އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އަނެއްކާ ވެސް ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، ހދ. ނޮޅިވަރަންފަރު މާޅެންދޫގޭ، ފާތިމަތު ނިލްފާ ޢަބްދުﷲ ޝިޔާމް، 28އ އެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.
ނިލްފާގެ މައްޗަށް ކުރާ ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. ފުލުހުން ނިލްފާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ ހައްޔަރުކޮށް ޓެސްޓް ކުރިއިރު، އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ނިލްފާގެ ބަންދާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރި ކޮޓަރި ތެރެއިން ބަނގުރާ ވެސް ވަނީ ފެނިފައެވެ. އެހެންނަމަވެސް، އޭނާގެ ކޮޓަރިން ފެނުނު ބަނގުރަލާއި މަސްތުވާ އެހެން އެއްޗިއްސާ ނިލްފާގެ ރައްޓެއްސަކު ވަނީ ހަވާލުވެފައެވެ.
ނިލްފާގެ އަތްދަބަހުން ވެސް މަސްތުވާ ދެ ބާވަތެއްގެ އެއްޗެއް ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެއީ، ގާތްގަނޑަކަށް ހަތް ގްރާމް މެތު އަދި 281 ގްރާމް ކެނެބިސްއެވެ.
ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ބަލާއިރު، 281 ގްރާމް ކެނަބިސް އަތުގައި ބެހެއްޓުމަކީ ވަރަށް ސީރިއަސް ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން، މީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި 15 ގްރާމަށްވުރެ ގިނައިން ކެނަބިސް ހުރެއްޖެނަމަ، އެއީ ވިޔަފާރިކުރުމުގެ މަގުސަދުގައި އަތުގައި ބެހެއްޓިކަމަށް ގާނޫނުގައި ބެލެވެއެވެ. އެހެންކަމުން 281 ގްރާމަކީ "ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން" ކަމަށް ބެލެވޭނެއެވެ.
މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން އުމުރަށް ޖަލަށްލުމާ އެކު، 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.