ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި އިންޓްރެސްޓާއެކު ފަހުން ދޭ ގޮތަށް ފައިސާ ހޯދުމަށް، 645 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައެވެ. އެ ހުރިހާ ޓީބިލަކަށް ވެސް އަންނަ ހޯމަ ދުވަހު ފައިސާ ދައްކަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.
ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓު ވެސް އިތުރުވާނެއެވެ.
މިހާރު ވިއްކަން އިއުލާންކޮށްފައިވާ ޓީބިލުތަކުގެ އަދަދާއި އިންޓްރެސްޓް ރޭޓަކީ:
- 265 މިލިއަން ރުފިޔާ - 3.5 ޕަސެންޓް، އަނބުރާ ދެއްކުން 28 ދުވަހުން
- 50 މިލިއަން ރުފިޔާ - 3.87 ޕަސެންޓް، އަނބުރާ ދެއްކުން 98 ދުވަހުން
- 247 މިލިއަން ރުފިޔާ - 4.23 ޕަސެންޓް، އަނބުރާ ދެއްކުން 182 ދުވަހުން
- 83.4 މިލިއަން ރުފިޔާ - 4.6 ޕަސެންޓް، އަނބުރާ ދެއްކުން 364 ދުވަހުން
ފިނޭންސް މިނިސްޓްރީންވަނީ އެ ޓީބިލްތައް ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު 3349200އަށް ގުޅުމުން ލިބޭނެކަން ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައި، ދަރަންޏަށް ފައިސާ ނަގަން މިދިޔަ މަހު ވެސް މިނިސްޓްރީން އިއުލާނުކޮށްފައިވެއެވެ.
އާންމު ގޮތެއްގައި، ސަރުކާރުން ވިއްކާ ޓީބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ޓީބިލުގެ އަދަދު މިހާރު ވަނީ 41.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރޭގައި އެއް މަސް ތެރޭ އަނބުރާ ދައްކަން ޖެހޭ 3.4 ބިލިއަނާއި ހަ މަސް ތެރޭ ދައްކަން ޖެހޭ 2.5 ބިލިއަން ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން، ތިން މަސް ތެރޭ 2.97 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، އެއް އަހަރުގެ މުއްދަތަށް ފަހު ދައްކަން ޖެހޭ 32.7 ބިލިއަން ރުފިޔާގެ ޓީބިލް ހިމެނެއެވެ.
ސަރުކާރުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފުސީލުތަކުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 27ގެ ނިޔަލަށް ދައުލަތަށް 27.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޚަރަދުތައް އެއަށްވުރެ އިތުރުވެ ވަނީ 29.96 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ދައުލަތުގެ ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ މުސާރައާއި އިނާޔަތްތަކާއި ހިންގުމުގެ ޚަރަދުތަކަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރާ ޚަރަދު އެކަނިވެސް 10.3 ބިލިއަން ރުފިޔާއަށް އަރައެވެ.
އެކި ސަރުކާރުތަކުން ވާރުތަވެފައިވާ 1.1 ބިލިއަން ޑޮލަރުގެ ދަރަނި މި އަހަރު ދައުލަތުން ދައްކަން ޖެހޭއިރު، މިދިޔަ މަހުގެ 27ގެ ނިޔަލަށް ދަރަނި ދައްކަން ވަނީ 9.77 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.