ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީން، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ހުށަހެޅޭނެ ގޮތް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ހައުސިންއިން ބުނީ، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދެން ފްލެޓަށް ހުށަހެޅޭނެ ކަމަށެވެ.
މި ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އަންނަ މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ.
މި ބަދަލަކީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތަކަށް ގެނެވުނު މުހިންމު އިސްލާހެކެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިއްބު މިދިޔަ މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމެވެ. މިގޮތުން، ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހުމުން، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޚާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ. މިގޮތުން ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުރިއަށްވުރެ ކުޑަކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.