ވަރަށް ލޯބިވޭ: ކުރިމަގުގެ ބިންގަލަކަށް ލޯބި އިޚްތިޔާރުކުރި ސަބަބު

އަޅުގަނޑުގެ ހަޔާތުގެ ތަޖުރިބާތަކަށް ފަސްއެނބުރި ބަލާލާއިރު، އަޅުގަނޑުގެ ހިތުގައި އަބަދުވެސް ހަރުލާފައިވާ އެންމެ މުހިންމު އެއް ސުވާލަކީ – މީހުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ކޯއްޗެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑު ކުރި ދަތުރަކީ ވަރަށް ދިގު، އެހާމެ ތަޖުރިބާ ގިނަ ދަތުރެކެވެ.

ވޭތުވެދިޔަ ތާނގައި އަޅުގަނޑަށްވަނީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައެވެ. މުދައްރިސެއްގެ ގޮތުން ކްލާސްރޫމްތަކުގައެވެ. ސްކޫލްގެ އިސްވެރިއެއްގެ ގޮތުން ހިންގުމުގެ ދާއިރާގައެވެ. އަދި ސްކޫލްތައް ހިންގުމުގައެވެ. ކުންފުނިތަކުގެ ހިންގުމުގެ ޒިންމާތަކާ ހަވާލުވެއެވެ. މީގެ އިތުރުން އިޖުތިމާޢީ ގޮތުން ތަފާތު ގިނަ ޚިދުމަތްތައް ކުރުމުގެ ފުރުޞަތުވެސް ލިބުނެވެ.

މިއަދު އަޅުގަނޑުގެ މައިގނަޑު މަސައްކަތަކީ 'ދަ ހެޕިނަސް ކްލަބް' ގެ ޗީފް ހެޕިނަސް އޮފިސަރުގެ ގޮތުން މުޖުތަމައަށް އުފާވެރިކަން ގެނެސްދިނުމަށް ކުރާ ފުން އަދި ފުޅާ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ވެސް، ލީޑަރޝިޕް އަދި ހެޕިނަސް ކޯޗެއްގެ ގޮތުންނާއި، ތަފާތު މައުޟޫއުތަކަށް ސެޝަންތައް ނަގައި ދިނުމާއި ތަޖުރިބާ ހިއްސާ ކުރުމުގެ ގޮތުން އެތައް ބަޔަކާ މުއާމަލާތް ކުރުމުގެ ފުރުޞަތު މިހާރުވެސް އަޅުގަނޑަށް ލިބެއެވެ.

ހަޔާތުގެ މި ދަތުރުގެ ތެރެއިން ދިރިއުޅުމުގެ އެކި ފަންތިތަކަށް ނިސްބަތްވާ، ތަފާތު މިޒާޖުގެ އެތައް ބަޔަކާ އަޅުގަނޑާ ބައްދަލުވެއްޖެއެވެ. އޭގެ ތެރޭގައި ދުނިޔަވީ ގޮތުން ނުހަނު ކާމިޔާބު، ނުހަނު ތަނަވަސް މީހުންނާއި، ދިރިއުޅުމުގެ ބުރައިގައި ތާށިވެ "ދިރިތެޅެމުން"ދާ މީހުން ވެސްހިމެނެއެވެ. ބައެއް މީހުންނަކީ ބޭރުފުށުން ވަރަށް އަމިއްލަ ނަފްސަށް އިތުބާރުކުރާ، ހިތްހަމަޖެހޭ ބައެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެމީހުންނަކީ އެހެންމީހުންގެ ލޮލަށް ފަރުދާވެގެން – ވަރަށް ބޮޑެތި ހިތްދަތިކަމާއި ވޭން ތަހައްމަލު ކުރަމުން ދިޔަ މީހުންނެވެ. މި ހުރިހާ ތަފާތުތަކެއްގެ ފަހަތުގައި، ހައިރާންވާހާ އެއްގޮތް ކަމެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ.

https://sun.mv/219434

މި ދެންނެވި، އެންމެ ގިނަ މީހުންގެ ފަރާތުން އަޅުގަނޑަށް ފެނުނު އެއްގޮތްކަމަކީ – ސަލާމަތާއި "ރައްކާތެރިކަމުގެ އިހުސާސް" ކުރެވޭ މީހަކަށް ވުމަށް، ބޭނުންވުމެވެ. ހަމައެކަނި ޖިސްމާނީގޮތުން ލިބޭ ރައްކާތެރިކަމެއް ނޫނެވެ. ތިމާގެ އަގުވަޒަންކުރާކަމާއި ތިމާ ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުމުގެ ސަބަބުން އުފެދޭ ރައްކާތެރިކަމުގެ އިހްސާސެވެ. ކުށްވެރި ނުކުރާނެކަމުގެ ޔަގީންކަން އޮތުމުން ކުރެވޭ ރައްކާތެރިކަމުގެ އިހުސާސެވެ.

ހަމައެފަދައިން، ތިމާގެ ސިފަޔަށް ނުވަތަ ތިމާގެ ގާބިލިއްޔަތަށް ނިސްބަތްކޮށް ތިމާގެ ބަލައިނުގަންނާނެކަމުގެ ބިރުގަންނަން ނުޖެހޭނެކަމަށް އޮންނަ ޔަގީންކަމުން ލިބޭ ރައްކާތެރިކަމުގެ އިހުސާސެވެ. އަޅުގަނޑުމެން މިފަށާ "ވަރަށްލޯބިވޭ" ދަތުރުގެ އަސްލު ސަބަބަކީ އެއީއެވެ.

އަޑުއަހަން އެންމެ ބޭނުންވާ ވާހަަކަ

"ވަރަށް ލޯބިވޭ" ނުވަތަ "ވަރަށް ބޮޑަށް ލޯބިވޭ" – މިހެން ބުނެލާ އަޑު އިވޭއިރު އެއީ ވަރަށް އާދައިގެ ވާހަކައެކޭ ހީވެދާނެއެވެ. އެހެންނަމަވެސް، ވަރަށް ގިނަބަޔަކަށް އެއީ އެ މީހުން އަޑުއަހަން އެންމެ ފޮނި އިންތިޒާރެއްކުރާ ވާހަކައެވެ. އެހެން ބުނެލާ އަޑު އިވުމަކީ އެއީ މީހާގެ ރޫޙަށް އާރޯކަމާ ތާޒާކަން ގެނެސްދޭ، އަދި އުންމީދު އާކޮށްދޭ ވާހަކައެއްވެސް މެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުރި ކޮންމެ ކުއްޖަކީވެސް ލޯބި ލިބޭކަމުގެ އިހުސާސް ކުރަންބޭނުންވާ ކުއްޖެކެވެ. ކޮންމެ ދަރިވަރަކީ، ތިމާއަކީ މީހުން ބަލައިގަންނަ ކުއްޖެއްކަމުގެ އިހުސާސް ކުރަން ބޭނުންވާ ކުއްޖެކެވެ. ވަޒީފާ އަދާކުރާ ކޮންމެ މީހަކީ، ތިމާއަކީ އިޙްތިރާމް ލިބޭ މުވައްޒަފެއްކަމުގެ އިހުސާސްކުރަން ބޭނުންވާ މީހެކެވެ. މައިންބަފައިން، އެ މީހުންގެ ގުރުބާނީގެ އަގުވަޒަން ކުރެވޭކަމުގެ އިހުސާސްކުރެވެން ބޭނުންވެއެވެ. ދޮށީ އުމުރުގެ ކޮންމެ މީހަކީ، ތިމާއަކީ އަގުހުރިމީހެއްކަމާއި މީހުން ތިމާގެ މަތީން ހަނދާންކުރާ މީހެއްކަމުގެ އިހުސާސްކުރެވެން ބޭނުންވާ މީހެކެވެ.

https://sun.mv/222064

ލޯބި ލިބުމަށް ބޭނުންވުމަކީ އުމުރުން ދުވަސްވުމަކުން ނިމޭ ކަމެއް ނޫނެވެ. އެއީ މަރުދުވަހަށްދާންދެން އަޅުގަނޑުމެންނާއެކު ވާ ފިޠުރީ ބޭނުމެކެވެ. ބައެއް ފަހަރު އަޅުގަނޑުމެން ލޯބި ހޯދަނީ ގުޅުންތަކުގެ ތެރެއިންނެވެ. އަނެއްބައިފަހަރު ލޯބި ހޯދަނީ މަސައްކަތުގެ ތެރެއިންނެވެ. ނުވަތަ ހޯދާ ކާމިޔާބީގެ ތެރެއިންނެވެ. މިއިން ކޮންމެ ގޮތަކުންވިޔަސް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ހަގީގަތުގައި ބޭނުންވަނީ – ތިމާއަކީ ބޭނުންތެރި، މުހިންމު މީހެއްގެ އިހުސާސް ކުރެވުމަށެވެ. މުޖުތަމައު ބަލައިގަންނަ މީހަކަށްވުމަށެވެ. ރައްކާތެރިކަމުގެ އިހުސާސްކުރެވުމަށެވެ.

މިގޮތުން ލޯބި ހޯދުމުގައި ގުޅުންތަކާއި، މަސައްކަތާއި، ކާމިޔާބީގެ ތެރެއިން ނޫންގޮތްގޮތަށް – ގަދަކަމުން ލޯބި ހޯދުމަށް ވެސް ބައެއް މީހުން މަސައްކަތް ކުރެއެވެ. އެކަމަކު ލޯބީގެ ނަތީޖާކަމުގައިވާ ރައްކާތެރިކަމުގެ އިހުސާސަކީ ހަގީގަތުގައި ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ.

އާންމުކޮށް އެ ވާހަކަ ނުދައްކާ ހިމޭން ކާރިސާއެއް

ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރި ދަތުރުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. ސްކޫލްތައް ބިނާކޮށްގެންނެވެ. ޞިއްހީ ޚިދުމަތް ފުޅާކޮށްގެންނެވެ. ރަށްތައް ގުޅުވާލައިގެންނެވެ. ޓެކްނޮލޮޖީގެ ވަޞީލަތްތައް އާންމުކޮށްގެންނެވެ. ނަމަވެސް، މި ކުރިއެރުންތަކުގެ ތެރެއިން، އެތައް ބަޔަކު ނަފްސާނީގޮތުން ބޮޑެތި ތަކުލީފުތަކަކަށް ހުށަހެޅި، އެތަކުލީފުތަކުން އަރައިނުގަނެވިގެން އުޅޭކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ޒުވާނުން ދައްކަނީ އެކަނިވެރިކަމުގެ ވާހަކައެވެ. މައިންބަފައިން ދައްކަނީ ފިކުރުބޮޑުވުމާއި ހާސްކަމުގެ ވާހަކައެވެ. މުދައްރިސުން ދައްކަނީ ވަރުބަލިވުމާއި މާޔޫސްވުމުގެ ވާހަކައެވެ. މުވައްޒަފުން ދައްކަނީ ނުތަނަވަސްކަމުގެ ވާހަކައެވެ. އާއިލާތަކުން ދައްކަނީ ގުޅުންތައް ކެނޑުމުގެ ވާހަކައެވެ. އެތައް ބައެއްގެ މެދުގައި އުޅޭއިރުވެސް، ގިނަ ބަޔަކަށް އިހުސާސްވަނީ އެކަނިވެރިކަމެވެ. ޑިޖިޓަލްކޮށް ގުޅިފައިވީ ނަމަވެސް، ފުރިހަމަމާނައިގައި އެމީހުން ވަނީ އެކަހެރިވެފައެވެ. ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް، އެމީހުންގެ އަޑު ބަޔަކަށް އިވޭކަމުގެ އިހުސާސެއް އެމީހުންނަކަށް ނުކުރެވެއެވެ.

މިއީ ހަމައެކަނި ދިވެހިރާއްޖެއަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް، އެކަނިވެރިކަމާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އަދި އިތުބާރު ގެއްލުމުގެ މައްސަލައަކީ މިޒަމާނުގެ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމުގައި ދިރާސާތަކުން ދަނީ ފާހަގަކުރަމުންނެވެ. ސުވާލަކީ މި މައްސަލަތައް ހުރިތޯ ނުވަތަ ނެތްތޯއެއް ނޫނެވެ. ސުވާލަކީ މި މައްސަލަތަކާ މެދު ވާހަކަދައްކަން އަޅުގަނޑުމެން ތައްޔާރުތޯއެވެ؟ އަޅުގަނޑުމެންގެ ހިތްތައް ހުޅުވާލަން ތައްޔާރުތޯއެވެ؟

ރައްކާތެރިކަން ނޯންނާނެކަމުގެ އިހުސާސް ކުރެވުމުގެ ނަތީޖާ

މީހުންނަށް ރައްކާތެރިކަން އިހުސާސް ނުވުމުގެ ނަތީޖާ އަކީ ހިތިއެއްޗެކެވެ. – އޭގެ ސަބަބުން މީހުން ހިމޭންވެއެވެ. ކުދިން ސުވާލުކުރުން ހުއްޓާލައެވެ. ދަރިވަރުން ފިލާވަޅުގައި ބައިވެރިވުން ހުއްޓާލައެވެ. މުވައްޒަފުން މަޝްވަރާއާއި ޚިޔާލުދިނުން ހުއްޓާލައެވެ. ހަޔާތުގެ ބައިވެރިން އެމީހުންގެ ހިތުގެ އިހުސާސްތައް ފާޅުކުރުން ހުއްޓާލައެވެ. ރައްޔިތުން އެ މީހުންގެ ދައްކާ ވާހަކައެއްގެ ބޭނުމެއް އޮންނާނެކަމަށް ގަބޫލުކުރުން ހުއްޓާލައެވެ. މި މިސްރާބަށް ކަންކަން ތަރުތީބުވެ އެތައް ދުވަހެއް ގުނެން ފެށުމުން، އެ ހިމޭންކަމަކީ އާދައިގެ ކަމަކަށް ވެދެއެވެ. ނަމަވެސް އޭގެ ސަބަބުން މީހުންގެ ކިބައިގައި ހުންނަ ހުނަރުތަކާއި ގާބިލުކަން ވަޅުޖަހައެވެ. އުފެއްދުންތެރިކަމުގައި ތަޅުއެޅުވެއެވެ. ގުޅުންތައް ހީނަރުވެ، މުޖުތަމައުތައް ވިއްސިވިހާލިވެގެންދެއެވެ.

އާދެ! ރައްކާތެރިކަން އިހުސާސް ނުވުމުން، މީހުން އެކަހެރިވެއެވެ. އިޚުލާޞްތެރި ގުޅުންތައް ބީވެގެންދެއެވެ. އާޚިރު ނަތީޖާއަކަށްވަނީ އެތައް ޖީލެއް އޮޔާދިއުމެވެ. އެހެންކަމުން، 'ނަފްސާނީ ރައްކާތެރިކަން' އެއީ މިއަދު މުޅި ދުނިޔޭގައިވެސް އެންމެ މުހިންމުކޮށް ދެކެވޭ އެއް ވާހަކައަށްވަނީ ވެފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ޓީމެއްގެ މެންބަރުންނަށް ޚިޔާލު ފާޅުކުރުމުގެ ރައްކާތެރިކަން އޮންނަނަމަ، އެ މީހުންގެ މަސައްކަތުގައި ފުރިހަމަކަން އާދެއެވެ. ދަރިވަރުންނަށް ބައިވެރިވުމުގެ ރައްކާތެރިކަން ލިބުމުން، އެކުދިން އުނގެނޭ މިންވަރު އިތުރުވެއެވެ. އާއިލާގެ މެންބަރުންގެ މެދުގައި މުއާމަލާތް ކުރުމުގެ ރައްކާތެރިކަން އޮތުމުން، އާއިލާގެ ގުޅުން ބަދަހިވެއެވެ. މުޖުތަމައެއްގެ ބައެއްކަމުގެ ރައްކާތެރިކަން މީހުންނަށް އިހުސާސްވުމުން، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުވެއެވެ. މިކަންކަމަކީ ފުރުޞަތުތަކާއި ކަންކަން ފަހިވެ، މުޖުތަމައެއް ކުރިއަރާދިއުމުގެ މަގެވެ. އެކަމަކު، އެއީ އަޅުގަނޑުމެން ހަދާ ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރެވޭނެކަމެއް ނޫނެވެ. ރައްކާތެރިކަމަކީ ހަމައެކަނި ރައްކާވެ ތިބުމެއް ނޫނެވެ.

ވަރަށް ލޯބިވޭ: ހަރަކާތް އުފަންވުން

'ދަ ހެޕިނަސް ކްލަބް' އިން 2026 ވަނަ އަހަރަކީ 'ނަފްސާނީ ރައްކާތެރިކަމުގެ އަހަރު' ގެ ގޮތުގައި ފާހަގަކުރުމަށް މަޝްވަރާތައް ފެށިއިރު، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު މުހިންމު އެއްކަމެއް އޮތެވެ. ނަފްސާނީ ރައްކާތެރިކަން ބިނާވެފައިވާ އަސްލު ބިންގަލަކީ 'ލޯބި' ކަމެވެ. އެއީ އިންސާނީ ކަރާމާތް ނަގަހައްޓައިދޭ ފަދަ ލޯތްބެކެވެ. އެއީ – ތިމާއަކީ އަގުހުރި މީހެއްކަމާއި، މުހިންމު މީހެއްކަމާއި، ރައްކާތެރިކަން އޮންނާނެކަމާއި، ތިމާ ބަލައިގަންނަ ކަމުގެ އިހުސާސް ކުރުވާ ލޯތްބެވެ.

އަޅުގަނޑުމެން ބޭނުންވީ މީހުންނަށް ވަގުތުން ނަގައިގަނެވޭނެ ފަދަ، އަޅުގަނޑުމެންގެ ބަހާއި ސަގާފަތާ ގުޅިފައިވާ އިބާރާތެކެވެ. އެކަކު އަނެކަކީ އިންސާނުންކަން ހަނދާންކޮށްދޭ ފަދަ އިބާރާތެކެވެ. ސަބަބަކީ، މީހުންނަށް ހަގީގީ ލޯބި އިހުސާސްވުމުން، އެތައް ހެޔޮ ބަދަލަކަށް މަގުފަހިވެގެންދާނެތީއެވެ. އިތުބާރު ބޮޑުވެ، ގުޅުންތައް ބަދަހިވެ، އަޅާލުމާއި އޯގާތެރިކަން އިތުރުވެ، އުންމީދު އާވެގެންދާނެތީއެވެ.

މި އިބާރާތް އަޅުގަނޑަށް ތައާރަފުވީ ސަން ސިޔާމް މީޑިޔާގެ ސީއީއޯ މުޙައްމަދު އާޞިފް "މޮންދު" – އަހަރީ ހަފުލާއެއްގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. އަދި އަޅުގަނޑުގެ މުދައްރިސް ޢަބްދުﷲ ޞާދިގާ ގުޅިގެން މޮންދު ހައްދަވާފައިވާ "ވަރަށް ލޯބިވޭ" ވީޑިޔޯގައި ގެނެސްދެއްވާފައިވާ ވާހަކައިގެ ތެރެއިން – މި އިބާރާތުގެ މާނަ އިތުރަށް ފުރިހަމަކޮށްދިނެވެ.

ރައްކާތެރިކަން، ބައެއްކަމުގެ އިހުސާސް، އަދި އޯގާތެރިކަން

މި ހަރަކާތް ބިނާވެގެންވަނީ ތިން މައިގަނޑު އަސާސެއްގެ މައްޗަށެވެ. އެއީ ރައްކާތެރިކަމާއި، ބަލައިގަންނަކަމުގެ އިހުސާސާއި، އޯގާތެރިކަމެވެ. އަޅުގަނޑުމެންގެ އަމާޒަކީ – މިއީ ހަމައެކަނި ޚިޔާލީ ވާހަކައަކަށް ނުވުމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތަޖުރިބާކުރާގޮތް ކަމުގައިވުމެވެ. ރައްކާތެރިކަމާއެކު، ބިރެއް ނެތި ވާހަކަދެއްކޭނެ ފަދަ މާހައުލެއް ގާއިމުކުރުމެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މުހިންމު އަދި ތިމާގެ ހަޔާތުގެ ބައިވެރިން ބަލައިގަންނަ އަދި އަގުވަޒަންކުރާ މީހެއްކަމުގެ އިހުސާސް ކުރެވޭނެކަމުގެ ޔަގީންކަން ކަށަވަރުކުރުމެވެ. އަދި އޯގާތެރިކަމަކީ އަނެކުންގެ އިހުސާސްތައް އިޙްތިރާމްކުރުންކަން ގަބޫލުކުރާ އެ މަގަށް ބަހާއި އަމަލުތައް ބަހައްޓާ މީހުން އެކުލެވޭ މުޖުތަމައެއް ބިނާކުރުމެވެ.

މި ތިން ކަންތައް އެކުވުމުން، އަޅުގަނޑުމެންގެ ކުރިއެރުމަށް ފަހިވެފައިވާ މާހައުލެއް އުފެދިގެންދެއެވެ. މި ތިން ކަންތައް އެކުގައި ހާސިލުކުރެވުމުން، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، މަސައްކަތުގެ މާހައުލު، އަދި ސްކޫލްތަކާއި، މުޅި މުޖުތަމައު ކުރިއަރާތަން ފެންނަން ފަށާނެއެވެ.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ

އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، އަޅުގަނޑަށް ލިބުނު ގިނަ ފުރުސަތުތަކަކީ ކޮންމެވެސް މީހަކު އަޅުގަނޑަށް ލިބިދިން ރައްކާތެރިކަމާއި ބަލައިގަތުމުގެ ތެރެއިން ލިބުނު ފުރުސަތުތަކެއްކަން ފާހަގަކޮށްލަން ބޭނުމެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެވުމުގެ ކުރިން، އެހެންމީހަކު އަޅުގަނޑަށް އިތުބާރު ކުރިއެވެ. އެހެންމީހަކު އަޅުގަނޑު އަހާ ބަލައިގަންނަ ކަމުގެ އިހުސާސް ކުރެވުނެވެ. ކޮންމެވެސް މީހަކު ހިތްވަރު ދިނެވެ. ކޮންމެވެސް މީހަކު އޯގާތެރިކަން ދެއްކިއެވެ. މިނޭވާގައި އޮނަރަބަލް ޒާހިރު ޙުސައިންއާއި ޑރ. އަޙުމަދު އަންވަރާއި ޢަބްދުﷲ ޞާލިޙުގެ ނަން ފާހަގަކޮށްލަން އަޅުގަނޑު ބޭނުމެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް މިއަދު މިތިބަ ހިސާބަށް އަމިއްލައަށް އެކަނިމާއެކަނި ނާދެވޭނެކަމެވެ. ކާމިޔާބު ކޮންމެ މީހެއްގެ ފަހަތުގައި، މުހިންމު ދަނޑިވަޅުތަކުގައި ރައްކާތެރިކަމާއި މުހިންމު މީހެއްކަމުގެ އިހުސާސާއި އޯގާތެރިކަން ފޯރުކޮށްދިން އެތައް ބަޔަކު ތިބެއެވެ. މިފަށާ މަސައްކަތް އެހާމެ މުހިންމު ކަމަކަށް އަޅުގަނޑަށްވަނީ އެހެން ވެގެނެނެވެ. މިއީ އަހަރެމެންގެ ގައުމަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރާ ސަބަބަކީވެސް އެއީއެވެ.

ގައުމީ ފެންވަރުގައި ތަފާތު ވާހަކައަކަށް ޖާގަހޯދުން

ގައުމީ ފެންވަރުގައި އަޅުގަނޑުމެން ގިނައިން ދައްކަނީ އިގްތިސާދީ ކުރިއެރުމާއި އުމްރާނީ ތަރައްގީގެ ވާހަކައެވެ. މި ވާހަކަތަކަކީ މުހިންމު ވާހަކަތަކެކެވެ. ނަމަވެސް، މިއާ އެއްވަރަށް ސަމާލުކަން ދޭންޖެހޭ އެހެން ވާހަކައެއްވެސް މިއަދު އެބައޮތެވެ. އަޅުގަނޑުމެން އެކަކު އަނެކަކާ މުއާމަލާތް ކުރަނީ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ ގޭގޭގެ ތެރޭގައި ކުދިންނާއި މީހުންނަށް ރައްކާތެރިކަމުގެ އިހުސާސްކުރެވޭތޯ؟ ކުދިންގެ އަޑު އަހާކަމުގެ އިހުސާސް އެކުދިންނަށް ކުރެވޭތޯ؟ މުވައްޒަފުންގެ އަގު ވަޒަންކުރާކަމުގައި އެމީހުންނަށް ގަބޫލުކުރެވޭތޯ؟ - މިސުވާލުތަކުގެ ޖަވާބެވެ.

https://sun.mv/213236

މި ސުވާލުތަކުގެ ޖަވާބަކީ، އަޅުގަނޑުމެންގެ މުޖުތަމައު ބައްޓަންވެގެންދާނެ ގޮތުގެ މިސްރާބެވެ. އެހެންކަމުގެ "ވަރަށްލޯބިވޭ" މިއިބާރާތުން މިފަށާ ހަރަކާތަކީ ދައުވަތެކެވެ. މީހުންނަށް ރައްކާތެރިކަން އިހުސާސްވާނެ ފަދަ ސަގާފަތެއް ބިނާކުރުމުގެ ދައުވަތެކެވެ. އަޅުގަނޑުމެންގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ މީހަކަށްމެ، އެމީހުން ބަލައިގަންނަކަމާއި، އަޑުއަހާކަމާއި، އަދި ހަގީގަތުގައިވެސް ލޯބިވާކަން އިހުސާސްވާނެ ފުރުޞަތުތައް ފަހިވުމެވެ.

ސަބަބަކީ، އަނެކާއަށް އަޅުގަނޑުމެންނަށް މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އޭނާއަށް މި ސާދާ ޔަގީންކަން ދިނުމެވެ: "ވަރަށް ލޯބިވެއެވެ."

ދިވެހިރާއްޖެއިން އުމްރާނީ އަދި އިޤުތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، މުޖުތަމަޢުގެ ތެރޭގައި އެކަނިވެރިކަމާއި ނަފްސާނީ ބަލިމަޑުކަމުގެ ހިމޭން ކާރިސާއެއް ދަނީ ފެތުރެމުންނެވެ. މިކަމަށް އޮތް އެންމެ މުހިންމު ފަރުވާއަކީ ކޮންމެ ފަރުދަކަށްމެ ނަފްސާނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މިގޮތުން ދަ ހެޕިނަސް ކްލަބްގެ ފަރާތުން ފަށާ ވަރަށް ލޯބިވޭ ޙަރަކާތުގެ މައިގަނޑު މަޤުޞަދަކީ، މީހުން ބަލައިގަންނަކަމުގެ އިޙުސާސާއި އޯގާތެރިކަން މުޖުތަމަޢުގައި އާލާކޮށް، ގުޅުންތައް ހަރުދަނާކުރުމަށް ބާރުއެޅުމެވެ.

  • މާއްދީ ތަރައްޤީގެ ތެރެއިން އުފެދިފައިވާ ނަފްސާނީ ހާސްކަމާއި އެކަހެރިކަމަށް އަވަސް ޙައްލެއް ހޯދުމަށް ފިޔަވަޅުތަކެއް އެޅުން.
  • ނަފްސާނީ ރައްކާތެރިކަން ކަށަވަރުކޮށްދީ، މަސައްކަތުގެ މާޙައުލުގައާއި ތަޢުލީމީ ނިޒާމުގައި ދަރިވަރުންނާއި މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުން.
  • ކޮންމެ ފަރުދަކީވެސް މުޖުތަމަޢު ބަލައިގަންނަ، އަގުވަޒަންކުރާ މީހެއްކަން ކަށަވަރުކޮށްދޭ ފުރިހަމަ ސަޤާފަތެއް ބިނާކުރުން.
  • ގައުމީ ފެންވަރުގައި ހަމައެކަނި އިޤުތިޞާދީ ވާހަކަތަކުގެ ބަދަލުގައި، އިންސާނީ ގުޅުންތަކާއި އޯގާތެރިކަމުގެ ވާހަކަތަކަށް ޚާއްޞަ ޖާގައެއް ދިނުން.
  • ދެހާސް ސައްވީސް ވަނަ އަހަރު ނަފްސާނީ ރައްކާތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކޮށް، ވަރަށް ލޯބިވޭ މި ޝިޢާރުގެ ދަށުން މުޅި ރާއްޖޭގައި ޙަރަކާތްތެރިވުން.
  • ނަފްސާނީ ރައްކާތެރިކަމުގެ އަސާސަކީ އެކަކު އަނެކަކަށް ދޭ ލޯތްބާއި އޯގާތެރިކަން.
  • އިޖުތިމާޢީ އެކަހެރިކަމަކީ މުޖުތަމަޢުގެ ބިންގާ ރޫޅާލާ ހިމޭން ކާރިސާއެއްކަން ދެނެގަތުން.
  • ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްކާތެރިކަން އޮތުމަކީ މީހާގެ ޤާބިލުކަން އިތުރުކުރާ ކަމެއް.
  • ތަރައްޤީގެ އަސްލު މިންގަނޑަކީ ފަރުދުންނަށް ލިބޭ އުފާވެރިކަމާއި އިޙުތިރާމްކަން ބަލައިގަތުން.
ގުޅޭ ޓެގު
comment ކޮމެންޓް