ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކުރުން އެމްޖޭއޭއިން ކުށްވެރިކޮށްފި، ގޮވާލީ ދައުވާތައް އަނބުރާ ގެންދިއުމަށް!

ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: އެމްޖޭއޭ

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ އަދަދު ނޫހުގެ ސީއީއޯ އާއި މެނޭޖިން އެޑިޓަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ.

  • އަދަދު ނޫހުގެ ދެ އިސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން
  • އެމްޖޭއޭއިން މިކަން ކުށްވެރިކޮށް ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލުން
  • ކްރިމިނަލް ކޯޓުން ނެރުނު އަމުރާމެދު ކަންބޮޑުވުން ފާޅުކުރުން
  • މިއީ ޑިމޮކްރެސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށް ބުނުން

އޮންލައިން ނޫސް "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިނާއީ ދައުވާތައް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލާފައެވެ.

https://sun.mv/221803

އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވަނީ ނޫސް އިދާރާތަކާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް، ތަހުގީގު ހިންގައި ދައުވާ އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދައްކައި، އެމީހުންގެ މަސައްކަތްތައް ހުއްޓުވުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.

ނޫސްވެރިންގެ ޖަމިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޕީޖީގެ ސީދާ އަމުރަށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަކީ ބިރުވެރި ސަގާފަތެއްގެ ފެށުމެކެވެ.

"މިއީ އެތައް ބައެއްގެ ގުރުބާނީން ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެޓިކް ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ތަނެއް ފަހަތަށް ގޮސް ހުދުމުހުތާރު ކަމަށް ރާއްޖެ ސޮއްސާލައިގެން ދާނެ ކަމެއް،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް