މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވަކިކުރަން ރަސްމީކޮށް ވަނީ ހުށަހަޅާފައި -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމަށް، މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލްކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައި އެކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅައިފިއެވެ. މިއީ ނާޒިމަށް އަމިއްލަފުޅަށް އިސްތިއުފާދެއްވަން އެންގުމުން އެކަމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން ނިންމި ނިންމުމެއްކަމަށް މަޢުލޫމާތު ލިބެއެވެ. ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސީދާ ސަބަބެއް ޕީއެންސީން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕަކުންނާއި މަޖިލީހުގެ މުހިންމު ކޮމިޓީތަކުން ވެސް ދާދިފަހުން ބޭރުކޮށްފައެވެ. މި މައްސަލައިގައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ނާޒިމަށް 14 ދުވަހުގެ ނޯޓިހެއް ލިބިވަޑައިގަންނަވާނެއެވެ. އަދި އޭނާ ޕާޓީން ވަކިކޮށްފިނަމަ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މަޖިލީހުގެ ގޮނޑި ގެއްލުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

  • ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމައިގެން ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ވަނީ ހުށަހަޅާފައި.
  • ނާޒިމް ވަކިކުރަން ނިންމީ އަމިއްލައަށް އިސްތިއުފާދެއްވަން އެންގުމުން އެކަމަށް ދެކޮޅު ހެއްދެވުމުން.
  • މައްސަލަ ކުރިއަށްގެންދާއިރު 14 ދުވަހުގެ ނޯޓިހެއް ދިނުމާއެކު ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ނާޒިމަށް ލިބިވަޑައިގަންނަވާނެ.
  • ރައީސް ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުންނާއި މަޖިލީހުގެ މުހިންމު ކޮމިޓީތަކުން ވެސް މީގެ ކުރިން ނާޒިމް ވަނީ ވަކިކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ސޮއި ހަމަކުރުމަށް ފަހު މިއަދު ހުށަހަޅައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ އިއްޔެ އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ކީއްވެ ކަމެއް އެ ޕާޓީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، އެ މައްސަލައިގައި ބަހުސްކުރާއިރު، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ. އެކަމަކު، އޭނާއާ ގުޅޭ ވޯޓުގައި ވޯޓެއް ނުދެވޭނެއެވެ.

https://sun.mv/221922

މަޖިލީހުން މިއަދު ވަނީ މަޖިލީހުގެ މި ހިނގާ ދައުރު މި މަހު 31 ވަނަ ދުވަހާ ހަމައަށް ދަންމާލަން ވެސް ފާސްކޮށްފައެވެ. އެހެން އެކަން ކުރީ 'މުހިންމު މަސައްކަތްތަކެއް' ހުރުމުން ކަމަށް ބުނެއެވެ. އެކަމަކު، ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް އިއްޔެ ވަނީ ބޭރުކޮށްފައެވެ. އެ ގްރޫޕުން އޭނާ ބޭރުކުރީ އިއްޔެ ހެނދުނު 6:00 އެހާކަންހާއިރެވެ.

ޕީއެންސީގެ ސީނިއާ މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި މިހާތަނަށް ޕީއެންސީގެ ރަސްމީ ބަހެއް ނުލިބެއެވެ. އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވައެވެ. އެހެންވެ، ނާޒިމް ވަކިކުރަން ނިންމި ސީދާ ސަބަބެއް ނޭނގެއެވެ.

މަޖިލީހުގެ ނައިބު ރައީސް ވަކިކުރަން ހުށަހަޅަންޖެހޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާ އެކުއެވެ. ޕީއެންސީގައި 75 މެންބަރުން ތިއްބަވާތީ، އެއީ އެ ޕާޓީއަށް ވަރަށް ފަސޭހަ ކަމެކެވެ.

https://sun.mv/221909

މި މައްސަލައިގައި ނާޒިމްގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސުޕްރީމް ކޯޓުން އެންޓި ޑިފެކްޝަން އިސްލާހު ރަނގަޅުކަމަށް ނިންމުމާ އެކު، ޕާޓީން ވަކިކޮށްފި ނަމަ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުމުގެ ބިރު ވެސް އެބައޮތެވެ. މިހާރު އޮންނަ ގޮތުން، މެންބަރުން އިންތިޚާބުވާ ޕާޓީން އަމިއްލައަށް ވަކިވުމުންނާއި ވަކިކުރުމުން ވެސް މެންބަރުންގެ ގޮނޑި ގެއްލޭނެއެވެ. އެކަމަކު، އޭނާ ޕީއެންސީ ވަކިކުރަން އެ ޕާޓީން މިހާތަނަށް ނިންމާފައެއް ނުވެއެވެ.

މިދިޔަ މަހު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން، މިދިޔަ މަހު 21 ގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފައެވެ. އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަތްކެއް ނުކުރެއެވެ.

އޭރު ވެސް މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ ކަމަށް އަޑުފެތުރުނެވެ. އެކަމަކު، އެ ފަހަރު ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް އެކަން ދޮގުކުރެއްވިއެވެ.

comment ކޮމެންޓް