އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމުގެ ގޮތުން އަލަށް ޕްރޮމޯޓްވި ހަލް ސިޓީ އަތުން 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ވަނީ ބަލިވެފައެވެ. މިއީ 1974 ވަނަ އަހަރުގެ ފަހުން ލީގު މެޗެއްގައި ހަލް ސިޓީ އަތުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ސީޒަން ފަށާ މެޗުން އަލަށް ލީގަށް އައި ޓީމެއް އަތުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހަލް ސިޓީން ޖެހި ދެ ގޯލާއެކު ޔުނައިޓެޑްގެ ސަޕޯޓަރުންނަށް މިއީ ގަބޫލުކުރަން ފަސޭހަވި ނަތީޖާއެއް ނޫނެވެ. ހާއްސަކޮށް ޓީމުގެ ފުރަތަމަ މެޗު މި ނަތީޖާގައި ނިމުމުން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެޖިގައެވެ.
މެޗަށްފަހު މީޑިއާތަކުގައި ވާހަކަދައްކަމުން ކުރީގެ މުހިންމު ކުޅުންތެރިން ވަނީ ޔުނައިޓެޑްގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކުރީގެ ފޯވާޑް ވޭން ރޫނީ ބުނި ގޮތުގައި ޔުނައިޓެޑަށް އެކަށީގެންވާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި ރަށުން ބޭރުގައި ފުރަތަމަ މެޗު ކުޅޭއިރު އުނދަގޫތަކާ ކުރިމަތިވާނެކަން އެނގުނު ނަމަވެސް، ޔުނައިޓެޑް ފެނުނީ މެޗަށް އެއްގޮތަކަށްވެސް ތައްޔާރުނުވެ އޮތް ތަނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކޮޅަށް ހަލް ސިޓީން ޖެހި ލަނޑަށްފަހު އުފާފާޅުކުރަނީ-- މީގެ އިތުރުން އެލަން ޝިއަރަރ ބުނެފައިވަނީ މިއީ ފިޓްނަސްގެ މައްސަލައެއް ކަމަށާއި، 90 މިނެޓު ވަންދެން ހައި-ޕްރެޝަރުގައި ކުޅެވޭނެ ފިޓްނަސް ފެންވަރެއް ޔުނައިޓެޑްގެ ކުޅުންތެރިންގެ ކިބައިގައި ނެތް ކަމަށެވެ. ނަމަވެސް ޕްރީ-ސީޒަންގެ މެޗުތަކަށް ބަލާއިރު މިއީ ފިޓްނަސް މައްސަލައެއް ނޫން ކަމަށް ބެލެވޭއިރު، މާކަސް ރަޝްފޯޑް ދެވަނަ ހާފުގައި ކުޅެން ނުކުތް ނަމަވެސް ޔުނައިޓެޑްގެ އެޓޭކިންގް ފެނުނީ ވަރަށް ދަށްކޮށެވެ.
ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވަނީ މެޗުގައި ހެދުނު ގޯސްތަކަށް އެއްބަސްވެފައެވެ. އޭނާ ބުނީ ވޭތުވެދިޔަ ސީޒަނުގައި ރަށުން ބޭރުގައި ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތައް އަލުން ތަކުރާރުވި ކަމަށެވެ. ފުރަތަމަ 20 މިނެޓުގައި އިދިކޮޅު ގޯލްކީޕަރަށް ބޯޅަ ލިބުނު އަދަދު ގިނަކަން ފާހަގަކޮށް، ބްރޫނޯ ބުނީ ޔުނައިޓެޑުން ބޮޑަށް ޕްރެސްކޮށް، އެގްރެސިވްވާން ޖެހޭ ކަމަށެވެ.
ހަލް ސިޓީ އަތުން ބަލިވުމާއެކު ޔުނައިޓެޑުގެ ކުޅުންތެރިން މާޔޫސްވެފައި-- މި ނަތީޖާއާއެކުވެސް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ފެނުނީ ވަރަށް ހަމަޖެހިލައިގެން ހުއްޓައެވެ. ކެރިކް ބުނީ، މިއީ އެންމެ މެޗެއް ކަމަށާއި، ބަލިވުމުން އެތެރެފުށުން ވަރަށް ބޮޑަށް ދެރަވި ކަމަށެވެ. ނަމަވެސް ހަމަޖެހިފައި ހުރުމަކީ ދެރަނުވުން ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ދެން އެންމެ އަވަހަށް ކުޅޭނީ އަމިއްލަ ދަނޑުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ.