ނުދެއްކޭނޭ ބުނި ދަރަނި ވެސް އެ އޮތީ ދައްކާފައެވެ. ދެން، މާ ކަންތައް ބޮޑުވެގެން ތި އުޅެނީ ކޮން ކަމަކާ ހެއްޔެވެ؟ ކުންފުނިތަކަށް ދޭންޖެހޭ ފައިސާއެއް ވިއްޔާ މަޑުމަޑުން އެ ދަނީ ދޫކުރަމުންނެވެ. މިހާރު ވެސް ކިތައް ބިލިއަން ރުފިޔާ ދީފި ހެއްޔެވެ؟ މި ކަންކަން ނުފެނޭ ނޫން ހެއްޔެވެ؟ އަބަދު ވެސް ތި ދައްކަނީ ނެގެޓިވް ވާހަކަ ވިއްޔާއެވެ.
މިއީ ދިމާވި ސްޓޭޓް މިނިސްޓަރަކު ވަރަށް ކޯފާވެ ހުންނަވައިގެން ކުރެއްވި ޝަކުވާއެކެވެ. ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން "ހަމަ ހަގީގަތުގައި ވެސް" ކަންބޮޑުވުމެއް ނެތެވެ.
އެކަމަކު، އެހެން އެކަން ވާނީ ހިސާބު އަކުރު ނޭނގޭ މީހުންނަށް ތާއެވެ. ސަރުކާރުން ކިތަންމެ ޖަރީކުރިޔަސް، މޫނުމަތި ކިތަންމެ އޮމާންކުރިޔަސް، އިގުތިސާދީ ނަންބަރުތައް އޮޅުވާލާނީ ކިހިނެއް ހެއްޔެވެ؟ ގޯހުން ގޯހަށްދާ ބަދަލު، މިއީ ހެޔޮކަމެއް ކަމަށް ދައްކާނީ ކޮން މަކަރަކުން ހެއްޔެވެ؟ އިގުތިސާދީ ކަންކަމުގެ ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. ކިތަންމެ ބޭނުން ނުވިޔަސް، އެއީ ނަންބަރުތަކުން ސާބިތުވާން ހުންނަ ސައިންޓިފިކް އެއްޗެކެވެ.
މޫނުމަތި އޮމާންކުރުމުގެ ސިޔާސަތު
"ނުދެއްކޭނޭ ބުނި ދަރަނި އެ އޮތީ ދައްކާފައި،" މިއީ މިދިޔަ މަހު ޕީއެންސީގެ ހުރިހާ އެކްޓިވިސްޓުން ޖެހި ޕޯސްޓެކެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ، އެ ބޭފުޅުންނަށް ވެސް ހަގީގަތް ރަނގަޅަށް އެނގިވަޑައިނުގެން ދެއްކެވި ވާހަކައެއް ކަމަށް ބުރަވެވެއެވެ.
ތެދެކެވެ. ކުރީގެ އެމްޑީޕީ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު ދައްކައިފިއެވެ. މި ސަރުކާރުގެ ކުރީކޮޅު ނެގި 400 މިލިއަން ޑޮލަރު ވެސް، ދެ ފަހަރު މަތިން ލަސްކުރުމުން ފަހު މިދިޔަ މަހު އިންޑިއާއަށް ދައްކައިފިއެވެ. އެކަމަކު، އެ 400 މިލިއަން ޑޮލަރު ދެއްކީ ގާތްގަނޑަކަށް ހަމަ އެ މިންވަރުގެ އިތުރު ދަރަންޏެއް ނަގާފައެވެ. މާނައަކީ ދަރަނި ރީފައިނޭންސް ކުރީއެވެ. ބޮލުގައި އެޅިފައި އޮތް ދަރަނި މަދެއް ނުވެއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 130 އިންސައްތައިން މަތީގައެވެ. އެއީ، 60 އިންސައްތައިގެ ބަހައްޓަން ދުނިޔޭގެ މާލީ އިދާރާތަކުން އިރުޝާދު ދޭ އަދަދެކެވެ.
ހަމަ ހަގީގަތް އޮޅުވާލަނީ ނޫން ހެއްޔެވެ؟ މޫނުމަތި އޮމާންކޮށްލާފައި، އެ ދައްކަނީ ގޯސް މަންޒަރެކެވެ. ދަރަނި ނެގުމެއް މަދެއް ނުވެއެވެ. ނުވި ތަނުގައި، ކުރިއަށް ވުރެ މާ ބޮޑު އިންޓްރެސްޓްގައި އެ ދަރަނި ނަގަނީ 'އެއްވެސް ހާސްކަމެއް' ނެތިއެވެ.
ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރުކުރަން ސަރުކާރުން ދަރަނީގެ ސިޔާސަތެއް 2024 ގައި އެކުލަވާލައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އެކަމަކު، އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓުގައި އޮޑިޓަރު ވިދާޅުވީ އެއީ ހަމައެކަނި ކަރުދާހުގައި އޮތް ސިޔާސަތެއް ކަމަށެވެ. ބަޖެޓު ހަދާއިރު ވެސް އެ ސިޔާސަތު ކޮބާތޯ ބަލައެއް ނުލައެވެ. މިދިޔަ އަހަރުގެ ބަޖެޓު ތަންފީޒުކުރިއިރު އެ ސިޔާސަތު ކޮބާކަން ނުވެސް އެނގެއެވެ. އެ ކަރުދާސް ވީ ހިސާބެއް ވެސް ނޭނގެއެވެ.
މި ސަރުކާރުން 2024 ވަނަ އަހަރު ހެދި ބަޖެޓުގައި ޖެހި އަދަދަށް ފައިސާއެއް ނުހޯދުނެވެ. މިދިޔަ އަހަރު ވެސް އެ ކަމެއް ނުވިއެވެ.
ފައިސާއާއި ލޯނު ނުލިބޭ ވާހަކައަށް ދާކަށް ބޭނުމެއް ނޫނެވެ. މިދިޔަ މަހާ ހަމައަށް މި އަހަރު ލިބުނު 15.4 ބިލިއަން ރުފިޔާގެ އާމްދަނީއަށް ވީގޮތް އެނގޭ ހެއްޔެވެ؟ އޭގެ 68 އިންސައްތަ ޚަރަދުކުރީ ދަރަންޏާއި އިންޓްރެސްޓް ދައްކާށެވެ. ލިބޭހާ ފައިސާއެއް ދަރަނި އަދާކުރާށެވެ. ކަމެއް ކުރާނެ ފައިސާއެއް ނެތެވެ. މަޝްރޫއެއް ހިންގޭނެ ގޮތެއް ނެތެވެ.
ދަރަނި މެނޭޖްކުރަނީއެއް ނޫން، އޮޅުވާލަނީ
ދަރަންޏަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ހަލުވި ދުވެލީގައި ކުރިއަށްދާން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ނަގައެވެ. އެކަން ކުރަނީ މުސްތަގުބަލުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއަށް ބަލާފައެވެ. ދަރަނި ނަގާއިރު، އެ ދަރަނި ދައްކާނެ ގޮތުގެ ހަރުދަނާ ޕްލޭނެއް ހަދައިގެންނެވެ. އެކަމަކު، ރާއްޖޭގައި އެކަން އޮތީ އޭގެ ދިމާ އިދިކޮޅަށެވެ.
މިއަދު ކާނެ ވަރު ވެސް ނެތީމާ، މާދަމާ އަންނާނެކަން ވެސް ވިސްނާ ނުލާ ދަރަނި ނަގަނީއެވެ.
"ދަރަނި ބަރޯ ފުރިގެން ބަންޑުން ވަނީއޭ، ހެޔޮ ނުވާނޭ ދެން ތިޔަ މަޑުކުރާށޭ" ކިޔާފައި ދުނިޔޭގެ އެންމެ ވަރުގަދަ ކްރެޑިޓް ރޭޓިން އެޖެންސީތަކުން އެ އޮތީ ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ދީފައެވެ. މާނައަކީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމެވެ. އިންވެސްޓަރުންނަށް، ރާއްޖެއާ ގާތް ނުވާށޭ ބުނެ އިންޒާރު ކުރުމެވެ. މި ހާލަތުގައި އޮވެ، ދަރަނި އަދާކޮށް، އިގުތިސާދު އާރޯކުރަނީއޭ ބުނަން ސަރުކާރުން ހަގީގަތުގައި ލަދުގަންނަން ޖެހޭނެއެވެ.
ސަރުކާރުން ބަޖެޓު ފޮތުގައި ލިޔެފައި އޮތެވެ. މި އަހަރު ޚަރަދުކުރަން 16.8 ބިލިއަން ރުފިޔާ ހޯދަނީ ބޭރުންނެވެ. ކިހާ ހެއްވާ ހެއްޔެވެ؟ އެކަމަކު، މީގެ ނުރައްކާތެރި ކަމަކީ ހޯދަން ރާވާފައި އޮތް 26 ބިލިއަން ރުފިޔާގެ ފައިނޭންސިންގެ ތެރެއިން 13 ބިލިއަން ރުފިޔާއަކީ ދަރަނި އަދާކުރަން ހޯދާ ފައިނޭންސިންއެވެ. ފާއިތުވި އަހަރުގެ ނަތީޖާއިން، ކަނޑައެޅިގެން ނުލިބޭނެ ފަދަ މި ވަރުގެ ބޮޑެތި އަދަދުތައް ލިބޭނޭ ލިޔުމަކީ 'ފެންޓަސީ'އެވެ. މިއީ ހުވަފެނެކެވެ. ރަން ފޮއްޓެއް ލައްގާނެ ކަމަށް އުންމީދުކުރުން ކަހަލަ ކަމެކެވެ.
އެކަމަކު، އެ މަންޒަރު ވެސް އޮޅުވާލަނީއެވެ. ކުންފުނިތަކަށް ދަރާފައި އޮތް ފައިސާ އަދިވެސް އެއްކޮށް ނުދައްކައެވެ. ދަރަނިތައް އެ ހުރީ ފުނިޖެހިފައެވެ. މަޝްރޫއުތައް ހުއްޓިފައެވެ. އެއިން އެއްވެސް ކަމެއް ނުވަނީ ބޭރުން ފައިސާއެއް ލިބޭނެ ގޮތެއް ނުފެނިގެންނެވެ. އެކަމަކު، ސަރުކާރުން އަބަދު އެ ދައްކަނީ ބަޖެޓު 'ސާޕްލަސް'ވެފައި އޮތް ވާހަކައެވެ. އެއީ، ބޮޑު އޮޅުވާލުމެކެވެ. ދަރަންޏެއް ނުލިބެންޏާ ޖެހޭނީ ލިބޭ އެއްޗަކުން ހިންގަން ނޫން ހެއްޔެވެ؟
ކުރީގެ ރިޕޯޓުތަކުގައި ވެސް މި ވާހަކަ ދައްކައިފީމެވެ. އިއްޔެ އޮޑިޓު އޮފީހުގެ ރިޕޯޓުގައި ވެސް އެ އޮތީ އެހެން ލިޔެފައެވެ.
ހަމައެކަނި 2024 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމުގައި އެކަނި ވެސް 3.9 ބިލިއަން ރުފިޔާގެ ފަރަގެއް އުޅެއެވެ. ބޭރަކުން ލޯނެއް ނުލިބެއެވެ. ކޮންމެހެން ބޭނުންވާ ފައިސާ އެ ނަގަނީ ދިވެހި މާކެޓުންނެވެ. އެތެރޭގެ ދަރަނި މާ ބޮޑަށް ބޮޑުވާތީ، އޮޑިޓް ރިޕޯޓުގައި ވެސް އެ އޮތީ އެ ކަންބޮޑުވުމެވެ. އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ބޭރު ފައިސާގެ ދަރަނި 40 އިންސައްތައިގައި ހިފެހެއްޓުމަށް އަމާޒު ހިފި ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 47.1 އިންސައްތައަށް އަރާފައެވެ. އަދި، 2019 ވަނަ އަހަރު ދައުލަތުގެ އާމްދަނީގެ ހަތް އިންސައްތަ ދަރަނީގެ އިންޓަރެސްޓަށް ހޭދަކުރިއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 14 އިންސައްތައަށް އުފުލިފައެވެ. މިއީ ސީދާ ނަންބަރުތަކުން ފެންނަން އޮތް ހިތި ހަގީގަތެވެ. މިއީ ދިވެހީންނަށް ލިބޭ އާމްދަނީ ކަތުރުފަނި ކެއުން ކަހަލަ ކަމެކެވެ.
ހަގީގަތް ބަދަލެއް ނުވޭ
އެއް ޑޮލަރަކީ 15.42 ރުފިޔާއެވެ. އެއީ، އެމްއެމްއޭއިން ލިޔެ، އާންމުކޮށްފައި އޮތް އަގެވެ. އެކަމަކު، އެ އަގު ވެއްޓެމުން، ވެއްޓެމުން ގޮސް މިހާރު ޑޮލަރެއް ލިބެނީ 20 ރުފިޔާއިން މަތިންނެވެ. އެހާ ބޮޑަށް، ގާތްގަނޑަކަށް 35 އިންސައްތައަށް ރުފިޔާގެ އަގު ވެއްޓިފައި ހުންނަތާ އަހަރު ވަނީއެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް ޖެހޭ ވަރު ބަލައިގެން ޑޮލަރު ވެސް އެބަ މާރުކުރެއެވެ. ވީ ކަމެއް ނެތެވެ. ހާލަތު ވިއްޔާ ވީ ގޯހެވެ. ބޭރުން އެއްޗެހި ގަންނަން އުޅޭ މީހުންނަށް އެކަން އެނގޭނެއެވެ. ބޭންކުން މިހާރު އެ މީހުންނަށް، ކުރިން ވިއްކި އުސޫލުން ޑޮލަރެއް ނުވިއްކައެވެ.
ސަރުކާރުގެ މުޅި ވިސްނުމަކީ މިއަދެވެ. މާދަމައާއި ދެން އަންނަ ދުވަހާ މެދު އެ މީހުންގެ ފަރުވާލެއް ނެތެވެ.
ނަތީޖާއަކީ ޖުމުލަ ރާއްޖޭގެ ދަރަނި ހުއްޓުމެއް ނެތި އަދިވެސް އިތުރުވުމެވެ. ސިޔާސީ މުވައްޒަފުން މަދު ނުކުރެވުމެވެ. ބޭރު ފައިސާގެ ރިޒާވް ހުސްވަމުން ދިއުމެވެ. ރުފިޔާގެ އަގު ހައްތަހާ ވެއްޓުމެވެ. ތަކެތީގެ އަގު މަޑުމަޑުން ގޮސް އަތްނުފޯރާހާ މައްޗަށް އެރުމެވެ. ކްރެޑިޓް ރޭޓިން ގޯސްވެފައި އޮތުމެވެ. ޗުއްޓީއަކަށް ވެސް ރާއްޖެ އަންނާނެ އިންވެސްޓަރަކު ނުވުމެވެ. މިއީ އާންމު މީހާގެ ޖީބާ ހަމައަށް ހިތި ފޯރާނެ ކަންކަމެވެ. އެ ކަންކަން ބަދަލު ވެއްޖެ ހެއްޔެވެ؟ ނުވެއެވެ. ދެން ކޮން އޮޅުވާލުމެއް ހެއްޔެވެ؟ އޮޅުވައެއް ނުލެވޭނެއެވެ.
ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ނުލިބޭނެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ، ބަޖެޓުގެ ނަމުގައި ހުވަފެންތައް ބެލުމާއި، މާ ބޮޑު ދަަރަނިތައް ނަގައިގެން ދަރަނި ދެއްކުމަކީ އިގުތިސާދު ރަނގަޅު ކުރުމެއް ނޫނެވެ. އެއީ، ދަރަނި މެނޭޖްކުރުމެއް ނޫނެވެ. މިއަށް ކިޔަނީ މަތި އޮމާން ކުރުމެވެ. ސިޔާސީ މަންފާއަށްޓަކައި އިގުތިސާދީ ހަގީގަތް އޮޅުވާލަނީއެވެ. މި ހިތި ފިލުވަން ޖެހޭނީ ވެރިންނެއް ނޫނެވެ. ހުރިހާ ވެސް ތަކުލީފެއް އުފުލަން ޖެހޭނީ ނިކަމެތި މީހާއެވެ. އެކަމަކު، ހަގީގީ މައްސަލައާ މެދު ރައްޔިތުން ވެސް ކަންބޮޑުވެގެން އުޅޭތީއެއް ނުފެނެއެވެ.
އެހެންވީމާ މައްސަލައެއް ނެތްތާއެވެ. މަތި އޮމާން ކޮށްލާށެވެ. އެތެރެ ބަލާނީ ވަކި ކާކު ހެއްޔެވެ؟