އިންތިޚާބުން ކުރިމަތިވި ބޮޑު ނާކާމިޔާބަށް ފަހު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރގެ ލީޑާޝިޕަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ވަރަށް ބޮޑަށް ގަދަވެއްޖެއެވެ.
މިދިޔަ ހަފުތާގައި ބޭއްވި ލޯކަލް އިންތިޚާބުގައި އިނގިރޭސިވިލާތުގައި ވެރިކަންކުރާ ލޭބާ ޕާޓީއަށް ކުރިމަތިވި ތާރީޚީ ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ 80 އަށްވުރެ ގިނަ މެންބަރުން ވަނީ ސްޓާމަރ މަގާމުން ދުރުވާން ގޮވާލައްވާފައެވެ. މިއީ 2024 ވަނަ އަހަރު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސްޓާމަރއަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ކާރިސާއެވެ.
ނަމަވެސް، މިއަދު އޮންނަ ކެބިނެޓް ބައްދަލުވުމާ ކުރިމަތިލައްވާއިރު، ސްޓާމަރ ހުންނެވީ މަގާމު ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައި، ޕާޓީގެ އެތެރޭގެ ފިއްތުންތަކާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކެތަރިން ވެސްޓް އިސްވެ ހުންނަވައި ތައްޔާރުކުރެއްވި ސިޓީއެއްގައި 80 މެންބަރުން ސޮއިކުރައްވާފައިވާއިރު، ލޭބާ ޕާޓީގެ ގަވާއިދުތައް ބުނާ ގޮތުން ލީޑާޝިޕް އިންތިޚާބެއް ރަސްމީކޮށް ފަށަން ޕާޓީގެ 81 މެންބަރުންގެ ތާއީދު ބޭނުންވެއެވެ. މިއީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ލޭބާ ޕާޓީގެ މެންބަރުންގެ 20 އިންސައްތައެވެ.
މި މައްސަލައިގައި ކެބިނެޓްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ހޯމް ސެކްރެޓަރީ ޝަބާނާ މަޙްމޫދު އަދި ފޮރިން ސެކްރެޓަރީ އީވެޓް ކޫޕަރ ފަދަ އިސް ވަޒީރުން ވަނީ އޮމާންކަމާ އެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ސްޓާމަރއަށް ލަފާދެއްވާފައެވެ. އަދި، ޑިފެންސް ސެކްރެޓަރީ ޖޯން ހީލީއާއި ޑެޕިއުޓީ ބޮޑުވަޒީރު ޑޭވިޑް ލެމީ ވެސް ވަނީ ގައުމަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަންކަން ނިންމެވުމަށް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަ މުޝީރަކު ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ ތެރޭގައި ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގގެ މުޝީރު ޖޯ މޮރިސް، އެންވަޔަރަންމަންޓް ސެކްރެޓަރީގެ މުޝީރު ޓޮމް ރަޓްލަންޑް، ހޯމް އޮފީހުގެ މުޝީރު ސެލީ ޖޭމްސަން، އަދި ޑެޕިއުޓީ ބޮޑުވަޒީރުގެ މުޝީރު މެލަނީ ވޯޑް ހިމެނެއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވީ ބޮޑުވަޒީރަށް އޮތް އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވަމުންނެވެ.
މި އިސްތިއުފާތަކާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން ވަނީ ވަގުތުން އެ މަގާމުތަކަށް އޭނާއަށް ވަފާތެރި މެންބަރުން އައްޔަންކުރައްވާފައެވެ. ޗީފް ސެކްރެޓަރީ ޑަރެން ޖޯންސް ވިދާޅުވި ގޮތުގައި، ސްޓާމަރ ގެންދަވަނީ އެހެން މެންބަރުންނާ މަޝްވަރާކުރައްވަމުންނެވެ. އަދި، މަގާމު ދޫކޮށް ނުލައްވާނެކަން ބޮޑުވަޒީރު ވަރަށް ސާފުކޮށް ވިދާޅުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޯމަ ދުވަހު ލަންޑަންގައި ދެއްވި ތަޤުރީރެއްގައި ސްޓާމަރ ވަނީ އިންތިޚާބުގެ ނަތީޖާއަކީ ވަރަށް ހިތްދަތި ނަތީޖާއެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް، އޭނާ ވިދާޅުވީ އޭނާއާ މެދު ޝައްކުކުރާ މީހުން ތިބިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ މީހުންނަށް އެއީ ކުށްހީއެއްކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.
"މި ފަހަރު އަޅުގަނޑުމެންގެ ރައްދު ތަފާތުވާންޖެހޭނެ. އަޅުގަނޑުމެން ޖެހޭނީ މި ގައުމު އިތުރަށް ވަރުގަދަކޮށް، އިގުތިސާދީ ސަލާމަތްތެރިކަން ކަށަވަރުކުރަން،" ސްޓާމަރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންޒަވޭޓިވް ޕާޓީގެ ވެރިކަމުގައި ފެނުނު ފަދައިން، އަބަދު ލީޑަރުން ބަދަލުކުރުމުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތަކުގެ ތެރެއަށް ގައުމު ވައްޓާލައިފިނަމަ، ރައްޔިތުން ލޭބަރ ޕާޓީއަށް ދުވަހަކު ވެސް މާފު ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން، އިދިކޮޅު ރިފޯމް ޔޫކޭ އަދި ގްރީން ޕާޓީއަށް ފާޑުވިދާޅުވަމުން އޭނާ ފާހަގަކުރެއްވީ، އެ ޕާޓީތަކުން ރައްޔިތުންގެ މާޔޫސްކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި މި ދަނޑިވަޅަށް ބޭނުންވާ ހަރުދަނާ ލީޑާޝިޕް އެ ޕާޓީތަކަށް ނުދެއްކޭނެ ކަމަށެވެ. ސްޓާމަރ ގަބޫލުކުރައްވާ ގޮތުގައި ލޭބާ ޕާޓީއަކީ މައިގަނޑު ގޮތެއްގައި ވެރިކަންކުރާ ޕާޓީއެކެވެ. އަދި، މުޒާހަރާކުރާ ޕާޓީއެއްގެ ގޮތުގައި އޮތުމަށް އޭނާ ބޭނުންފުޅެއް ނުވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން ލޭބާ ޕާޓީއަށް ވަނީ 1،400 އަށްވުރެ ގިނަ ކައުންސިލް ގޮނޑި ގެއްލިފައެވެ. އަދި، 40 ވަރަކަށް ލޯކަލް ކައުންސިލްގެ ކޮންޓްރޯލް ގެއްލިފައިވާއިރު، ވޭލްސްގައި 1999 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލޭބާ ޕާޓީއަށް ވަނީ ވެރިކަން ގެއްލިފައެވެ.
ވޭލްސްގައި ޕްލައިޑް ކަމްރީ އަދި ކަނާތުފިޔައިގެ ރިފޯމް ޔޫކޭއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ސްކޮޓްލެންޑްގައި ވެސް ލޭބާ ޕާޓީއަށް ވަނީ ފަހަތަށް ސޮއްސާލާފައެވެ.
އާންމު އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން ވެރިކަމަށް އައި ނަމަވެސް، ސްޓާމަރގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި 10 މިލިއަން މީހުންނަށް ދެމުންދިޔަ ވިންޓާ ފިއުލް އެލަވަންސް ކަނޑާލުމާއި، ޖަލުތަކުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުށްވެރިން އަވަހަށް ދޫކޮށްލުމުގެ ޕްރޮގްރާމެއް ފެށުމާއި، 1993 ވަނަ އަހަރަށް ފަހު އެންމެ ބޮޑަށް ޓެކްސް ބޮޑުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ޣައްޒާގެ ހަނގުރާމައާ މެދު ލޭބާ ޕާޓީން ގެންގުޅޭ ސިޔާސަތާއި، އެމެރިކާގެ ސަފީރު ޕީޓާ މެންޑެލްސަންއާ ގުޅޭގޮތުން ފެންމަތިވި މައްސަލަތަކުގެ ސަބަބުން ވެސް ސަރުކާރަށް އޮތް ތާއީދު ވަނީ ކުޑަވެފައެވެ.
ސްޓާމަރއާ ވާދަކުރައްވާނެކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގ، ކުރީގެ ޑެޕިއުޓީ ބޮޑުވަޒީރު އެންޖެލާ ރޭނަރ، އަދި ގްރޭޓަރ މެންޗެސްޓާގެ މޭޔަރު އެންޑީ ބަރންހަމް ހިމެނެއެވެ.