ފުރަތަމަ އަމާޒަކީ ޕާޓީގެ ފައިސާގެ ތަފްސީލު އާންމު މެންބަރުންނަށް ހާމަކުރުން: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް: ވިދާޅުވީ ޕާޓީގެ ފައިސާގެ ތަފްސީލު އާއްމުކުރާނެ ކަމަށް -- ފޮޓޯ/ އެކްސް، މީކާއީލް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، އޭނާ އެ މަގާމަށް އިންތިޚާބުވެއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޕާޓީގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަކަށް އާންމުކުރުން ކަމަށެވެ. މީކާއީލްގެ އިތުބާރު ސައްލާ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން، އޭނާ ފާހަގަކުރެއްވީ ޕާޓީއަކީ ހަމައެކަނި އިސްވެރިންގެ އެއްޗެއް ނޫން ކަމަށާއި، ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް އާންމު މެންބަރުންނަށް އެނގެންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ޕާޓީ ދޫކޮށް ދިޔަ ފަރާތްތަކާއެކު އަލުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި، ނަމަވެސް ޕާޓީގެ ހިންގުން އެފަރާތްތަކާ ހަވާލުނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ހުރިހާ މަގާމެއްގައި އެއް ބަޔަކު ތިބުމުގެ ސަގާފަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

  • މަގާމަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ އަމާޒަކީ މާލީ ކަންކަން ހާމަކުރުން
  • ޕާޓީއަކީ އާންމު މެންބަރުންގެ އެއްޗެއްކަން ކަށަވަރުކޮށްދިނުން
  • ޕާޓީ ދޫކޮށްދިޔަ މީހުންނާ ގުޅިގެން މަސައްކަތްކުރި ނަމަވެސް ހިންގުން ހަވާލުނުކުރުން
  • މަގާމުތަކުގައި އެއްބަޔަކު ތިބޭ ސަގާފަތް ނައްތާލުން

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، އެ މަގާމަށް އިންތިޚާބުވެއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޕާޓީގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަކަށް އާންމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލްގެ "އިތުބާރު" ކެމްޕެއިންގެ ސިލްސިލާ ޕޮޑްކާސްޓް، "އިތުބާރު ސައްލާ" ގެ ދެވަނަ އެޕިސޯޑުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މީކާއީލް ވިދާޅުވީ، ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް އާންމު މެންބަރުންނަށް އެނގުމަކީ އެމީހުންގެ ހައްގެއް ކަމަށެވެ.

ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް ޕާޓީގެ އާންމު މެމްބަރުންނަށް އެބަ އެނގެންޖެހޭ. މި ޕާޓީއަކީ ވަކި މީހެއްގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ މަތީ ފަޑީގައި ތިބޭ ޗެއާޕާސަނާއި ޑެޕިއުޓީންނާއި ރައީސާއި ނައިބު ރައީސް، އެއީ މިމީހުންގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ އާންމު މެމްބަރުންގެ ޕާޓީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

ރަށްރަށަށް ދަތުރުކުރައްވާއިރު، ޕާޓީއަށް ލިބޭ ފައިސާއާ މެދު އާންމު މެންބަރުން ކަންބޮޑުވުން ފާޅުކޮށް ގިނަ ސުވާލުތަކެއް ކުރާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ޕާޓީގެ މާލީ ހިސާބުތަކާއި ޚަރަދުތައް އާންމުކޮށް، މިއީ ހަގީގަތުގައި ވެސް އާންމު މެންބަރުންގެ ޕާޓީއެއްކަމުގެ އިހުސާސް އޭރުން ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީ ބައިވެގެން ދިޔުމަށްފަހު، އެހެން ޕާޓީތަކަށް ދިޔަ ފަރާތްތަކާއެކު އަލުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން އާންމު މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް މީކާއީލް ވަނީ އެ ޕޮޑްކާސްޓުގައި އަލިއަޅުވާލައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުމުގެ ސަބަބުން އާންމު މެންބަރުންނަށް ލިބުނު ގެއްލުންތަކާއި ވަޒީފާއިން ކަނޑާލުން ފަދަ ކަންކަމުގެ ހިތާމަ އަދިވެސް ނުފިލާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މުސްތަގުބަލަށް ވިސްނައި، ޕާޓީ އެއްކޮށް މަސައްކަތްކުރަން ޖެހޭކަން މީކާއީލް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އެބަޖެހޭ އެއްކޮށް މަސައްކަތް ކުރަން. އޭގެ މާނައެއް ނޫން ޕާޓީގެ ހުންގާނު އަޅުގަނޑުމެން ހަމަ އެދެރަ ދިން މީހުންނާ ހަވާލު ކުރުން. އެހެންނަމަވެސް އެ ބޭފުޅުންގެ ވެސް ބައިވެރިވުން އެ ބޭފުޅުންގެ ވެސް އެޑްވައިސް އަޅުގަނޑުމެން ކުރިއަށް ދިއުމުގައި އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ކުރިން ޕާޓީ ހިންގި ބޭފުޅުންގެ ޚިދުމަތްތައް ބަލައިގަންނަ ކަމަށެވެ. އެހެންނަމަވެސް، ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާކަން ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ އުފެދިގެން އައީ 30 އަހަރުގެ ދިގު ހުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށްކަން ފާހަގަކުރައްވައި، ހުރިހާ މަގާމެއްގައި އެއް ބަޔަކު ތިބޭ ސަގާފަތް ޕާޓީގެ ތެރޭގައި ވެސް އަށަގަތުމަށް ފުރުސަތު ނުދިނުމަކީ މުހިންމު ކަމެއްކަމުގައި މީކާއީލް ފާހަގަކުރެއްވިއެވެ.

މީކާއީލްގެ "އިތުބާރު ސައްލާ" އަކީ ޕާޓީގެ އާންމު މެންބަރުންނާ ގާތުން މުއާމަލާތްކޮށް، އެމީހުންގެ ސުވާލުތަކަށް ސީދާ ޖަވާބުދިނުމަށް ކެމްޕެއިންގެ ތެރެއިން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

comment ކޮމެންޓް