ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ތެލެސީމިއާ ތަހަންމަލު ކުރާ ކޮންމެ ދިވެއްސަކީ އަހަރެމެންގެ ދަރީންނާއި އާއިލާތައް ކަމަށެވެ.
މިގޮތުން، އެ އާއިލާތަކަށް ބޭނުންވާނެ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއާއި މަސްއޫލިއްޔަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ތެލެސީމިއާ ސެންޓަރުގައި: ވިދާޅުވީ، ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، އިންސާނިއްޔަތުކަމާއި އޯގާވެރިކަމުގެ ސިފަތައް އިސްކުރުމަށް މިއަދު އަހަރެމެންނަށް ހަނދާންކޮށްދެއެވެ. އަދި، ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއެކު، ބަދަހި ގައުމެއް ބިނާކުރުމަށް މިއަދު ހަނދާންކޮށްދޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން މާލޭގައި ތެލެސީމިއާ ސެންޓަރުގެ ހިންގަމުން ދިޔައީ، ބާވެފައިވާ އިމާރާތެއްގައެވެ.
އެ ހާލަތުގައި އެތަން ހުއްޓައި، މިދިޔަ އަހަރުގެ މާރިޗު 23ގައި، ރައީސް މުއިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބެއްލެވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވީ، ތެލެސީމިއާ ސެންޓަރުގެ ނިކަމެތި ހާލަތު އޮތީ އެނގިވަޑައިނުގެން ކަމަށާއި އެކަން ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ.
މިގޮތުން، ސިފައިންނާ ހަވާލުކޮށްގެން، ޒަމާނީ ތެލެސީމިއާ ސެންޓަރެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާގައި ހަދައި، އެ ތަނަށް ބަދަލުކުރިއެވެ. އެއީ، މިދިޔަ އަހަރުގެ މެއި އަށެއްގައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވީ ނަމަވެސް މިހާތަނަށް އެތަނުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.