ގިނަ ރަށްރަށުގައި ތާރު އެޅުމާ ހަމައަށް މަސައްކަތް ގޮސް، މެޝިނަރީ ނެތިގެން ތާރު ނޭޅި އެބަހުރި: މުއްޠަލިބު

އަމީނީމަގުގެ ބާރު ބޮޑު ސަރަހައްދުގައި ތާރު އަޅަނީ: -- ސަން ފޮޓޯ

މަގުތައް ތަރައްގީކުރަން ފަށައިފައިވާ ގިނަ ރަށްރަށުގެ މަގުތަކުގައި ތާރު އެޅުން ލަސްވަނީ އެކަމަށް ބޭނުންވާ މެޝިނަރީ ނެތުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، މަގުތައް ހަދާ ސަރުކާރު ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި، އާންމު ގޮތެއްގައި ބޮޑެތި މަސައްކަތްތައް ކުރާ ކުންފުނި އެމްޓީސީސީގައިވެސް ތާރު އަޅާ މެޝިނަރީ ހުރީ ވަކި އަދަދަކަށް ކަމަށެވެ.

"ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ތާރު އަޅަން ބޭނުންވާ މެޝިނަރީސް ނެތީމަ، [އެ މައްސަލަ]," މުއްޠަލިބު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، އާރުޑީސީން ދެ މޯބައިލް ޔުނިޓެއް ގެނެސް، ބައެއް ރަށްރަށުގައި ތާރު އަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މަގުތައް ތަރައްގީކޮށް، ތާރު އެޅުމާ ހިސާބަށް ގޮސް ހުރި ގިނަ ރަށްރަށުގައި ތާރު ހުރީ ނޭޅިކަން މުއްޠަލިބުވެސް ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ، 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައެވެ. ދެ އަހަރު ދުވަހުތެރޭ ނިންމަން ހަވާލުކުރި އެ މަޝްރޫއުތަކުގެ އަގު 842 މިލިއަން ރުފިޔާއަށް އަރައެވެ.

https://sun.mv/209637

އޭގެ ހަތަރު ދުވަސް ފަހުން، ބ. ކަމަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގެ މަގު ހަދާއިރު، ތާރު އެޅުން ނުވަތަ ގާ އެތުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއްކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި، ގަބޫލުފުޅުކުރައްވަނީ އެ ކަން ކުރަންވާނީ ގުދުރަތީ ގޮތް ނުގެއްލޭ ގޮތަށް ކަމަށެވެ.

https://sun.mv/209781

ޚާއްސަކޮށް، އެ ރަށެއް އެއީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށެއްނަމަ އަމުދުން އެ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަންވާނީ ރަށުގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ބޭއްވޭ ގޮތަކަށް މަގުތައް ހަދަަންކަމަށް ރައީސް ވިދާޅުވިއެެވެ.

ގިނަ ރަށްތަކެއްގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެންނެވެ. އަދި ކުދި ގޯޅިތަކާއި ކުދި މަގުތަކުގައި ގައު އަތުރައިގެންނެވެ. އެކަން ކުރުމަށް ޓަކައި މަގުތަކުގައި ހެދިފައި ހުންނަ ހިޔާ ދޭ ބޮޑެތި ގަސްތައް ކެނޑުންފަދަ ކަންކަން ކުރަން ޖެހެއެވެ. މީގެ ކުރިން އެފަދަ ކަންކަމުގައި ބައެއް ރައްޔިތުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް