ޑައިމޯފިނާއި ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމުން ނ. ވެލިދުއަށް ނިސްބަތްވާ ދެ މީހަކު އުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމަކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދުއަށް ނިސްބަތްވާ އެރަށު ދިލްބަހާރުގެ، އުމުރުން 44 އަހަރުގެ އަޙްމަދު އިބްރާހީމްގެ މައްޗަށް ކަމަށެވެ.
އަދި އެރަށު ހެޕީގާޑްން، އުމުރުން 39 އަހަރުގެ ހުސައިން އިބްރާހީމްގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އަޙްމަދު އިބްރާހީމްގެ މައްޗަށް ކޯޓުން 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ގާނުނުގެ 115 ވަނަ މާއްދާގެ ނ.ގެ ދަށުން އޭނާ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަޙްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި ފަސް ދުވަސް ކަމަށް ހުކުމްގައި ކަނޑައަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހުގައެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހެވެ.
މީގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމުން، ޙުސައިން އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފައި ވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުސައިން އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ހުކުމްގައި ކަނޑައަޅާފައި ވާކަމަށެވެ.
އެ ދެ މީހުންނަށް ވެސް ކޯޓުން ހުކުމް އިއްވާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޙުސައިން އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގައެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 މެއި 10 ވަނަ ދުވަހެވެ.
ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.