ސިނަމާލެ ބުރިޖު މަތީގައި ކާރެއް މަޑުކުރުމުން، ފަހަތުން ދިޔަ 3 ކާރު އެކްސިޑެންޓުވެއްޖެ

ހައިވޭގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓްގައި ކާރުތަކަށް ގެއްލުންވެފައި --- ފޮޓޯ/ އެކްސް

ސިނަމާލެ ބްރިޖު މަތީގައި ކާރެއް މަޑުކުރުމުން، އެ ކާރުގެ ފަހަތުން ދިޔަ ތިން ކާރެއް އެކްސިޑެންޓްވެ، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ކާރެއް މަޑުކުރުމުން، ފަހަތުން ދުއްވާފައި ދިޔަ ތިން ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.

އެ އެކްސިޓެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެންދުރު 12:27 އެހައިކަންހާއިރު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ ހާދިސާގައި ޖުމްލަ ހަތަރު ކާރަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދަކީ ވިއްސާރަވެ، އުޑުމަތި ބަނަވެފައިވާ ދުވަހެއް ކަމަށްވާއިރު، އެކްސިޑެންޓް ހިނގި ވަގުތު، ކާރުތަކަށް ގެއްލުންވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ސިނަމާލެ ބުރިޖާއި ހައިވޭއަކީ ގިނަ އަދަދެއްގެ އުޅަނދުތައް ބާރު ސްޕީޑުގައި ދަތުރުކުރާ ސަރަހައްދަކަށް ވުމުން، ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބުރިޖާއި ހައިވޭގައި މީގެ ކުރިން ވެސް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.

comment ކޮމެންޓް