ކޮންމެ ކުއްޖަކީ އަމާނާތެއް

މިއަދުގެ މުޖުތަމަޢުގައި ފަޤީރުކަމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ވާހަކަ ދެކެވެނީ ހަމައެކަނި ތަފާސްހިސާބުތަކާއި ބަޖެޓުގެ ނަޒަރުންނެވެ. ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ނާޒުކު ޙާލަތުގައި ތިބި ޢާއިލާތަކާއި ކުޑަކުދިން ތަޙައްމަލުކުރާ ހިތްދަތިކަން ވަނީ ފަރުދާވެފައެވެ. ޔުނިސެފް އަދި ވޯލްޑް ބޭންކްގެ ދިރާސާތަކުން ދައްކާގޮތުގައި، ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ޤައުމީ ވާޖިބެކެވެ. ކުދިންނަށް ބޭނުންވަނީ ހަމައެކަނި މާއްދީ ތަކެއްޗެއް ނޫނެވެ. އެކުދިންނަށް ނަފްސާނީ ހަމަޖެހުމާއި ލޯބި ބޭނުންވާއިރު، މިއީ ހަމައެކަނި މައިންބަފައިންނަށް ދޫކޮށްލެވޭނެ ޒިންމާއެއް ނޫނެވެ. މުޅި ދައުލަތުންނާއި މުއައްސަސާތަކުން މިކަމާ ޙަވާލުވެ، ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަން ޖެހެއެވެ.

  • އިޖުތިމާޢީ ރައްކާތެރިކަމަކީ ހަމައެކަނި އިޤުތިޞާދީ ނަޒަރަކުން ބަލަންޖެހޭ ކަމެއް ނޫނެވެ.
  • ކުޑަކުދިންނަށް ލޯތްބާއި، އޯގާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހެއެވެ.
  • ނާޒުކު ޙާލަތުގައިވާ ޢާއިލާތަކަށް އެހީތެރިވުމަކީ ދައުލަތާއި މުއައްސަސާތަކުގެ ޒިންމާއެކެވެ.
  • އިސްލާމްދީނުގައި ކުދިންނަކީ ބުރައެއް ނޫންކަމަށާއި އެއީ މަތިވެރި އަމާނާތެއްކަން ބަޔާންކުރެއެވެ.

މިއަދުގެ ދުނިޔޭގައި ފަގީރުކަން ނައްތާލުމާއި، ނިކަމެތި ޢާއިލާތަކަށް ވާގިވެރިވުމާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ވާހަކަތައް ދެކެވޭ ކޮންމެ ފަހަރަކު، ގިނަ ފަހަރު ވާހަކަތަކުގެ މިސްރާބު ހުންނަނީ ހަމައެކަނި ތަފާސްހިސާބުތަކާ ދިމާލަށެވެ. ބަޖެޓުގެ ތަފްސީލުތަކާ ދިމާލަށެވެ. ސިޔާސަތުތަކުގެ ޢިލްމީ ތަންތަންކޮޅުތަކާ ދިމާލަށެވެ. ޚަރަދުކުރެވޭ ޤާބިލިއްޔަތުގެ ހިސާބުތަކާ ދިމާލަށެވެ. ހިތާމަވެރި ގޮތަކަށް ހަނދާން ނައްތާލެވެނީ، ހިތްދަތިކަމުގެ ވާހަކައެވެ. ތަދުވާ ޙަޔާތްތަކުގެ ވާހަކައެވެ.

ދިވެހި މުޖުތަމަޢަށް ބަލާއިރު، ދިރިއުޅުމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިއުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތަފާތު އިޖުތިމާޢީ ފިއްތުންތަކުގެ ތެރޭގައި ގިނަ ގޭބިސީތަކެއްގައި ދިރިއުޅެން ޖެހިފައިވަނީ ނުހަނު ހިތާމަވެރި ހާލެއްގައެވެ. ދިރިއުޅުމުގެ ބުރަ ފަށްފަށްވެ، ހިތްތައްވަނީ ހިތާމައިގެ ހާއްޔަކަށްވެފައެވެ. ނަމަވެސް، ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި – އެތައްބިލިޔަން ޑޮލަރެއްގެ އިގުތިޞާދެއްގެ ފުރަގަހުގައި ފަރުދާވެފައިވާ މި ހިތި ޙަޤީޤަތުގެވާހަކަ ދެކެވޭވަރު ނިހާޔަތަށް މަދުކަމެވެ.

https://sun.mv/216121

ޔުނިސެފް އާއި ވޯލްޑް ބޭންކްގެ ދިރާސާތަކުން ހާމަވާ ގޮތުގައި، ނާޒުކު ހާލަތްތަކުގައިވާ ޢާއިލާތަކަށް ދިއްކޮށްލެވޭ ވާގިވެރިކަން (ރައްކާތެރިކަން) ހަރުދަނާކޮށް، ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމުތައް ބިނާކުރުމަކީ ދައުލަތުގެ ފެންވަރުގައި ކުރަންޖެހިފައިވާ ނުހަނު ބޮޑު ގައުމީ ވާޖިބެކެވެ. މިއީ ކޮންމެ ދިވެހި ރައްޔިތަކު ފުންކޮށް ވިސްނަންޖެހޭ ޙަޤީޤަތެކެވެ. އެކަން ނުކޮށް އެހެން ހުރިހާ ކަމަކާ އަޅުގަނޑުމެން މިއުޅެނީ ކީއްވެތޯއެވެ؟

ކުދިންނަށް ބޭނުންވަނީ ހަމައެކަނި ކާނާއާއި އަންނައުނާއި ފޮތްފަންސޫރެއް ނޫނެވެ.

އެކުދިންގެ ހިތްތަކަށް ހަމަޖެހުން ބޭނުންވެއެވެ. ނަފްސާނީ ގޮތުން ރައްކާތެރި، ހިތްހަމަޖެހޭ ވެށްޓަކަށް ބޭނުންވެއެވެ. ކެތްތެރިކަމާއި ލޯތްބާއި އަޅާލުން ބޭނުންވެއެވެ. ތިމާ ދެކެ ލޯބިވާ، ތިމާއާމެދު ވިސްނާ، ތިމާ ބަލައިގަންނަ ބޮޑެތި މީހުންގެ ފަރާތުންނެވެ. ދިރިއުޅުމުގެ ހިތްދަތިކަމާ ހަނގުރާމަ ކުރަމުން، ހިތުގެ ދޮރު ތަޅުލައިގެން ތިބޭ ބޮޑެތި މީހުންގެ އޯގާތެރި ހިނިތުންވުމުގެ ތެރެއިންނެވެ.

އަޅުގަނޑުމެންގެ ކުދީންނަށް ދުޅަހެޔޮ މާހައުލެއް ކަށަވަރު ކޮށްދިނުމުގެ ޒިންމާ ހަމައެކަނި މައިންބަފައިންގެ ކޮނޑުގައި ނޭޅޭނެއެވެ. ދިރިއުޅުމުގެ ބުރަ ތަހައްމަލުކުރަމުން، ދެކޮޅު ނުޖެހޭ ދިރިއުޅުމެއް ދިރިއުޅެމުންދާ ޢާއިލާތަކަށް "ތިއީ ކަލޭމެންގެ ކަމެކޭ. ކަލޭމެން އަމިއްލައަށް ތިކަން ހައްލުކުރާށޭ" ބުނެ، ދައުލަތާއި މުއައްސަސާތަކުން ބޮލާލާޖެހުމަކީ – ތަހުޒީބު މުޖުތަމަޢެއްގައި ކަންހިނގައިގެންވާނެ ގޮތެއްނޫނެވެ.

މިއީ މުއައްސަސާތަކާއި، ވެރިންނާއި، މުޅި ދައުލަތުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. ސުވާލަކީ "ނާޒުކު ޙާލަތުގައި ދިރިއުޅުން ވޭތުކުރަންޖެހިފައިވާ ޢާއިލާތަކުގެ ބުރަ ލުއިކޮށްދިނުމަށް، އަޅުގަނޑުމެން ކުރަނީ ކޮންކަމެއް ހެއްޔެވެ؟"

އިޖުތިމާޢީ ރައްކާތެރިކަމަކީ ހަމައެކަނި އިޤްތިޞާދީ ނަޒަރަކުން ބަލައިގެން ދެއްކޭނެ ވާހަކައެއް ނޫނެވެ. އެއީ އިޙްސާންތެރިކަމުގެ މައްޗަށް ބިނާވާ ކަމެކެވެ. އިންސާނީ ކަރާމާތް ދެމެހެއްޓުމާއި، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ޒިންމާދާރު ވިސްނުމަކުންނެވެ. ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓި ގެނބިގެން ދިޔަނުދީ، ހަމަޖެހިގެން ތަރުބިއްޔަތުވެ ބޮޑުވެވޭނެ މަގު ކުދިންނަށް ތަނަވަސް ކޮށްދޭންޖެހޭނެކަން ގަބޫލުކޮށްގެންނެވެ.

https://sun.mv/220043

ޔުނިސެފް މޯލްޑިވްސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން ދެވޭ އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާ ވެގެންދިއުމަކީ ކުދިންގެ ޖިސްމާނީ ޞިއްޙަތު ދުޅަހެޔޮ ވެގެންދާ ކަމެކެވެ. އަދި ތަޢުލީމީ ފެންވަރު ކުރިއަރާ، ކިޔެވުމަށް ޝައުޤުވެރިކަން އިތުރުވެ، ފިކުރީގޮތުން ކުރިއެރުން ގެނެސްދޭކަމެއް ވެސް މެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކެތްތެރިކަމާއެކު ކުރިމަތިލެވޭ ބަޔަކަށް އެކުދިން ހަދާދޭ ކަމެކެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭ ކޮށްދޭ އިންވެސްޓްމަންޓެއް ވެސް މެއެވެ.

ކުދީންނަށް ރައްކާތެރިކަން ދިނުމަކީ ބޮލުން އެއްލާނުލެވޭނެ ޒިންމާއެކެވެ.

އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދެނީ ވަރަށް ފުރިހަމަ ފިލާވަޅެކެވެ: ކުދިންނަކީ އުނދަގުލުން އުފުލަންޖެހޭ "ބުރައެއް" ނޫނެވެ. އެކުދިންނަކީ ލޯތްބާއި ކެތްތެރިކަމާއެކު ބަލާބޮޑުކުރަންޖެހޭ "ރަޙުމަތެކެވެ." އޭގެ ދަލީލަކީ ﷲ ގެ ވަޙީގެ ބަސްފުޅެވެ. "އަދި ފަޤީރުވެދާނެކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. އެކުދިންނަށާއި ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ ތިމަންރަސްކަލާނގެއެވެ." (ސޫރަތުލް އިސްރާ 31 ވަނަ އާޔަތުގެ މާނަ)

މިއަދު އަޅުގަނޑުމެން އަމިއްލަނަފްސާ ކުރަންޖެހޭ ސުވާލަކީ – ކުދިންނަކީ ހަޤީޤަތުގައިވެސް "އަމާނާތެއް"ކަމަށް އަޅުގަނޑުމެންގެ މުޖުތަމައުގައި ބަހާއިއަމަލުން އެކަން ފެނޭ ހެއްޔެވެ؟ އަޅުގަނޑުމެން ފަގީރުވެދާނެކަމުގެ ބިރަށް އެކުދީންނަށްވުރެ އަޅުގަނޑުމެންގެ "އިގުތިޞާދަށް" އިސްކަންދީފައި މާދަމާ ދައްކާނީ ކޮންމޫނެއް ހެއްޔެވެ؟ ދައްކާނީ ކޮންބަހަނާއެއް ހެއްޔެވެ؟

ކޮންމެ ކުއްޖަކަށްވެސް އުފާވެރި މާޙައުލެއް ހޯދައިދީ، އެކުދިންގެ ކަރާމާތް ދަމަހައްޓައި، ރައްކާތެރިކަމާއެކު ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ދީނީ އަދި އިންސާނީ ވާޖިބެކެވެ. އެއީ ބޮލާލާ ޖެހެން ނެތް ހަގީގަތެކެވެ.

comment ކޮމެންޓް