ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރަން ތައްޔާރު: ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ. މިކަން މިގޮތަށް ހިނގާފައިވަނީ ކޯޓު އަމުރަކާ ޚިލާފުވިކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި ލީވާން ޢަލީ ނަސީރު 10 ދުވަހަށް އަދި މުޙައްމަދު ޝަހުޒާން 15 ދުވަހަށް ވަނީ ޖަލަށްލާފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވަނީ ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ގައުމު ސަލާމަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ބާއްވާ އިޙުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެކަން އިޢުލާންކުރައްވާފައެވެ.

  • ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރީގެ ރައީސުން ގުޅިގެން މަސައްކަތްކުރައްވަން ނިންމެވުން.
  • ކޯޓުގެ އަމުރާ ޚިލާފުވިކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުން.
  • ލީވާން 10 ދުވަހަށް އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރުން.
  • ސިޔާސީ ލީޑަރުންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ނޫސްވެރިން ދޫކޮށްލުމަށް ގޮވާލުން.

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިޙާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ކޯޓު އަމުރަކާ ޚިލާފު ކަމަށް ބުނާ މައްސަލައެއްގައި އިއްޔެ ވަނީ ދެ ނޫސްވެރިން ޖަލަށްލާފައެވެ.

އެ މައްސަލަ ގޯސްވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކުރީގެ ތިން ރައީސުން ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެކުގައި ގައުމު ސަލާމަތްކުރަން ނުކުންނަވަން ގޮވާލައްވާފައެވެ.

އެ ކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުރީގެ ރައީސް ޔާމީން މިއަދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ރައީސް ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރައްވަން އެއްބަސްވެލައްވާ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

"[ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން] މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

https://sun.mv/221923

'އަދަދު' ނޫހަށް ނިސްބަތްވާ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ ޤަޛްފުކުރިކަމުގެ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. އެ މައްސަލައިގައި ލީވާނަށް 10 ދުވަސް އަދި ޝަހްޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ލީވާން ހާޒިރުކުރީ ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހްޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

މި މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ޤަޛްފުކުރިކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ދެ ނޫސްވެރިންގެ ޝަރީއަތް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ. ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ވެސް ހޭދަކުރީ ވަރަށް ކުރު މުއްދަތެކެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސީޕީޖޭއާއި ޓްރާންސްޕޭރަންސީ، އަދި އައިފްޖޭން ވަނީ ދެ ނޫސްވެރިން ވެސް ބަންދުން ދޫކޮށްލުމަށް ގޮވާލައިފައެވެ.

ގައުމު ސަލާމަތްކުރަން ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން ފައްޔާޒް ގޮވާލެއްވީ މި މައްސަލައިގައެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ ތިން ރައީސުންނާ އެކުގައި މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ތައްޔާރަށް ކަމަށެވެ. ފަސް ނުޖެހި އެ މަސައްކަތްކުރަން އޭނާ ގޮވާލެއްވިއެވެ.

"ތަފާތު ވިސްނުންތައް އެއް ފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް، ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް މިރޭ އެންމެހާ ބޭފުޅުން ވަޑައިގެން ދެއްވަން އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ވެސް [އިހުތިޖާޖުގައި] ހުންނާނަން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް