ޣަައްޒާގެ އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް ހުއްޓިފައި: 8،000 ހަށިގަނޑު އަދިވެސް އިމާރާތްތަކުގެ ދަށުގައި

އިސްރާއީލުން ގެތަކަށް ހަމަލާދިން ތަނުން، އިމާރާތްތަކުގެ ދަށުން ފަލަސްތީނުގެ މީހެއްގެ ހަށިގަނޑު ސިވިލް ވޯކަރުން ހޯދަނީ. ފޮޓޯ/ރޮއިޓާސް

ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި 8000 އަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ހަށިގަނޑުތައް އެބަހުރި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އާއި ހާރެޓްޒް ނޫހުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެމެރިކާ މެދުވެރިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިތާ ހަ މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ޣައްޒާ އަދިވެސް އޮތީ ބޮޑު ސަހަރާއެއްގެ ގޮތުގައެވެ.

ހަނގުރާމަ ހުއްޓާލި ނަމަވެސް، އެ ސަރަހައްދުގެ އެއްވެސް ކަހަލަ އުމްރާނީ ވަސީލަތެއް ނެތް ކަމަށާއި އެތަނުގައި ހުރި 68 މިލިއަން މެޓްރިކް ޓަނުގެ ކުނީގެ ތެރެއިން މިހާތަނަށް ސާފުކުރެވިފައިވަނީ ގާތްގަޑަކަށް އެއް ޕަސަންޓަށްވުރެ މަދުން ކަމަށް އެ ރިޕޯޓުގައިވެއެވެ.

އދ. އާއި ވޯލްޑް ބޭންކާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ކުރި އެސެސްމަންޓެއްގައި ލަފާކޮށްފައިވާ ގޮތުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ހަމައެކަނި ސާފުކުރުމަށް 1.7 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ޚަރަދުވާނެއެވެ.

ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ވެރިޔާ އެލެގްޒެންޑާ ޑި ކްރޫ ވަނީ މިހާރު މަސައްކަތް ކުރަމުންދާ ސްޕީޑުގައި އެ ސަރަހައްދު ސާފުކުރުމަށް މަދުވެގެން ހަތް އަހަރު ނަގާނެ ކަމަށް ވިދާޅުވެފައެވެ.

ޣައްޒާގެ ދީރް އަލް ބަލާހުގައި ކުޑަކުއްޖަކު ވަޅުލަނީ. ފޮޓޯ/އޭޕީ

އާއިލާ މީހުންގެ ހަށިގަނޑުތައް ހޯދަން ގާތްތިމާގެ މީހުންގެ ފަރާތުން ސިވިލް ޑިފެންސް ޓީމުތަކަށް އެތައް ހާސް ކޯލެއް ލިބެމުން ދިޔަ ނަމަވެސް ބޮޑެތި މެޝިނަރީތަކާއި ހާއްސަ ސާމާނު ނެތުމުން ޣައްޒާ ސިޓީގެ ޝުޖައިއްޔާ އާއި ތުއްފާ ފަދަ އަވަށްތައް ހިމެނޭ ގޮތަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކުން ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ސާފުކުރުމުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

އޭގެތެރެއިން ގިނަ މި އިމާރާތްތައް ހުންނަނީ "ޔެލޯ ލައިން" ކިޔާ ސަރަހައްދުގެ ބޭރުގައި ކަމަށްވާއިރު، އެއީ އަދިވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ސީދާ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކެކެވެ.

އާއިލާތަކަށް ރެޑްކްރޮސް އާއި އދ. ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އަންގާފައިވާ ގޮތުގައި އެ ސަރަހައްދުތަކަށް ވަނުމަށް އިސްރާއީލުގެ ހުއްދަ ބޭނުންވެއެވެ. އަދި ގިނަ ފަހަރަށް އެ ހުއްދަ ނުލިބޭ ކަމަށެވެ.

ހަނގުރާމަ ހުއްޓާލަން މިދިޔަ ޖެނުއަރީ މަހު އެއްބަސްވި ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން އަދިވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ރިޕޯޓްކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ފަލަސްތީނުގެ 828 މީހުން މަރާލާފައިވާއިރު، އޭގެ ކުރިން ދެ އަހަރު ދުވަސް ވަންދެން ކުރި ހަނގުރާމައިގެ ތެރޭގައި ހިނގި ނަސްލު ނައްތާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 72،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އިސްރާއީލުގެ މި އަނިޔާވެރިކަން ކުރިއަށްދާއިރު، ސިވިލް ޑިފެންސް ސައިޓްތަކާއި އެމްބިއުލާންސްތަކަށް ހަމަލާތައް ދިނުމުގެ ނުރައްކާ އަދިވެސް އޮތްއިރު،ރެސްކިއު ވޯކަރުންނާއި ބައިނަލްއަގްވާމީ ކޮންޓްރެކްޓަރުންގެ އޮޕަރޭޝަންތަަކަށް ވަނީ ހުރަސް އެޅިފައެވެ.

comment ކޮމެންޓް