މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޅެން ހެދުމާއި، މަޒުމޫނު ލިޔުން އަދި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ.
ދިވެހިބަހާއި ސަގާފަތާއި ތާރީޚުގެ ރޮނގުން ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ދިވެހި ބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް މުހިންމު ހަރަކާތްތަކެއް ރާވައިގެން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ތަފާތު އެކި ހަރަކާތްތައް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހި ބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް މުހިންމު ހަރަކާތްތަކެއް ރާވައިގެން ކުރިއަށް އެބަ ގެންދޭ. އެގޮތަށް މި އަހަރުވެސް ވަނީ ހަރަކާތްތަކެއް ރޭވިފަ. އެގޮތުން އޭގެ އެއްކަމަކީ މިމަހުގެ 20 ގައި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތާއި ޅެން ހެދުމުގެ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތް ހުޅުވާލުން،" މި ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހީނާ ވިދާޅުވިއެވެ.
މި މުބާރާތްތަކަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ މުބާރާތެކެކެވެ.
ދިވެހިބަހުގެ އެކެޑަމީން ދާދިފަހުން ހިންގި ހަރަކާތްތަކަށް ބަލާއިރު، ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ފާހަގަކުރެވެއެވެ. ފަސް ޕްރީސްކޫލަކުން ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިބަހުގެ އެކެޑަމީއާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ތާރީޚީ މައުލޫމާތު ދިނުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެއް ވެސް މިދިޔަ އޭޕްރީލް މަހު ބާއްވާފައިވެއެވެ.
މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތާރީޚާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، ކުޑަކުދިންނަށް މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށް ހީނާ ވިދާޅުވިއެވެ.
ގައުމީ މުބާރާތްތަކުގެ މަގުސަދަކީ ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްގީ ކުރުންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.