ކޯޓުން އަމުރު ކުރުމުން ވެސް ''އަދަދު'' ނޫހުން ނިންމީ ޕާސްވޯޑް ނުދޭން

ފިޔާޒާއި އަލީ ހުސައިން: ކޯޓުން އަމުރު ކުރުމުން ވެސް ''އަދަދު'' ނޫހުން ވަނީ ޕާސްވޯޑް ނުދޭން ނިންމައިފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހުން ގެންދިޔަ އެއްވެސް ލެޕްޓޮޕެއްގެ ޕާސްވޯޑު ނުދޭން އެ ނޫހުން ނިންމައިފިއެވެ.

މިދިޔަ މާރިޗް މަހު 'އައިޝާ'ގެ ނަމުގައި ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން މިދިޔަ މަހުގެ 27ގައި ފުލުހުން އެ ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ހަތަރު ގަޑިއިރު ވަންދެން ބަލައިފާސްކުރިއެވެ. އެ އޮޕަރޭޝަނަށްފަހު، ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތަކާއި ބައެއް މެމޮރީ ކާޑު ހިމެނޭ ގޮތަށް 20 ޑިވައިސްއެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

https://sun.mv/221246

އެ މައްސަލައިގައި ފުލުހުންގެ އެދުމަށް، ކްރިމިނަލް ކޯޓުން ވަނީ ފުލުހުން ހިފަހައްޓާފައިވާ އިލެކްޓްރޯނިކް އާލާތްތަކާއި ޑޭޓާތަކަށް އެކްސެސްވުމުގެ ހުއްދަ އެ މުއައްސަސާއަށް ދިނުމުގެ އަމުރެއް ނެރެފައެވެ.

އެ މައްސަލައާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ މިއަދު މެންދުރުފަހު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

ފުލުހުންނަށް ޖަވާބުދާރީވުމަށްފަހު ފިޔާޒުގެ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، ޕާސްވޯޑުތައް ނުދޭން ނިންމީ މަސްދަރު ހާމަވެދާނެތީ ކަމަށެވެ.

"މަސްދަރު ހާމަކުރެވެން ނެތް ކަމަށް ބަޔާން ކޮށްފައި، އެއީ ޕާސްވޯޑުތައް ދީފި ކަމަށްވަންޏާ މަސްދަރުތައް ހާމަ އެބަވޭ،" ވަކީލު ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާސްވޯޑްތައް ދީފިނަމަ، ޑޮކިއުމެންޓްރީ ނޫން އެހެން ކަންކަމާ ގުޅިގެން މައުލޫމާތު ދީފައިވާ ފަރާތްތަކަކީ ކޮބައިކަން ވެސް އެނގުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންވެ، ޕާސްވޯޑު ދޫނުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނިންމުމުގެ ސަބަބުން ދައުވާ ކުރިޔަސް މަސްދަރު ހާމަކުރަން ބޭނުން ނުވާ ކަމަށް ފިޔާޒު ވިދާޅުވި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

https://sun.mv/221516

މީގެ އިތުރުން، ފުލުހުން ދެއްކި ކޯޓު އަމުރުގައި އޮތީ ހަމައެކަނި ބަލައިފާސްކުރުމުގެ އަމުރެއް ކަމަށާއި، އެއްވެސް އެއްޗެއް ހިފެހެއްޓުމުގެ އަމުރެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މީހަކު ފަތުރާ ނުވަތަ ޝާއިއުކުރާ ޚަބަރާއި މައުލޫމާތުގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. އަދި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ވެސް، މަސްދަރު ހާމަކުރަން މަޖުބޫރުވަނީ ހަމައެކަނި ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ހާލަތްތަކުގައެވެ.

އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައިފާސްކުރުމުގެ ތެރެއިން: ފުލުހުން އެ އޮފީހަށް ވަތް މައްސަލަ ނޫސްވެރިންގެ ޖަމިއްޔާތަކުން ކުށްވެރިކޮށްފައިވޭ -- ފޮޓޯ/ އަދަދު، ފޭސްބުކް ލައިވް

ފުލުހުންނަށް ހުއްދަ ދީ، ކްރިމިނަލް ކޯޓުގެ ގާޒީ އަޙްމަދު ޝާފިއު ނެރުއްވި މި އަމުރުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މަސްދަރު ރައްކާތެރިކުރުމުގެ ހައްގަށް ރިއާޔަތްކޮށް، ޝަރުތުތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، ފުލުހުން އެ ޑޭޓާތަކަށް އެކްސެސްވާއިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް އެ ތަނުގައި ހާޒިރުވެ ހުންނަން ޖެހޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ހުޅުވަން އެދޭ ތަކެއްޗަކީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށްވާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯޓުން ވަނީ އަންގާފައެވެ. އެހެންކަމުން، އެ އާލާތްތަކުގައިވާ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށާއި، އެކަމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މައްޗަށް ކޯޓު އަމުރުގައި ލާޒިމުކޮށްފައިވެއެވެ.

އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގައި މީގެ ކުރިން ވެސް ފިޔާޒްގެ އިތުރުން، އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރި މައްސަލަ ދިވެހި ނޫސްވެރިންނާއި ބޭރުގެ ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް ކުށްވެރިކޮށްފައިވެއެވެ.

comment ކޮމެންޓް