ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ވީޑިއޯއާއި ފޮޓޯ ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ -- ފޮޓޯ/ ފުލުހުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ތުހުމަތު ހައްޔަރުކުރި ދިވެހި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މޫނިމާގެ / ތ.ވިލުފުށި، އާދަމް ޢަދްލާން ލަޠީފް (22އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ 15 ދުވަހު ޖެހުމަށް ފަހު، މިދިޔަ މަހުގެ 22ގައި ވަނީ އިތުރު 12 ދުވަސް ޖަހައިފައެވެ.

https://sun.mv/220881

އެ މުއްދަތު ހަމަވުމުން އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން "ސަން"އަށް މައުލޫމާތު ދިނެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އަދްލާން ހައްޔަރުކޮށްފައިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގައެވެ. އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނޭ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންކަން އެ އިދާރާއިން ފާހަގަކުރިއެވެ.

ފުލުހުން ވަނީ، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެ ކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެފައެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ގިނަ ނަމަވެސް، އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މަދުވުމުގެ ކަންބޮޑުވުން އޮވެއެވެ.

comment ކޮމެންޓް