ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ރައީސްގެ ދެކަނބަލުން މާލެއަށް ވަޑައިގެންފި

ރައީސް މުއިއްޒުގެ ދެކަނބަލުން ލަންކާ ދަތުރުފުޅަށް ފަހުގައި، މާލެ ވަޑައިގަންވަން ބޯޓަށް އަރުއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އެނބުރި މާލެއަށް ވަޑައިގެންފިއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އެ ގައުމަށް ފުރާވަޑައިގަތީ، މިދިޔަ އާދިއްތަ ދުވަހެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ލަންކާގެ ފޮރިން މިނިސްޓަރު އެމްޕީ ވިޖިތަ ހޭރަތާ ހިމެނޭހެން އެގައުމުގެ އިސްވެރިންނާއި ރައީސް ބައްދަލުކުރެއްވިއިރު، އެކި ދާއިރާތަކުން ސްރީލަންކާއާއި ރާއްޖެއާ ދެމެދު މުހިންމު ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

https://sun.mv/221498

ލަންކާގެ ރައީސް ދެއްވި ޖާފަތެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

އޭގެއިތުރަށް، ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް އެ ދަތުރުފުޅުގެ ތެރެއިން ތައާރަފުކޮށްފައިވާއިރު، މިފްކޯގެ 'ފަސްމީރު' ބްރޭންޑު ވެސް ވަނީ ލަންކާއަށް ތައާރަފުކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސްރީލަންކާގައި އުޅޭ ދިވެހީންނާ ވެސް އެ މަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ, ސްރީލަންކާގެ ރައީސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ވަނީ، ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައިވާކަން ވެސް އިއުލާންކޮށްފައެވެ.

comment ކޮމެންޓް