ހޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އިތުރު ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މަގުބޫލު އިނގިރޭސި އެކްޓަރު އޯލަންޑޯ ބްލޫމްއާ އެކު ޕްރިޔަންކާ ސޮއިކުރި އާ ފިލްމަކީ "ރީސެޓް"ގެ ނަމުގައި އުފައްދާ ސަވައިވަލް ތުރިލާއެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު "ރީސެޓް"އަކީ މެޓް ސްމަކްލާ ޑައިރެކްޓްކޮށް ޖޯޑަން ރޯލިންސްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ ފިލްމެކެވެ.
މި ފިލްމުގެ މަސައްކަތް މި އަހަރުގެ އޮގަސްޓްމަހު ފަށަން ތައްޔާރުވަމުން އަންނައިރު، މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކުރީގެ ހަޟާރަތެއްގެ ތެރެއަށް ރުޖޫއަވާ އަންހެނަކު، އޭނާއަށް އެ ޒަމާނަށް ދެވުނު ގޮތާއި ހަނދާންތައް އެއްކޮށް ގޮސްފައިވާތީ އެކަމުން އޭނާ ސަލާމަތްކޮށް ދޭން ނުވެސް ދަންނަ މީހަކުވާ ގުރުބާނީތަކެއްގެ މައްޗަށެވެ.

ބަތަލާ ޕްރިޔަންކާ އަދި ހޮލީވުޑްގެ އެކްޓަރު އޯލަންޑޯ--އިންޑިއަންއެކްސްޕްރެސް
މި ފިލްމަށް ބަތަލާ ޕްރިޔަންކާ ހޮވުމާ ގުޅޭގޮތުން ޑައިރެކްޓަރު ސްމަކްލާ ބުނީ ޕްރިޔަންކާ އަކީ، މި ފިލްމުގެ ވާހަކައިގައި ބަތަލާ ކުޅޭ ކެރެކްޓާއަށް އެންމެ ރަނގަޅު އެކަށީގެންވާ ހޮވުން ކަމަށެވެ. ހަމައެއާއެކު ޕްރިޔަންކާ އާއި އޯލަންޑޯގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސްމަކްލާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯއެއް ގެނެސްދިން އެކްޝަން ތުރިލާ "ދަ ބްލަފް"އިންނެވެ. ޕްރިޔަންކާ މުހިއްމު ރޯލެއް ކުޅެފައިވާ އެމެޒޯން ޕްރައިމްގެ "ސިޓަޑެލް" ވެބް ސީރީސްގެ ދެ ވަނަ ސީޒަން މިދިޔަ ބުދަ ދުވަހު ޕްރީމިއާކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ ބަތަލާގެ އެކްޓިންގްއަށް ތައުރީފުކުރަމުންނެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހޮލީވުޑް އެކްޓަރު އޯލަންޑޯގެ މަގުބޫލު ފިލްމުތަކުގެތެރޭ، "ލޯޑް އޮފް ދަ ރިންގްސް" އާއި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ހިމެނޭއިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ވިޒާޑް" އާއި "ބަކިން ފާސްޓަޑް" ހިމެނެއެވެ.