މިދިޔަ ހަފުތާގެ ތެރޭ ސްކޫލެއްގައި މަސައްކަތްކުރާ ދުވަސްވީ މުދައްރިސެއްގެ ކަންބޮޑުވުންތައް އަޑުއަހަމުން ދިޔައިރު އޭނާ ބުންޏެވެ. "މިއަދު މި ގައުމުގެ ކަންކަން ހިނގަމުންދާ ގޮތާ މެދު ހިތުގައި އޮތް އެއްޗެއް ފާޅުކުރުމުގެ ފުރުސަތު ހަގީގަތުގައި ވެސް އޮތީ ހަމައެކަނި ނޫސްވެރިންނަށެވެ. ސަރުކާރުގެ މުވައްޒަފުންނާއި، މުދައްރިސުންގެ އިތުރުން އަމިއްލަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ވެސް ތިބީ، ގޯސް އެއްޗެއް ބުނެވިއްޖެ ނަމަ ދެން ކުރިމަތިލާން ޖެހިނޭދެވޭ ނަތީޖާއަކަށް ބިރުންނެވެ،"
ހަގީގަތުގައި ވެސް އެއީ އާންމު މީހަކަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް މަޖުބޫރީ ހާލަތަކަށް ވެދާނެއެވެ. އެކަމަކު, އޭނާގެ މި ވިސްނުމުން އޭނާގެ ވިސްނުމުގައި އޮތް އެހެންކަމެއް ވެސް އެބަ ހާމަވެއެވެ. އެއީ ކަންކަން ހާމަކުރަން، ފާޑުކިޔަން، ނޫސްވެރިންނަށް އަދިވެސް ކޮންމެ ވެސް ޖާގައެއް އެބައޮތް ކަމެވެ. އެކަމަކު, މިއަދުގެ ހާލަތަށް ބަލާއިރު އެ މިނިވަންކަން ނޫސްވެރިންނަށް އެބައޮތޭ ބުނެވިދާނެ ހެއްޔެވެ؟
ނޫސްވެރިކަމުގެ މި މަސައްކަތަކީ، ހަގީގަތުގައި ވެސް، ބާރުހުރި މީހުންގެ މައްޗަށް ފާރަވެރިވެ، އެ މީހުން ރުހުނަސް ނުރުހުނަސް، އުނދަގޫ ސުވާލުތައް ކުރިމަތިކުރުވައި، ޒިންމާދާރުކުރުވަން ލިބޭ ވަރަށް ބޮޑު ބާރެކެވެ. ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމަށް، ފެހި ގާނޫނު އަސާސީން ފަހިވި ފަހި ފުރުސަތާ އެކު، މިނިވަން ނޫސްވެރިކަމަށް ކަރުދާހުގައި ޖާގަ ލިބުނެވެ. އޭގެ ފަހުން ވެސް ނޫސްވެރިންނަށް އެތައް ގޮންޖެހުމަކާ ކުރިމަތިލާންޖެހުނު ދައުރުތަކެއް ވެސް އައިސް ގޮސްފިއެވެ. ނޫސްވެރިން ފުލުހަށް ހާޒިރުކުރުމާއި، ނޫސްމީޑީއާތައް ހިންގާ އޮފީސް އިމާރާތްތަކުގައި ހުޅުޖެހި ދުވަސްތައް ވެސް ދިވެހީން ދެކެފިއެވެ. މާ ދުރު ނޫން އެ މާޒީއާއި މިއަދުގެ ހާލަތަށް ވިސްނާއިރު އިއާދަވަމުން މިދަނީ ކޮން ކަމެއް ހެއްޔެވެ؟

ފުލުހުން، މީޑިއާ ފާސް އަޅައިގެން ހުރި ނޫސްވެރިއަކު ފަހަތަށް ޖައްސަނީ: -- ސަން ފޮޓޯ/ މޫސާ ނަދީމް
ޕްރެސް ފްރީޑަމް އިންޑެކްސްއިން އެކަންޏެއް ނޫން، ޑިމޮކްރަސީގައި ވެސް ފަހަތަށް
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އިން އެންމެ ފަހުން ނެރުނު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ދިވެހިރާއްޖެ 104 ވަނައިން 108 ވަނައަށް ސޮއްސާލައިފިއެވެ. މިއީ މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތުތައް ރަނގަޅުވުމުގެ ބަދަލުގައި، ދުވަހުން ދުވަހަށް ހީނަރުވަމުންދާކަމުގެ ސީރިއަސް އިންޒާރެކެވެ.
މި އިންޑެކްސްއަކީ އެ ގައުމެއްގެ ސިޔާސީ މަސްރަހާއި، އިގުތިޞާދީ، އިޖުތިމާއީ، އަދި ގާނޫނީ ގޮތުން، މިނިވަން ނޫސްވެރިކަމެއް ކުރަން ހުރި ގޮންޖެހުންތަކާއި، ފުރުސަތުތައް ފަދަ ކަންކަން ދިރާސާކުރުމަށް ފަހު ދޭ އިންޑެކްސްއެކެވެ.
މަތީގައި އޮތް ވަނައަކުން ދަށަށް ދިޔައީމާ، ނުވަތަ ކިރިޔާ ވެސް ރަނގަޅަށް އޮތްކަމެއް ގޯހަށް ދިޔައީމާ، އެއީ އޭގެ ޒާތުގައި ވެސް ކަންބޮޑުވާނެ ކަމެކެވެ. އެކަމަކު، ނޫސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާ ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)އަށް މި އިންޒާރު ފަހުމުވެވަޑައިގެންނެވި ގޮތް ހިއްސާކުރައްވަމުން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ މާ ތަފާތު ވާހަކައެކެވެ.
"އިންޑެކްސްއެއްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިއުމަކީ އޭގެ ދަށުގައި އޮތް ބައެއް ގައުމުތައް ހަތަރު ފަސް، ދިހަވަރަކަށް ދަރަޖަ، ސްޓެޓިސްޓިކްސް ކުރިއަށް އެރުން ކަމަށް ވެސް ވެދާނެއެއްނު އަޅެ،" އޭނާ ވިދާޅުވިއެވެ.
އެކަމަކު ފަހަތަށް ދިޔުމަކީ ގޯހެއް ނޫންހެއްޔެވެ؟ އެހެން ބަޔަކު ހައެއްކަ ދަރަޖަ ކުރިއަރައިދާ ވަރަށް ކަންކަން ރަނގަޅުކުރިއިރު، ރާއްޖެ ފަހަތަށް ސޮއްސައިލީމާ އެ ބުނީ ކަމެއް ރަނގަޅު ވެސް ނުކުރެވުނީ ނޫންތޯއެވެ. އިންޑެކްސް ދަށްވުމުގެ މާނައަކީ، ނޫސްވެރިންގެ ރައްކާތެރިކަމާއި، މީޑިއާތަކަށް ކުރިމަތިވާ ސިޔާސީ އަދި އިގުތިޞާދީ ނުފޫޒުތަކާއި، ގާނޫނީ ރައްކާތެރިކަމުގެ ހާލަތު ގޯސްކަމެވެ.
ސުވާލަކަށް ޖަވާބެއް ނުދޭ، މައުލޫމާތެއް ދެނީއެއް ނޫން
ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތަކީ މައުލޫމާތު ހާމަކުރުމެވެ، އެކަމަކު މިއަދު އެކަން ވެސް ވެފައިވަނީ ބޮޑު ދައްޗަކަށެވެ. 'މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު' (އާރްޓީއައި)ގެ އޮނިގަނޑު، ގިނަ ފަހަރަށް ފެންނަނީ ހަމައެކަނި ނަމެއްގައި އޮންނަ އުސޫލެއްގެ ގޮތުގައެވެ.
ސަރުކާރުގެ އޮފީސްތަކާއި، މިނިސްޓްރީތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން ޖަވާބެއް ހޯދުމަކީ ނޫސްވެރިންނަށް އަބަދު ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ފޯނު ކޯލްތަކަށް ޖަވާބު ނުދިނުމުގެ އިތުރުން، އާދައިގެ ކަންކަން ވެސް ބޮޑެތި ސިއްރުތަކެއްގެ ގޮތުގައި ވަނީ ހިފަހައްޓާފައެވެ. ވެރިކަމަށް ތިންވަނަ އަހަރު ގުނަމުންދާއިރު، އަދިވެސް ނޫސްވެރިން އެންމެ ގިނައިން ކުރި ސުވާލަށް ޖަވާބު ނުދެއެވެ. ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި އެކި އިދާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގައި ކިތައް މީހުން ތިބިތޯއެވެ.
މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އެދެވޭ ޖަވާބެއް ލިބެނީ ވަރަށް މަދުންނެވެ. ނަތީޖާއަކީ މައުލޫމާތު ހިފެހެއްޓުމަކީ މައްސަލައެއް ނޫންކަމުގެ ނުރަނގަޅު މެސެޖެއް ދައުލަތުގެ އިދާރީ ހިންގުމުގެ ނިޒާމުގެ ތެރޭގައި ފެތުރިގެންދިއުމެވެ. ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދިނުން ލަސްކުރުމާއި، އެ ކަމަށް ހުރަސްއެޅުމަކީ ހަމައެކަނި ނޫސްވެރިންނަށް ކުރިމަތިކުރާ އުނދަގުލެއް ނޫނެވެ. އެއީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ގޮތާއި ނިންމުންތައް ނިންމާ ގޮތް އޮޅުންފިލުވުމަށް ރައްޔިތުންނަށް ލިބިދީފައިވާ ހައްގަށް އަރައިގަތުމެވެ.

ރައީސް އޮފީސް ސަރަހައްދުގައި ރައީސް އޮފީހުގެ ސްޓްރެޓިޖިކް ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލާއި ކުރީގެ ޔޫތު މިނިސްޓަރު އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ---- ސަން ފޮޓޯ/ މާނިއު މުހައްމަދު
ޒަމާނީ ޑޮމްރަސީއަކަށް، "ޅަ" ވެރިންތަކެއް؟
ސިޔާސީ ވެރީންނަށް ނުވަތަ ސަރުކާރަކަށް، ނޫސްވެރިންގެ މަސައްކަތަކީ ހުރަހެއްގެ ގޮތުގައި ފެންނަ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ޒަމާނީ ޑިމޮކްސަރީއެއްގެ ފެނަށް އަދި ނުދިރޭކަމުގެ ސާފު ހެއްކެކެވެ. މިއަދު ރާއްޖޭގައި ކުލަޖެހެނީ އެ މަންޒަރުގައެވެ.
އަމާޒުކުރާ ސުވާލުތަކަކީ ޒާތީ ސުވާލުތަކެއްގެ ގޮތުގައި ދައްކަން އުޅެފާނެއެވެ. ތަހުގީގީ ރިޕޯޓުތަކަކީ ވަކި އަތަކަށް ޖެހިފައިވާ ނުވަތަ ސީދާ ދެކޮޅަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރާނެއެވެ. ފާޑުކިޔުންތަކަށް ބިނާކުރަނިވި ގޮތެއްގައި އިޖާބަދިނުމުގެ ބަދަލުގައި، ބާރުގެ ބޭނުންކޮށްގެން ދެކޮޅުވެރިކަން ދެއްކުމަކީ، އެ ބޭފުޅުންގެ އަމިއްލަ ގާބިލިއްޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ. ސުވާލެއްކުރުމުން ޖަވާބު ދިނުމުގެ ބަދަލުގައި 'ސެހެރީ' ދިގުކޮށް، ވަކި ނޫހަކަށްވީތީ، ވަކި ކަމެއްގެ މަސްލަހަތު އިސްކުރާކަން ދައްކަން އުޅުމަކީ މައުލޫމާތު ދޭން ހުންނަ މީހަކު ކުރަންޖެހޭ ކަމެއް ނޫނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ބައްދަލުކުރިއިރު، ނޫސްވެރިންނަށް އުންމީދަށްވުރެ ބޮޑީ ނުތަނަވަސްކަމެވެ. ނޫސްވެރި ގަލަންތައް އަތުލައި 'ބިންދައިލަން' އުޅޭތީ އެ ބިރެވެ. ނޫސްވެރިކަމާއި، މީޑީއާގެ ކަންކަން ބަލަހައްޓަން ވަރަށް ފަހުން އަލަށް އެކުލަވައިލި ކޮމިޝަނަށް އެކަނި ބަލައިލުމުން ވެސް ނޫސްވެރިންނަށް ރައްކާތެރިކަމެއް ފޯރުކޮށްދޭން މިއަދު އުޅޭ ތަނެއް ނުފެނެއެވެ.
ރާއްޖެ ކުރިއަރުވަން ބޭނުންނަމަ، ބޭނުންވަނީ އެ ބިރު ފަހަނައަޅައި، މިނިވަން ނޫސްވެރިކަމެއް ކުރާނެ ފުރުސަތެވެ. އެ ކަމަށް ދެން ވެސް އޮތް މަގަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ޖާގަ ފަހިކުރުމެވެ.