ބޭރު ފައިސާގެ ދަތިކަމާހުރެ، ރާއްޖޭގެ ފިހާރަތަކަށް ލިބޭ އާމްދަނީއާއި މުދަލުގެ މިންވަރު ދަށްވެއްޖެ: ނަޝީދު

ކުރީގެ ރައީސް ނަޝީދު: އެމަނިކުފާނު ވިދާޅުވީ، ބޭރު ފައިސާ ދަށްވުމުގެ ސަބަބުން ފިހާރަތަކަށް ލިބޭ އާމްދަނީއާއި، މުދަލުގެ މިންވަރު ދަށްވެއްޖެ ކަމަށް --- ފޮޓޯ/ ލޫކަސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ފިހާރަތަކުގެ އާމްދަނީއާއި މުދަލުގެ މިންވަރު ދަށްވެ، ބޭހުގެ ބާވަތްތައް މަދުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ދަރަނި ދެއްކުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށް ފާހަގަކުރައްވައި، އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ގޮވާލެއްވިއެވެ. މިއަށް ރައްދުދެއްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދަރަނި އުފެދުނީ ކުރީ ސަރުކާރުން ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަމުން ދަރަނި ދައްކަމުންދާ ކަމަށެވެ.

  • ބޭރު ފައިސާގެ ދަތިކަމާ ހުރެ ފިހާރަތަކުގެ އާމްދަނީ ދަށްވުން
  • ބާޒާރުގައި ބޭހާއި މުދާ މަދުވަމުންދާކަން ފާހަގަކުރުން
  • ދަރަނި ދެއްކުމަށް އެމްޑީޕީއާ މަޝްވަރާކުރުމަށް ގޮވާލުން
  • ކުރީ ސަރުކާރުގެ ދަރަނިތައް މި ސަރުކާރުން ދައްކަމުންދާކަން ހާމަކުރުން

ބޭރު ފައިސާގެ ދަތިކަމާ ހުރެ، ފިހާރަތަކަށް ލިބޭ އާމްދަނީއާއި ފިހާރަތަކުގެ ހަރުގަނޑުތަކުގައި ހުރި ތަކެތީގެ މިންވަރު ދަށްވެފައިވާ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާއަށް ދޫކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވިދާޅުވީ، މިއަދު ގިނަ މީހުންގެ ކަންބޮޑުވަނީ ބާޒާރުގައި ތަކެތި މަދުވުމާއި، އިންސިއުލިން ފަދަ ޚާއްސަ ބޭސްތައް މަދުވުން ކަމަށެވެ.

"ފިހާރަތަކުގެ ވިކުރާވެސް ހުރީ ވަރަށް ދަށްކޮށް، އަދި ފިހާރަތަކުގެ ޝެލްފްތަކުގައި ހުރި ތަކެތީގެ މިންވަރުވެސް މި ދަނީ ދަށްވަމުން،" ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާގެ އެސްބީއައިއިން ނެގި 50 މިލިއަން ޑޮލަރުގެ ތިން ޓީބިލުގެ ތެރެއިން އަދި އެއް ޓީބިލު އަންނަ ސެޕްޓެންބަރު މަހުގެ 17ވަނަ ދުވަހު ދައްކަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުމަށް ނަޝީދު ވަނީ އިޝާރާތްކުރައްވައިފައެވެ.

https://sun.mv/221827

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ބޭރުފައިސާގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެ 50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ މުދަލާއި ތަކެތި ހޯދުމުގެ އިތުރުން، ދައުލަތުގެ ދަރަނި ދައްކައި ޚަލާސްކުރުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ދެކޭ ގޮތުގައި، ރާއްޖޭގެ ދަރަންޏަކީ ސަސްޓެއިނަބަލް ގޮތަކަށް އޮތް ދަރަންޏެއް ނޫން ކަމަށް، ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތަކުރާރުކޮށް ސަރުކާރަށް ދަންނަވަން، ތި ބޭފުޅުންނަށް މިކަން ރަނގަޅުގޮތުގައި ހިންގެން އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ ވާހަކަ ދައްކަވައިގެން ތި ބޭފުޅުން މޭޒު ދޮށަށް ވަޑައިގަތުމަކީ ވަރަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އެއާއެކު، އެމަނިކުފާނު ވަނީ، އެމްޑީޕީއާ މަޝްވަރާކޮށް ރަނގަޅު ގޮތެއް ރައްޔިތުންނަށް ހޯދައިދޭން ސަރުކާރަށް އަނެއްކާވެސް ގޮވައިލައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަދި ރާއްޖެއާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރީގެ ވެރިން މަސައްކަތްކުރާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ހައިރާންވާ ކަމަކީ މާލީ ހާލަތާ ގުޅޭގޮތުން އޮޅުވައިލާއިރު، ދަރަނި ބުރަބޮޑުވީ ކުރީ ސަރުކާރާ ހެދި ނަމަވެސް މި ސަރުކާރުން ދަރަނިތައް ދައްކަމުންދާތީ ވެސް އެކަމާ ދެކޮޅަށް މަސައްކަތްކުރައްވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ ދަރަނިތައް ދައްކަމުން ދާނީ، މުވައްޒަފުންގެ މުސާރަތައް ދެމުން، އަސާސީ ކާބޯތަކެތި ހޯދަމުން، ތެލަށް ޚަރަދުކުރަމުން، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޭންޖެހޭ ފައިސާ ދެމުން ކަމަށެވެ.

comment ކޮމެންޓް