިއަކަށް އަށަގަންނަ ސިފައެއް ނޫން ކަމަށާއި، މިފަދަ ކަންކަން މެދުވެރިވަނީ މުޖުތަމަޢު ބަލައިނުގަނެފާނެ ކަމުގެ ބިރާއި، ކުރިމަތިލުންތަކަށް ޖެހިލުންވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ތަފްސީލުކޮށްދެއްވިއެވެ.
އެހެން މީހުންގެ ރުހުމާއި ތަޢުރީފަށް މުޅި ދިރިއުޅުން ދޫކޮށްލުމަކީ ވެސް އަމިއްލަ ނަފްސުގެ އިތުބާރު ގެއްލިގެންދާ ކަމެއް--ފޮޓޯ/ހިންދުންސްތާންޓައިމްސްމި ނުރަނގަޅު އާދައިގެ އެންމެ ފުރަތަމަ ޢަލާމާތެއްގެ ގޮތުން ފެންނަނީ ހިތް އެއްގޮތަކަށް ވެސް ނޭދޭ ކަންކަމުގައި ދެކޮޅުހަދަން ނުކެރި 'އާނއެކޭ' ބުނެވޭ ބުނުމެވެ. އެހެން މީހުންނަށް ނޫނެކޭ ބުނަން ޖެހިލުންވުމުގެ ސަބަބުން ކޮނޑުގައި އެޅޭ ބޭކާރު ޒިންމާތަކުގެ ސަބަބުން ތިމާގެ އަގުހުރި ވަގުތުތައް ގެއްލި، ހަކަތަ ހުސްވެ، ހިތުގައި މާޔޫސްކަމާއި ނުތަނަވަސްކަން އުފެދެއެވެ.
ހަމައެއާއެކު، އާދައިގެ ވާހަކައެއް ދައްކާލުމަށް ނުވަތަ އެހީއަކަށް އެދުމުގެ ކުރިން ވެސް ތިމާގެ ސަބަބުން އެހެން މީހަކަށް އުނދަގޫވެދާނެ ކަމަށް ހީކޮށް ތަކުރާރުކޮށް މާފަށް އެދުމަކީ، ތިމާގެ އަމިއްލަ ވުޖޫދަކީ މީހުންނަށް އޮތް ބުރައެއް ކަމަށް ދެކެވޭ ދެކުމެކެވެ. ނަމަވެސް އަމިއްލަ ބޭނުންތައް ހާމަކުރުމަކީ އިންސާނީ ޙައްޤެއް ކަމަށާއި އެއީ އެއްވެސް ޙާލެއްގައި މާފަށް އެދެންޖެހޭ ސަބަބެއް ނޫން ކަމަށް މާހިރުން ހަނދާންކޮށްދެއްވައެވެ.
މީގެ އިތުރުން، އެހެން މީހުންގެ ރުހުމާއި ތަޢުރީފަށް މުޅި ދިރިއުޅުން ދޫކޮށްލުމަކީ ވެސް އަމިއްލަ ނަފްސުގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ. މެސެޖަކަށް ޖަވާބު ލިބުން ލަސްވުމުން ނުވަތަ މީހެއްގެ މޫނުމަތިން ފެންނަ ކުޑަކުޑަ ބަދަލަކުން ވެސް ކަމެއް ގޯސްވީ ކަމަށް ނިންމުމަކީ ތިމާގެ ނަފްސާނީ ހަމަޖެހުން އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލުމެވެ. އެފަދަ ޙާލަތްތަކުގައި މައްސަލަތަކާ ކުރިމަތިލުމުގެ ބަދަލުގައި ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން ހުރުމަކީ ބޭރުފުށުން ސުލްޙަވެރިކަން ފެނުނު ނަމަވެސް، އެތެރެހަށީގައި ބޮޑު ހައިޖާނެއް އުފައްދާ ކަމެކެވެ. އެހެން މީހުންގެ ހުރިހާ މައްސަލައެއް ޙައްލުކޮށްދޭ އެހީތެރިޔާއަށް އަމިއްލައަށް ވުމަކީ އުފުލަންޖެހޭ ބުރައެއް ނޫން ކަމަށާއި، މީހުންނަށް އަޅާލުމަކީ އެމީހުންގެ އިޙުސާސްތަކުގެ ފުރިހަމަ ޒިންމާ ނެގުން ނޫންކަން ދަންނަންޖެހެއެވެ.
ދުޅަހެޔޮ ގުޅުމެއްގެ އަސާސަކީ އަމިއްލަ ނަފްސުގެ އަގު ހިފަހައްޓައިގެން އެހެން މީހުންނަށް އިޙުތިރާމްކުރުން ކަމަށް ކަމުގެ މާހިރުން ވިދާޅުވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސްމި އާދައިން މިންޖުވުމަކީ އެއްދުވަހުން ނުވަތަ ދެ ދުވަހުން ވާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ބޭނުންވަނީ ކެތްތެރިކަމާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅުން ކަމަށް ސައިކޮލޮޖިސްޓް އާޝްކާ މިސްޓްރީ އިރުޝާދު ދެއްވައެވެ. އެގޮތުން ކަމަކަށް އެއްބަސްވުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް ވިސްނާލުމާއި، ދިގު އުޒުރުތަކެއް ނުދައްކައި ސާފު އިބާރާތުން 'ނޫނެކޭ' ބުނަން ފަރިތަކުރުމަކީ އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. އަދި އަމިއްލަ ބޭނުންތައް އިސްކުރުމަކީ އެހެން މީހުންނަށް އޮންނަ ލޯބި ކުޑަވާ ސަބަބެއް ނޫން ކަމަށާއި، ތިމާގެ ނިންމުމަކާ މެދު އެހެން މީހަކު ހިތްހަމަނުޖެހުމަކީ އެ ނިންމުން ގޯސްވާ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުޅަހެޔޮ ގުޅުމެއްގެ އަސާސަކީ އަމިއްލަ ނަފްސުގެ އަގު ހިފަހައްޓައިގެން އެހެން މީހުންނަށް އިޙުތިރާމްކުރުމެވެ. މިފަދަ ކަންކަމުގެ ސަބަބުން ހިތްނުތަނަވަސްވެ، ނަފްސާނީ ގޮތުން ވަރުބަލިކަން އިހުސާސްވާނަމަ، ލަސްނުކޮށް ކަމާބެހޭ ސިއްޙީ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ ދުޅަހެޔޮ، ހަމަޖެހޭ ދިރިއުޅުމަކަށް ކޮށޭނެ އެންމެ އަލިގަދަ މަގެވެ.