ޕީއެންއެފަށް އިންޒާރު ދިނުމުން ފިއްޓޭ: "މޯދީއަށް މާލި ހެދިއިރު ވެސް ގާނޫނުއަސާސީ އޮތް"

ޕީޕީއެމުން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މޯދީއަށް ފުރައްސާރަކޮށް 'މާލި' ހެދި -- ފޮޓޯ/ ސޯޝަލް މީޑިއާ

ޕީއެންސީން އޭރު އިދިކޮޅުގައި އޮވެ، އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ހިންގައި، އެ ޕާޓީގެ އޮފީސް ކައިރީ މުޒާހަރާކުރިއިރު ވެސް ގާނޫނުއަސާސީ އޮތް ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ފުރައްސާރަކޮށް މާލި ހަދައި މަގުމަތީގައި ހަރަކާތްތެރިވިއިރު، ކުޑަކުދިން އަތް ވެސް ޖެހި ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ބުނެ، ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله (އަދުރޭ) ސިޔާސީ މަސައްކަތްކުރެއްވިއިރު، ކުރެއްވީ ވަރަށް "ލާނެތްކޮށް" ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ފިއްޓޭ -- ފޮޓޯ/ މަޖިލިސް

އަދި، ހުތުރުކޮށް ވާހަކަ ދައްކައިގެން ކަމެއް ނުވާ ނަމަ ޕީއެންސީގެ ބޭފުޅުން މިއަދު މަގާމުތަކުގައި ނުތިއްބަވާނެ ކަމަށް މަލާމާތުގެ ރާގެއްގައި ޒިޔާދު ވިދާޅުވިއެވެ.

"އަޅުގަނޑު އަޚު [ފިޝަރީޒް މިނިސްޓަރު އަޙްމަދު] ޝިޔާމް ވަޒީރުކަމުގައި އެ ހުންނެވީ، [ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު] ނަރީޝް، އެއަށްވުރެ ވަކިން ހުތުރު މަންޒަރެއް މަގުމަތީގައި ދެއްކި ބޭފުޅެއް ނެތް، ޑެޕިއުޓީ މޭޔަރުކަމަށް ހުރީމަ ކަމުނުގޮސްގެން ވަޒީރުކަމަށް ލާފައި އެ ހުރީ،" އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވަނީ އިދިކޮޅުގައި އޭރު އޮތް ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ބޭއްވި ހަރަކާތްތަކަށް ވެސް އިޝާރާތްކުރައްވައިފައެވެ.

"ގާނޫނުއަސާސީގެ މީގެ އެއްވެސް މާއްދާއެއް ގެނައީ ފަހަކުނެއް ނޫން، ކުރިން ވެސް އޮތް. ދެދޮރު ދޭތެރޭ މުޒާހަރާ ކުރިއިރުވެސް އޮތް، އިންޑިއާ އައުޓް ބޭއްވިއިރުވެސް އޮތް ގާނޫނުއަސާސީގައި މި މާއްދާ ލިޔެފައި. މި ބޭފުޅުން ހަނދާނެއް ނެތް މިއަދަކު،"

"މާލި ހަދައިގެން ނުކުމެ މަގުމަތީގައި ދުވިއިރުގައި ވެސް ހަމަ ކުޑަކުދިން ބަލައި އަތް ޖެހިއޭ އިއްޒަތްތެރި ރައީސް. ރައީސް ވެސް ދެއްކި ވާހަކައާއި މި ބޭފުޅުން ދެއްކި ވާހަކަ ހަމަ އެ ކުދިން އަޑުއެހިއޭ،" ޒިޔާދު ވިދާޅުވިއެވެ.

ޢަބްދުއްސައްތާރު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް، ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ ހައްގު ދީފައިވާ ކަމަށެވެ. މި ހައްގުތައް ބޭނުންކުރަން ޖެހޭނީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް، އެހެން މީހުންގެ އަބުރަށް އިހުތިރާމުކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/221522

ނަމަވެސް "ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި" ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ހިންގަމުންދާ "ހަރަކާތްތަކުގެ" ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިވާކަމަށް އެ ގަރާރުގައިވެއެވެ. އަދި، އެ ކަންކަން ހުއްޓުވައި ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ވަނީ އެ ގަރާރުގައި ވަނީ ގޮވައިލައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އިންޑިއާ އައުޓްގެ ނަމުގައި ސިލްސިލާކޮށް ޕީޕީއެމް / ޕީއެންސީން ހިންގި ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އޭރު ފެއްޓެވި ހަރަކާތެކެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުން އޭރު އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލާއި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهގެ އިތުރުން، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ހިމެނެއެވެ.

comment ކޮމެންޓް