މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވެނީ މާލޭ ސިޓީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވުމާ ގުޅިގެން، ހައުސިން މިނިސްޓްރީއާއި ކައުންސިލާއި މަޝްވަރާކޮށް ހައްލެއް ހޯދައިދޭން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެކު މިހާރު ހަދަނީ ކުލީގެ އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމުގެ ދަށުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެހެންވެ، އެކަމާ ގުޅިގެން މިހާރު ހަދާ އެއްބަސްވުމުގެ ދަށުން އެ ފުލެޓުތަކަށް ނިސްބަތްކޮށް ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ ނަމަ، އެ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަމަށް ވާނީ ކިހިނެއްތޯ، ކުޑޫ ވަނީ ސުވާލު ކުރައްވައިފައެވެ.
ޖަވާބުގައި މުއްޠަލިބު ވިދާޅުވީ، ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިދެނީ ފުލެޓުވެރިން ފައިސާ ދައްކައި ނިމުމުން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދިނުމަކީ އާންމުންނަށް އުނދަގޫކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި މުއްޠަލިބު ވިދާޅުވީ، ސިޓީ ކައުންސިލުން ކޮށްފައިވަނީ ގާނޫނީގޮތުން ހުއްޖަތެއް އޮތް ކަމެއް ނޫން ކަމަށެވެ.
މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމަށް މިނިސްޓްރީން ވާނީ ކައުންސިލަށް އަންގައިފައި ކަމަށްވެސް، މުއްޠަލިބު ވިދާޅުވިއެވެ.
"ސިޓީ ކައުންސިލުން އެ މަސައްކަތް ނުކުރުމަކީ ސަރުކާރުން ވަކި ގޮތަކަށް ކަނޑައަޅައިގެން ކުރާ ކަމެއްނޫން،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، މާލޭގެ މޭޔަރު އާދަމް ޢާޒިމަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ، މިނިސްޓްރީއާއި ކައުންސިލު މަޝްވަރާކޮށް، މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިނުދެވޭ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެ ސިޓީއާއެކު ކުޑޫ ވަނީ، ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް ޢާޒިމަށް، އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލަށް މިދިޔަ އޭޕްރިލް މަހު ފޮނުއްވި ސިޓީއެއްވެސް އެއްކަރުދާސްކުރައްވައިފައެވެ.
އެ ސިޓީތަކުގެ ތެރެއިން ޢާޒިމަށް ޝާމިލް ފޮނުއްވި ސިޓީގައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދިނުމުގެ ހުއްދަ އެފްޑީސީން ދިނުމުން، ކަމާބެހޭ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނުމަށް ދަންނަވައިފައެވެ.
އަދި ޙަމްދާނަށް ފޮނުއްވި ސިޓީގައި ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދިނުމުގެ ހުއްދަ ސިޓީ ކައުންސިލަށް ދިނުމަށް ދަންނަވައިފައެވެ.