މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 88 ޕަސެންޓްގެ އިތުރުވުމެކެވެ.
އެމްޓީސީސީގެ ފައިދާ އިތުރުވި ނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ވަނީ އެއް ޕަސެންޓް ދަށްވެފައެވެ.
އެގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓްރޭޑިން ދާއިރާގެ އާމްދަނީ ދަށްވުމެވެ. ޓްރޭޑިން އިން މިދިޔަ އަހަރު ލިބުނީ 244 މިލިއަން ރުފިޔާއެވެ.
އަދި ދަތުރުފަތުރުގެ ދާއިރާއިން 150 މިލިއަން ރުފިޔާ ލިބުނުއިރު، އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރި ކޮންސްޓްރަކްޝަން އަދި ޑްރެޖިން މަސައްކަތްތަކުން 1.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކުންފުނީގެ އެޑްމިނިސްޓްރޭޓިވް ހަރަދުތައް މިދިޔަ އަހަރު ވަނީ ހަ ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން އެފަދަ ހަރަދުތަކަށް 367 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެހާސް ސައުވީސްވަނަ އަހަރު އެކަމަށް ހޭދަކޮށްފައިވަނީ 347 މިލިއަން ރުފިޔާއެވެ. ހިންގުމުގެ ހަރަދުތައް އިތުރުވި ނަމަވެސް، މާކެޓިން ހަރަދު ވަނީ 20 މިލިއަން ރުފިޔާ އިން 13 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.
މީގެއިތުރުން، ކުންފުނީގައި މަސައްކަތް ކުރާ 5،395 މުވައްޒަފުންގެ މުސާރަ ދިނުމަށާއި އެހެން އެލަވަންސްތަކަށް ޖުމްލަ 814 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ 2024 ވަނަ އަހަރު ހޭދަކުރި 749 މިލިއަން ރުފިޔާއާ އަޅާބަލާއިރު 65 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، އޭގެ ފަހުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ފައިދާ އެންމެ ބޮޑަށް ދަށްވި އަހަރު ލިބިފައިވަނީ 45 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފައިދާ ވަނީ އެ އަދަދާ އަޅާބަލާއިރު ބޮޑުތަނުން ރަނގަޅުވެފައެވެ.