ރަނގަޅު ހައްޖެއް ވެވުމުން ދިރިއުޅުން ހެޔޮ މަގަށް ބަދަލުވެ، ﷲމަނާކުރެއްވި ކަންކަމުން ދުރުވާނެ: ޚުތުބާ

ދިވެހި ހައްޖުވެރިންތަކެއް: ޚުތުބާގައި ބުނީ، ރަނގަޅު ހައްޖެއް ވެވުމުން ދިރިއުޅުން ހެޔޮ މަގަށް ބަދަލުވެ، ﷲމަނާކުރެއްވި ކަންކަމުން ދުރުވާނެ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ ހެޔޮ ގޮތުގައި ޙައްޖުވުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން މުސްލިމުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. ޚުތުބާގައި ބަޔާންކުރި ގޮތުގައި، ޙައްޖަށް ދިޔުމުގެ ކުރިން އިޚުލާސްތެރިކަމާއެކު ތައުބާވުމާއި، ދަރަނިތައް އަދާކުރުމާއި، ޙަލާލު އާމްދަނީން ޚަރަދުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މީގެ އިތުރުން ޙައްޖު ވާޖިބުވުމުން އެކަން އަދާކުރުމަށް އަވަސްވެގަތުމަށް ވަނީ ގޮވާލާފައެވެ.

  • ޙައްޖު ވާޖިބުވުމުން ލަސްނުކޮށް އަވަހަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަމާލުކަންދިނުން
  • ޙައްޖަށް ފުރަންވާއިރަށް ތައުބާވެ، ދަރަނިތަކާއި ޙައްޤުތައް ސާފުކުރުން
  • ޙައްޖުގެ ދަތުރަށާއި އާއިލާއަށް ކުރާ ޚަރަދަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ފައިސާއިން ކުރާ ޚަރަދަކަށް ހެދުން
  • މަޤުބޫލު ޙައްޖެއްގެ އަލާމާތަކީ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލާއި މާތް اللهގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުން

ހެޔޮ ގޮތުގައި ހައްޖެއް ވެވުމުން އެ މީހެއްގެ ދިރިއުޅުން ހެޔޮ މަގަށް ބަދަލުވެ، މާތްﷲ މަނާކުރެއްވި ކަންތައްތަކުން ދުރުވެ، ރައްކާތެރިވާ މީހެއް ކަމުގައި ވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ޚުތުބާ ކިޔާފައިވަނީ ހެޔޮ ގޮތުގައި ވެވޭ ހައްޖުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ހައްޖު ވާޖިބުވުމަށް ފަހުގައި، އެ އަޅުކަން އަދާކުރުމަށް ކުޅަދާނަވާ މީހާ އެ ކަމަށް އަވަސްވެގަތުމަށް ކީރިތި ރަސޫލާ އިރުޝާދުދެއްވާފައިވާ ކަމަށެވެ. މިގޮތުން، އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން فرض حجّވުމަށް އަވަސްވެގަންނާށެވެ! އެހެނީ، ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ، ހަމައެކަކަށް ވެސް އެ މީހަކަށް ކަންތައް ދިމާވާނީ ކިހިނެއްކަމެއް ނޭނގޭނެއެވެ."

ދިވެހި ޙައްޖުވެރިން މިނާގައި: މިއަދުގެ ޚުތުބާ ކިޔާފައި ވަނީ، ހެޔޮ ގޮތުގައި ވެވޭ ހައްޖުގެ މައްޗަށް -- ފޮޓޯ/ ޙައްޖު މިޝަން

ޚުތުބާގައި ބުނީ، ހެޔޮ ގޮތުގައި ވެވޭ ހައްޖަށް ﷲ ދެއްވާ ސަވާބަކީ، ސުވަރުގެކަން ޝަރުއީ ދަލީލުތަކުން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން، ﷲގެ ހަޒުރަތުގައި އަޅުކަމެއް މަގުބޫލުވަނީ، އެ އަޅުކަމެއްގައި ހުންނަ ޝަރުތުތައް ފުރިހަމަވެގެންކަން ފާހަގަކޮށް, ޚުތުބާގައި ވަނީ ހެޔޮ ގޮތުގައި ހައްޖުވުމަށްޓަކައި، ހައްޖަށް ދިޔުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއް ހުންނަކަން ހަނދާންކޮށްދީފައެވެ.

މި ގޮތުން، ހައްޖަށް ދިޔުމުގެ ކުރިން އިޚުލާސްތެރި ރަނގަޅު ތައުބާއެއް ވާން ޖެހޭ ކަމަށާއި ދަރަންޏާއި ލިބެން ހުރި ތަކެތި ލިޔެފައި ބެހެއްޓުން މުހިންމު ކަމަށް ޚުތުބާގައި ކިޔައިދިނެވެ. ޚާއްސަކޮށް، ހައްޖުވުމަށްޓަކައި ކުރަން ޖެހޭ ޚަރަދުތަކާއި ދިރިއުޅުމަށް ކުރާ އެހެނިހެން ޚަރަދުތަކަކީ، ޙަލާލު ގޮތުގައި ހޯދާފައިވާ ފައިސާއިން ކުރާ އެއްޗަކަށް ވާންޖެހޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އަދި، ދެއްކުންތެރިކަމުން ދުރުވެ، އިޚުލާސްތެރިކަމާ އެއްކޮށް ކުރާ ކަމެއް ކަމުގައި ކޮންމެ އަމަލެއް ވުމަކީ ވާޖިބެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ހައްޖުވެރިންތަކެއް ނަމާދުކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޚުތުބާގައި ވަނީ ހެޔޮ ގޮތުގައި ހައްޖެއް ވެވުމުން އެ މީހެއްގެ ދިރިއުޅުމުން ފެންނާނެ ކަންކަން ވެސް ކިޔައިދީފައެވެ.

"ހެޔޮ ގޮތުގައި ވެވުނު ޙައްޖެއްކަމުގެ ޢަލާމާތަކީ حجّވުމަށް ފަހު ތިމާގެ ދިރިއުޅުން ހެޔޮ މަގަށް ބަދަލުވެ، މާތް الله މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިޔުމާއި، މާތް اللهގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާ ވުމެވެ،" ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާ ނިންމާލީ ހައްޖަކީ އަހަރަކު އެއް ފަހަރު އަދާކުރެވޭ އަޅުކަމެއް ކަމާއި އެ އަޅުކަމުގެ ރުކުނެއް އަޅައިފި މީހަކަށް އެ އަހަރުގެ ހައްޖު ނުލިބޭނެކަން ހަނދާންކޮށްދެމުންނެވެ.

comment ކޮމެންޓް