ގަޒުފުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްފިއެވެ.
މި މައްސަލާގައި މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާނެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި، މި ދެ ނޫސްވެރިން ހާޒިރުކުރާ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުންނާއި މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ. މީގެ ތެރެއިން ލީވާން މިއަދު ހެނދުނު 11:00 ޖެހިއިރު ކޯޓަށް ހާޒިރުވެފައިވާއިރު، ޝަހުޒާން ހާޒިރުކުރުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 1:00 އަށެވެ.
މި މައްސަލައަކީ 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ.
އެ ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުކޮށްފައެވެ. އަދި، މިއީ ސިއްރުން ކުރިއަށްގެންދާ މައްސަލަތަކެއް ކަމުން، ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި ވާހަކަތައް ނުފެތުރުމަށް ވެސް އަމުރުގައިވެއެވެ.
ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކުރަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލައިގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.
މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ. ދެ މީހުންގެ މައްޗަށް އާދިއްތަ ދުވަހު އުފުލި ދައުވާގެ އިބުތިދާއީ އަޑުއެހުން މާދަމައަށް ވަނީ ތާވަލުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޑޮކިއުމަންޓްރީއާ ގުޅުވައިގެން މައްސަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންވެ، އެ ފަދަ ވާހަކައެއް ފަތުރާނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.