ޗައިނާއިން އަންނަ މަހު އިތުރަށް ތެޔޮ އެކްސްޕޯޓްކޮށް، ރާއްޖެއަށް ވެސް ވިއްކާނެ: ރިޕޯޓް

ހުޅުމާލޭ ޕެޓްރޯލް ޝެޑް: ޗައިނާއިން އަންނަ މަހު އިތުރަށް ތެޔޮ އެކްސްޕޯޓްކޮށް، ރާއްޖެއަށް ވެސް ވިއްކާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޗައިނާއިން ތެޔޮ އެކްސްޕޯޓުކުރުން މަޑުޖައްސާލުމަށްފަހު، އަންނަ މަހު އެކްސްޕޯޓުކުރާ މިންވަރު އިތުރުކޮށް ރާއްޖެއަށްވެސް ތެޔޮ ވިއްކުމަށް ވަނީ ނިންމާފައެވެ. ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އޮމާނަށް ބަރޯސާވުން ކުޑަކޮށް، އެހެން ގައުމުތަކުން ތެޔޮ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަންނަނީ ކުރަމުންނެވެ. ޗައިނާއިން އަންނަ މަހު ފަސްލައްކަ ޓަނުގެ ތެޔޮ އެކްސްޕޯޓުކުރަން ނިންމާފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ ތެލުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

  • ޗައިނާއިން އަންނަ މަހު 500000 ޓަނުގެ ތެޔޮ އެކްސްޕޯޓުކުރާނެ
  • ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކަށްވެސް ޗައިނާއިން ތެޔޮ ވިއްކާނެ
  • ރާއްޖެއިން އޮމާނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރަނީ
  • ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް ރާއްޖޭގައި ވަރަށް ބޮޑަށް އުފުލިފައިވޭ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޗައިނާއިން ތެޔޮ އެކްސްޕޯޓްކުރުން މަޑުޖައްސާލައިފައި އޮތުމަށްފަހު، އަލުން ތެޔޮ އެކްސްޕޯޓްކުރުން އިތުރުކުރުމަށާއި ރާއްޖެއަށް ވެސް ތެޔޮ ވިއްކަން ނިންމައިފައިވާ ކަމަށް ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށްވާއިރު، މެދުއިރުމަތީގައި ބޮޑެތި ހަމަނުޖެހުންތައް ހިނގުމުން، ތެލުގެ ޝިޕްމެންޓުތަކަށް ބުރޫ އެރުމުގެ ފުރުސަތު އޮވެއެވެ. ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތަ ހިއްސާކުރަނީ އޮމާނުން ކަމަށްވާއިރު، މި ގައުމަށް ޗައިނާއިން ވެސް ކުޑަ މިންވަރަކަށް ތެޔޮ އެތެރެކުރެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައަށް ފަހު ދިވެހި ސަރުކާރުން ވަނީ ތެޔޮ ގެނައުމުގައި އޮމާނަށް ބަރޯސާވުން ކުޑަކޮށް، އެހެން ބައެއް ގައުމުތަކުން ވެސް ތެޔޮ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.

https://sun.mv/220661

ރޮއިޓާސް ނޫހުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން އަންނަ މަހު 500،000 ޓަނުގެ ތެޔޮ، ހޮންކޮންގެ ނޫން އެހެން ސަރަހައްދުތަކަށް އެކްސްޕޯޓްކުރަން ވަނީ ހުއްދަ ދީފައެވެ. އެ ގައުމުން އެގޮތަށް ނިންމައިފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އެކްސްޕޯޓް ނުކުރަން މިދިޔަ މަހު ނިންމުމަށް ފަހުގައެވެ. މި މަހު އެ ގައުމުން ކޮންމެވެސް މިންވަރަކަށް ތެޔޮ އެކްސްޕޯޓްކުރަން ނިންމައިފައިވާއިރު، އަންނަ މަހަށް ކަނޑައަޅައިފައިވާ އަދަދަކީ އޭގެ ދެގުނަ އަދަދެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުގައި ވަނީ ޗައިނާއިން އެ ތެޔޮ ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒިލެންޑް އަދި ސްރީ ލަންކާ ހިމެނޭ ކަމަށެވެ. އެގޮތުން ވިއްކާ 500،000 ޓަނުގެ ތެރެއިން 40 ޕަސެންޓް ހިއްސާކުރާނީ ޑީސެލާއި ޖެޓް ފިއުލް ކަމަށް ވެސް، ނަން ހާމަ ނުކުރާ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު އެންމެ މަތިވި 10 ގައުމުގެ ތެރޭ ރާއްޖެ ހިމެނުނެވެ. އެގޮތުން ތެޔޮ އެތެރެކުރާ ސަރުކާރު ކުންފުނި އެސްޓީއޯއިން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ބޮޑުކޮށްފައިވެއެވެ.

އޭގެ ސަބަބުން 15 ނުވަތަ 16 ރުފިޔާއަށް ލިބެމުން އައި ޕެޓްރޯލާއި ޑީސެލްގެ އަގުތައް މިދިޔަ މަހު ބައެއް އަތޮޅުތަކުގައި ވަނީ 30 ރުފިޔާއަށް ވެސް އަރައިފައެވެ.

https://sun.mv/221325

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން ވެސް ދަށްވެފައިވާއިރު، އެމްއޭސީއެލްއިން ވަނީ މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ވެސް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބޮޑުކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ، އެ ކުންފުންޏާއެކު ކުރި މަސައްކަތުން އަގު ދަށްކުރެވިފައިވާ ކަމަށް އިއްޔެ ބުނެފައެވެ.

މި ސަރުކާރުން ވަނީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއެކު ވެސް މެދުކެނޑުމެއްނެތި ތެޔޮ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް