ކައިވެންޏަށް 10 ދުވަހަށް ވެފައި ވަނިކޮށް އިސްރާއީލުގެ ސްނައިޕަރެއްގެ ހަމަލާއިން ފަލަސްތީނުގެ ޒުވާނަކު މަރުގެ ތުންފަތްމައްޗަށް

ޣައްޒާގެ އުމުރުން 19 އަހަރުގެ ހާލާ ސާލިމް ދަރުވީޝް އޭނާގެ ކައިވެންޏަށް ތައްޔާރުވަމުން ދިޔައީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. ނަމަވެސް ކައިވެންޏަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް، އިސްރާއީލުގެ ސްނައިޕަރަކު ދިން ހަމަލާއެއްގައި އޭނާގެ ބޮލަށް ވަޒަން އަރައި، މިހާރު އޮތީ އައިސީޔޫގައި މަރުގެ ތުންފަތްމަތީގައެވެ.

އިއްޔެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އާއިލާއާއެކު ކާބޯތަކެތި ތައްޔާރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ގޭގެ ކުޑަދޮރުން ވަދެގެން އައި ވަޒަން އެރީ އޭނާގެ ބޮލުގެ ވާތްފަރާތުން ފަހަތަށެވެ. އެއާއެކު އާއިލާގެ މީހުންގެ ކުރިމައްޗަށް އޭނާ ވެއްޓުނު ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މި ހާދިސާއަކީ ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ރަހުމުކުޑަ ހަމަލާތަކުގެ ތެރެއިން ހިނގި އަނެއްކާވެސް ހިތާމަވެރި ހާދިސާއެކެވެ.

މި ހާދިސާއާ ގުޅިގެން ހާލާއާ ކައިވެނި ކުރަން އުޅޭ މުޙައްމަދު ޝުރައިހީ ބުނި ގޮތުގައި، އެ ދެމީހުންގެ ކައިވެންޏަށް އޮތީ އެންމެ 10 ދުވަހެވެ.

"އެންމެ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުވެގެން ހިނގައްޖެ. އެހެން މީހުންނެކޭ އެއްފަދައިން ހާލާ ހުރީ ކައިވެންޏަށްޓަކައި ވަރަށް އުފަލުން. ނަމަވެސް މިހާރު ކުރާ ހަމައެކަނި އުންމީދަކީ ހާލާގެ ފުރާނަ ސަލާމަތްވުން،" މުޙައްމަދު ކިޔައިދިނެވެ.

ހާލާގެ ބައްޕަ ސާލިމް ބުނި ގޮތުގައި، އެ ހާދިސާ ހިނގި މަންޒަރު އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

"ކާން ތައްޔާރުކުރަން ތިއްބައި ކުއްލިއަކަށް ކުޑަދޮރުން ވަޒަނެއް އައިސް ހާލާގެ ގަޔަށް އެރީ. އެންމެންގެ ކުރިމައްޗަށް އޭނާ ވެއްޓުނު މަންޒަރު އަދިވެސް ސިފަވޭ،" ހިތާމައާއެކު ސާލިމް ބުންޏެވެ.

ހަނގުރާމައިގެ ދަތިކަމާ އެކުވެސް، މެއި މަހުގެ ކުރީކޮޅު ބާއްވަން ހަމަޖެހިފައި އޮތް ކައިވެންޏަށް އެ އާއިލާއިން ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ކައިވެނީގެ ހެދުމާއި އެހެނިހެން ތައްޔާރީތައް ނިމިފައި ވަނިކޮށް، މި އުފާވެރިކަން ވަނީ ބިރުވެރިކަމަކަށް ބަދަލުވެފައެވެ.

ހާލާގެ ސިއްހީ ހާލަތު ވަރަށް ނާޒުކު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން މައުލޫމާތުދެއެވެ. އޭނާގެ ބޮލަށް އެރި ވަޒަން އަދިވެސް ނުނެގޭއިރު، ސިކުނޑީގެ ޓިޝޫތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހާލަތު ގޯސްކަމުން އަދި އޮޕަރޭޝަނެއް ކުރެވެން ނެތް ކަމަށާއި، ޑޮކްޓަރުން މަޑުކުރަމުން ދަނީ ހާލަތު ތަންކޮޅެއް ރަނގަޅުވަންދެން ކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވުމުގެ ސަބަބުން، ހާލާއަށް ބޭނުންވާ ފަރުވާ އެ ސަރަހައްދުން ލިބެން ނެތް ކަމަށް ޑޮކްޓަރުން ވަނީ އަންގާފައެވެ. އެހެންކަމުން، ވީއެންމެ އަވަހަކަށް ގައުމުން ބޭރަށް އޭނާ ގެންދިއުމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އަދި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުގެ ކިބައިން މުޙައްމަދު ވަނީ އެދިފައެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ބޭސްފަރުވާގެ ސާމާނު ހުސްވެފައިވާ ޣައްޒާއިން ބޭރަށް ފަރުވާ ހޯދުމަށް ދާންޖެހޭ 22،000 އެއްހާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހާލާގެ މި ހިތާމަވެރި ހާދިސާއަކީ ޣައްޒާގެ އާންމު ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނުގެ ކުޑަ މިންވަރެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ޚިލާފުވަމުންނެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން މި މަހުގެ ދެ ވަނަ ދުވަހު އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެއްބަސްވުމަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި 828 މީހުން ޝަހީދުވެ، 2،342 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 72،608 އަށް އަރާފައެވެ. މީގެ އިތުރުން 172،445 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ޣައްޒާގެ އުމްރާނީ ތަރައްގީގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ.

އދ. އިން އަންދާޒާކުރާ ގޮތުގައި ޣައްޒާ އަލުން އާރާސްތުކުރުމަށް 70 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެއެވެ.

ހާލާގެ ކައިވެނީގެ ހެދުން ނުލެވި އޮތްއިރު، އޭނާގެ މުސްތަގުބަލާމެދު ވަނީ ބޮޑު ސުވާލުމާކެއް އުފެދިފައެވެ. ބޭސްފަރުވާއަށް ގައުމުން ބޭރަށް ދެވޭނެ މަގެއް ނުފެނި، ހާލާ ފަދަ އެތައް ހާސް ބަޔަކު ދަނީ މަރުގެ ތުންފަތްމަތީގައި އެހީތެރިކަމަކަށް އިންތިޒާރުކުރަމުންނެވެ. އައިސީއާރުސީން މިކަމަށް އަދި ވަކި ޖަވާބެއް ދީފައި ނުވާއިރު، ހާލާގެ އާއިލާއިން ދަނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޯޑަރު ހުރަސްކުރުމުގެ ހުއްދައަށް އެދި ކަމާބެހޭ ފަރާތްތަކަށް އާދޭސްކުރަމުންނެވެ.

comment ކޮމެންޓް